ދިވެހި އަދަބީބަސް ދިރުވާ އާލާކުރުމަށް އަމާޒުކޮށް އެސްޓީއޯގެ އަންނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.
އިއްޔެ އާޓިފިޝަލް ބީޗުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި މި ކަލަންޑަރު ނެރެދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ.
އަމްރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ބަސްތައް ބޭނުން ކުރާ އިރު އަދަބީ ބަސްތައް ބޭނުންކޮށް އުޅޭ ކަމަށާއި އެ ބަސްތަކަކީ ވަރަށް ގިނަ ބައެއްގެ ތަޖުރިބާތަކާއެކު އައިސްފައިވާ ބަސްތަކެއް ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ކަލަންޑަރު ފަރުމާ ކުރުމުގައި ދިވެހި އަދަބީ ބަސް އާލާކޮށް، ދިރުވުމަށް އިސްކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ދިވެހިންގެ ތެރޭގައި ބޭނުންކުރާ މިސާލު ބަހާއި ހަރުބަސްތަކަކީ ޒަމާނުއްސުރެ ބޭނުން ކުރާ ބަސްތަކަކަށްވި ނަމަވެސް, ދުނިޔެ ބަދަލުވެ ހިޔާލާއި އާ ކަންކަން އަންނަ އިރު, ހަރުބަހަކީ ވެސް އާ ވަމުން އަންނަ އެއްޗެއްގެ ގޮތުގައިވުން މުހިންމު ކަމަށް ދެކެވަޑައިގަންނަކަމަށެވެ. މިކަން ކަލަންޑަރުން ފެންނާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މި ކަލަންޑަރުގެ ފުރަތަމަ ސަފްހާއިން ފެށިގެންވެސް ފީނާލެވޭނީ ހިޔާލީ ދުނިޔެއަކަށެވެ.
އެސްޓީއޯ އިން އަންނަނީ ކޮންމެ އަހަރަކަށް ވެސް ތަފާތު ކަލަންޑަރެއް ނެރެމުންނެވެ. އެގޮތުން މިއަހަރުގެ ކަލަންޑަރު ހާއްސަ ކުރީ ރާއްޖޭގެ ތިމާވެށީގެ ދިރުންތަކަށެވެ. މި ކަލަންޑަރު ވެގެންދިޔައީ ގިނަ ބަޔަކަށް ކަމުދިޔަ މަޖާ ކަލަންޑަރަކަށެވެ.
އިއްޔެގެ ހަފްލާގައި އެސްޓީއޯއިން ވަނީ ކުޑަކުދިންނަށް ހާއްސަ އަދަބީ ބަސް އެކުލެވޭ ފޮތެއްވެސް ނެރެފައެވެ. މި ފޮތް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއް ރަހީމެވެެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!