ޓީމުން ބޭރު މީހުން ގަންޖުފަރާސް ލައްވާފައި ޓީީމަށް ގޭމު ކުޅެން އެރުވުމަކީ ކުޅިވަރުގެ ރޫހާ މުޅިން މުޑިއަރާ، ސުމެއްގެ ކަމެއްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ޑރ. މައުސޫމް މިމޭރުމުން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައިއެވެ. ބެލެވޭ ގޮތުގައި އެ ޓްވީޓްގައި މިނިސްޓަރު މައުސޫމް އިޝާރާތް ކުރައްވާފައި ވަނީ މާލެ އަތޮޅު ގުރައިދޫގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގައި ބޭރުމީހެއް، އެ ކެމްޕޭންގެ ޓީޝާޓެއް ލައްވައިގެން ހުއްޓާ ފެންނަ ދައުރުވަމުންދާ ފޮޓޯއަށެވެ.
އެ ފޮޓޯއިން ޔޫރަޕް މީހެއް "އިންޑިއާ މިލިޓަރީ އައުޓް" ޖަހާފައިވާ ޓީޝާޓެއް ލައިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި ސަލާމްކުރަން ހުއްޓާ ފެނެއެވެ.
އެ ފޮޓޯ މީސް މީޑިއާގައި ދައުރުވަމުންދާއިރު، ސިޔާސީ މިފަދަ ހަރަކާތްތަކުގެ ތެރެއަށް ބޭރުމުން ވައްދާ ކަމަށް ބުނެ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އިދިކޮޅު ކޯލިޝަނަށް އަމާޒުވެފައެވެ.
ކަންމިހެން ހިނގާފައިވަނިކޮށް މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓްގައި ނުސީދާކަން އެ އިޝާރާތް ކުރެއްވީވެސް އެކަމަށް ކަމަށް ބެލެވެއެވެ. ޑރ. މައުސޫމް ވިދާޅުވީ "ޓީމުން ބޭރުމީހުން ގަންޖުފަރާސް ލައްވާފަ ޓީީމަށް ގޭމު ކުޅެން އެރުވުމަކީ ކުޅިވަރުގެ ރޫހާމުޅިން މުޑިއަރާ ސުމެއްގެ ކަމެއް" ކަމަށެވެ
އެއަށްފަހު މިނިސްޓަރު ވަނީ އޭނާ "ގޭމު" ބޭނުންކުރި މާނަވެސް ވިދާޅުވެ ދެއްވާފައެވެ. މިގޮތުން ގޭމޭ ބުނެވުނު ބަހުގެ މާނައިގައި ސިޔާސީ ގޭމު އިސްވެގެންވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޓީމުންބޭރުމީހުން ގަންޖުފަރާސް ލައްވާފަ ޓީީމަށް ގޭމުކުޅެންއެރުވުމަކީ ކުޅިވަރުގެ ރޫހާމުޅިން މުޑިއަރާ ސުމެއްގެ ކަމެއް.
(ނޯޓު: ގޭމޭ ބުނެވުނުބަހުގެ މާނައިގާ ސިޔާސީގޭމު އިސްވެގެންވެއެވެ)— Abdulla Mausoom (@Mausoom_Maus) December 17, 2021
އިދިކޮޅު ކޯލިޝަނުން އިސްވެ އޮވެ ހިންގާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން އަތޮޅުތަކަށް ފުޅާކުރަން ނިންމައި، މި ހަފްތާ ބަންދުގައި ވަނީ އިދިކޮޅު ލީޑަރުޝިޕް މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކޮށް މި ކެމްޕޭން ހިންގާފައެވެ.
އިދިކޮޅު ލީޑަރ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނާއި، ޕީއެންސީގެ ރައީސް އަބުދުއްރަޙީމް އަބުދުﷲ (އަދުރޭ) އިސްކޮށް ތިއްބަވާ ކުރެއްވި މި ދަތުރުގައި ކ. ގުރައިދޫ އަދި ތުލުސްދޫއަށް ވަޑައިގެން "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭން ހަރަކާތްތައް ހިންގަވާފަވެއެވެ. މި ހަރަކާތްތަކުގައި އެ ކޯލިޝަންގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަރަކާތުގެ ދަށުން އިދިކޮޅުން އިއްޔެ މާލޭގައި ސައިކަލު ބުރެއްވެސް ކުރިއަށް ގެންދަން މަސައްކަތް ކޮށްފައެވެ. އެ ސައިކަލް ބުރަށް ވަރަށް ބޮޑަށް ތައްޔާރުވެ، ގިނަ އަދަދެއްގެ މީހުންނާއެކު އެ ހަރަކާތް ފަށަން ތައްޔާރުވެފައި ވަނިކޮށް ފުލުހުން ވަނީ އެ ހަރަކާތް ހުއްޓުވާފައެވެ. މި ހަރަކާތް ހުއްޓުވުމުގެ ހިނދުކޮޅެއް ކުރުން ފުލުހުންގެ ޚިދުމަތުން އާންމުކުރެއްވި ބަޔާނެއްގައި ވަނީ އެ އުޅަނދުބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި އެ ހިދުމަތުން ދެކޭ ކަމަށް ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!