ށ. ފީވަކުގައި މަދިރި އުފެދޭ މިންވަރު މަދުކޮށް ކޮންޓްރޯލް ކުރުމުގެ ގޮތުން ފީވަކުގެ ފުލުހުންނާއި ބައެއް ޢާންމު ރައްޔިތުން ގުޅިގެން ޙަރަކާތެއް ކުރިއަށް ގެންގޮއްސިއެވެ.

އެގޮތުން "މަދިރި މަރުޅި" ޝިޢާރުގެ ދަށުން މިދިޔަ ބުދަ ދުވަހުގެ ހަވީރު ކުރިއަށް ދިޔަ މި ޙަރަކާތުގައި މީހުން ދިރިއުޅޭ މަގުތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުގެ ކައިރީގައިވާ ވަލުގެ ސަރަހައްދުތައް ވަނީ ފޮގް ކޮށްފައެވެ.

Ad
rt

މި ހަރަކާތުގައި އިސްކޮށް ޙަރަކާތްތެރިވި ފީވަކުގެ ރައްޔިތެއް މަޢުލޫމާތު ދިން ގޮތުގައި، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ ޑެންގޫ ފަދަ ނުރައްކާތެރި ބަލިތަކުން ފީވަކުގެ ރައްޔިތުން ރައްކާތެރިކޮށް، މަދިރިން އާންމު ރައްޔިތުންނަށް ވާ އުނދަގޫތަކަށް ޙައްލެއް ގެނައުމެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރަށުގައި މަދިރި އާލާވުން މަދުކުރުމަށްޓަކާ ރަށު ފެންވަރުގައި ކުރެވޭނެ ކަންކަން ކުރުމަށްޓަކާ ރަށުގެ މުއައްސަަސާތަކާ ވާހަކަ ދައްކައިގެން މުއަައްސަސާތަކުގެ ލަފަޔާއިއެކު އެއްބާރުލުމާއެކު މިފަދަ ކަންކަން ރާވާ ހިންގާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މަދިރީގެ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިންސުރެ ފީވަކުގައި ބޮޑު މައްސަލައެއްކަމަށް މި ނޫހާއި ވާހަކަ ދެއްކި އެރަށު ބައެއް މީހުން ފާހަގަކޮށްފަވެއެވެ.

އެރަށު ބައެއް މީހުން ދެކޭގޮތުގައި މަދިރީގެ އުނދަގޫ ފީވަކުގައި ބޮޑުވާ މައިގަނޑު މަޤްސަދަކީ ވާރޭ މޫސުމުގައި ވާރޭވެހި ފެން ހަރުލާ ފަދަ ޒާތްޒާތުގެ ތަކެއްޗަށް ފެން އެޅި ގިނައިރު ހަރުލާ ހުރުމާއި، ރަށުގެ މަގުތަކާއި، ވަލުގައި ފެންހެދި ގިނަ ދުވަސްތަކެއް ވަންދެން ފެންގަނޑު ނުހިނދި އޮތުމެވެ.

އަދި އެރަށުގެ އަނެއްބަޔަކު ދެކޭގޮތުގައި އެ ރަށުގައި މީހުން އުޅޭ ސަރަހައްދަށްވުރެއް ޖަންގަލި ސަރަހައްދު ބޮޑުވުމާއެކު، އެ ތަންތަނަކީ ގިނަ ޢަދަދަކަށް ކަންޒާއި ކޯރު ފަދަ ތަންތަން ހުންނަ ތަނަކަށް ވާތީ އެއީ މަދިރިތަކަށް އާލާވާން މެދުވެރިވާ ސަބަބެއްކަމަށް އެ ފަރާތްތަކުން ސިފަކުރެއެވެ.

މަދިރީގެ އުނދަގުލުން ރައްކާތެރިވުމަށް މީގެ ކުރިންވެސް ތަފާތު ކަންކަން އެރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފޮގް ކުރުމުގެ އިތުރުން މަދިރި އާލާވާ ތަންތަން ދެނެގަނެ އެތަންތަނަށް ބޭސްޖެހުމާއި އެތަންތަން ނައްތާލުމުގެ މަސައްކަތެއްވެސް މީގެ ކުރިން ކުރިއަށްގެންގޮސްފައިވެއެވެ. އަދި މަދިރީގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އަންގައިދިނުމުގެ އެރަށުގައި ތިއްބަވާ ފުލުހުންގެ އެހީތެރިކަމާއި އެކު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވެސް މީގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.