ހއ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ހއ. ބާރަށް އަދި ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތާއި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.

Ad
d

އެންވަޔަރަމެންޓް މިނިސްޓްރީ އާއި އީޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރެމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަލީ ނަސީރު ވިދާޅުވީ، ރުއްގަސް ނަގަނީ ގާނޫނީ އިމުގެ ތެރެއިންތޯ މިނިސްޓްރީއާއި އީޕީއޭއިން ކަށަވަރު ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ބާރަށުން ނަގަމުން ދަނީ ސިވެރޭޖް ޕްރޮޖެކްޓަކަށް ސާފު ކުރަމުންދާ ބިމުގައި ހުރި ރުއްތަކެކެވެ. އީއައިއޭ ހެދުމަށް ފަހު އެ ސަރަހައްދުން 600 އަށް ވުރެ ގިނަ ރުއްގަސް ނެގުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަސީރު ވިދާޅުވީ، ރުއްގަސް ނަގައިގެން ގެންދިޔުމަށް ފަހު ދެން ރުކަށް ވާ ގޮތް ބަލަން އުނދަގޫ ކަމަށެވެ.

އަދި އެއްތަނު އަނެއް ތަނަށް ރުއްގަސް ގެންދާ ކަމުގެ ރިޕޯޓު ލިބިއްޖެ ނަމަ އެކަމެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ޑރ. ނަސީރު ދެއްވިއެވެ.

"އަޅުގަނޑުމެން ހުއްދަދޭ ރަށްތަކުގައި އެންމެ މަދުވެގެން ނެގޭ ރުއްތަކުގެ 20 އިންސައްތަ އިންދަން ޖެހޭނެ،" ޑރ. ނަސީރު ވިދާޅުވިއެވެ.

Ad
df

"އަޅުގަނޑުމެންވެސް މިދަނީ އަޅުގަނޑުމެންގެ ފަރާތުން ކުރަން ޖެހޭ ކަންތައްތައް ކުރަމުން. އަޅުގަނޑުމެން ހުއްދަދޭ އިތުރު ރަށްތަކުގައިވެސް އަޅުގަނޑުމެން ދޭ ހުއްދައާ އެއްގޮތަށް ރުއްތައް އިންދާތޯ، ނަގާ ކޮންމެ ރުކަކަށް ދެ ރުއް އިންދާތޯ އަޅުގަނޑުމެން ދާނީ ބަލަމުން މޮނިޓާ ކުރަމުން،" ޑރ. އިބްރާހިމް ވިދާޅުވިއެވެ.