ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު "އުފަންވެނި ޞިއްޙަތު" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީގޮތުން އިއްޔެ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިއީ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) ގެ އެހީގައި ގާއިމުކުރި މަރުކަޒެކެވެ.
ކޭއާރުއެޗްގައި އިއްޔެ އިފްތިތާޙްކުރި "އުފަންވެނި ޞިއްޙަތު" މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
މި މަޒުކަޒު އިފްތިތާޙްކުރުމުގެ ގޮތުން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
މީގެއިތުރުން ކޭއާރުއެޗް ތަރައްޤީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކާއެކު މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ޚިދުމަތްތައް ހޯދި މީހުންގެ އަދަދު 3 ލައްކައާ ގާތްކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ކަންކަމުން އެނގިގެން ދަނީ އެ ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ރައްޔިތުން އިތުބާރުކުރާ މިންވަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޚިދުމަތްތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަން ވެސް ފާހަގަ ކުރަށްވާފައެވެ. އަދި ބަލިވެގެންހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުން ނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުށީ ސިޓީއަށާއި ސަރަހައްދުގެ ރައްޔިތުންނަށް މިފަދަ މަރުކަޒެއްގެ ސަބަބުން ލިބިގެންދާނެ ފަސޭހަކަމަށް އަލިއަޅުއްވައިލައްވާފައިވެއެވެ. މިގޮތުން، ކޭއާރުއެޗްއިން އެހެން ޚިދުމަތްތައް ހޯއްދަވާ ފަރާތްތަކާ މާބަނޑު މީހުންނަށް ވަކިން ޚިދުމަތް ލިބިގެންދިއުމުން ލިބިގެންދާނެ ފަސޭހަތަކަށް އަލިއަޅުއްވައިލައްވާފައިވެއެވެ.
އަދި މީގެ އިތުރުން މޭޔަރު އާތިފް ވަނީ ރައީސުލްޖުމްހުރިއްޔާ، އަދި ރައީސުލް ޖުމްހުރިއްޔާގެ ނައިބު ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ބަހައްޓަވާ އަހައްމިޔަތަށް ފާހަގަކުރަށްވާފައެވެ. އަދި ކުޅުދުއްފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓާރޝިއަރީ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.
ކޭއާރުއެޗްގައި ގާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު "އުފަންވެނި ޞިއްޙަތު" އިފްތިތާޙް ކޮށްދެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ވަނީ އެ މަރުކަޒު ބައްލަވާލައްލެއްވުމުގެ އިތުރުން ކޭއާރުއެޗްއަށް ޒިޔާރަތްކުރައްވައި ހޮސްޕިޓަލުގެ ޙާލަތު ބައްލަވާލެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!