އުލިގަމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރުމަށް 36 ހެކްޓަރުގެ ބިން ދޫކޮށްފައިވެ އެވެ. މީގެ 12 އަހަރު ކުރިން ސިޓީ ހޮޓަލެއް އެ ރަށުގައި ތަރައްގީ ކުރުމަށް ދޫކޮށްފައިވީ ނަމަވެސް އެ ތަނުގައި ސިޓީ ހޮޓަލެއް ތަރައްގީކުރެވިފައެއް ނުވެ އެވެ. އެހެންކަމުން މިރިޕޯޓުގައި ބަލައިލާނީ އުލިގަމު ސިޓީ ހޮޓަލަށް ވީގޮތުގެ ތަފްޞީލަށެވެ. އުލިގަމު ސިޓީ ހޮޓެލް މިއަދާހަމައަށް އައިއިރުވެސް ނުނިމި ދިގުލައިގެން ދިޔަ ސަބަބުތަކާއި އެކަމުގައި އެކި ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތުގެ މައްޗަށެވެ.
ފޮޓޯ: މިހާރުހއ. އުލިގަމުގައި 4 ސްޓަރ ޕްލަސް ރިސޯޓެއް ނުވަތަ ސިޓީ ހޮޓަލެއް އެޅުމަށް އެއިރުގެ ސަރުކާރުން، ސަރުކާރާ އާންމު ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ހަވާލުކޮށް އެގްރީމެންޓްކޮށްފައިވަނީ 27 ފެބުރުއަރީ 2007 ވަނަ އަހަރުއެވެ. އެމްޓީޑީސީ އަށް ދީފައިވަނީ 25 އަހަރުގެ މުއްދަތަށެވެ. 25 އަހަރުގެ މުއްދަތު ފަށާނެކަމަށް ބުނެފައިވަނީ 27 ފެބުރުއަރީ 2010 ފެށިގެން ނެވެ. 36 މަހުން ނިންމާ އޮޕަރޭޝަންއަށް ގެނައުމަށް އެގްރީމަންޓް ކުރެވިގެންނެވެ. އެއްބަސްވުމުގައި ހުއްދަދީފައިވަނީ 200 އެނދުގެ ހޮޓަލެއް ހެދުމަށެވެ. ނަމަވެސް އެމްޓީޑީސީން ޕްލޭންކޮށްފައިވަނީ އުލިގަމުގައި 100 އެނދުގެ 50 ބީޗް ބަނގަލޯގެ މަސައްކަތް ފުރަތަމަ ހެދުމަށެވެ.
- 2008 ވަނަ އަހަރު މަސައްކަތް ވަރަށް ބާރަށް ކުރިއަށް
އެމްޓީޑީސީ އިން 2008 ވަނަ އަހަރު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެމަޝްރޫއަށް 63.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ބައެއް އިމާރާތްތައް ނިމިފައިވާ ކަމަށް އެއިރު އެމްޓީޑީސީއިން އައީ ބުނަމުންނެވެ. އެގޮތުން ވަޑާންކުރާ ގެއަކާއި ޓްރޭނިންގް ބްލޮކަކާއި ސީނިއާ މުއައްޒަފުންގެ އެކޮމޮޑޭޝަން ތިން ރޫމާއި 50 ލޭންޑް ވިލާއާއި ދެ ހައުސް ކީޕިންގް ހަޓްގެ ބައެއް މަސައްކަތްތައް ނިންމިފައި ވެއެވެ.
- މަސައްކަތް ފެށިތާ ތިން އަހަރު ވީއިރު ވެސް އެ ތަނުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށްނުދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ޝަކުވާ ކުރުމުން އެމްޓީޑީސީން ނޫސްބަޔާން ނެރުން : 24 އޭޕްރީލް 2010
ޝަކުވާ ކުރަމުން ދިއުމާ ގުޅިގެން އެމްޓީޑީސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ 2007 ވަނަ އަހަރު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށި ނަމަވެސް ރިސޯޓް ސަރަހައްދަށް އިތުރުކުރަންޖެހޭ ބިމުގެ މައްސަލަ ހަމަޖެހި އަލުން އިމާރާތް ކުރުމުގެ ހުއްދަ ލިބުނީ 2009 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައި ކަމަށާއި އަދި އެފަރާތުން އުލިގަމުގައި ތަރައްގީ ކުރަމުންގެންދާ 50 ކޮޓަރީގެ ސިޓީ ހޮޓަލުގެ މަސައްކަތް ކުރިއަށްގެންދަން ރޭވިފައި އޮތީ އެމްޓީޑީސީން ހަ މިލިޔަން ޑޮލަރު އަދި ލޯނު ފައިސާއިން ދިހަ މިލިޔަން ޑޮލަރާއެކު ޖުމްލަ ސޯޅަ މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
އަދި މި ސިޓީހޮޓާ ތަރައްގީ ކުރުމަށް މިހާތަނަށް ގާތްގަނޑަކަށް 6.5 މިލިޔަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ދިހަ މިލިޔަން ޑޮލަރުގެ ލޯނު ފެސިލިޓީ ހޯދުމުގެ މަސައްކަތް ކުރަމުން ގޮސް ލޯނު ފައިސާ ލިބޭނެކަމުގެ ފެހި ސިގުނަލް ލިބިފައިވާ ކަމަށާއި، ސިޓީހޮޓާ ކުރިއަށް ގެންދިއުމުގައި ސްޓްރެޓެޖިކް ޕާޓްނަރެއް ހޯދުމަށް ކައިރި މުސްތަގުބަލެއްގައި އިއްލާން ކުރާނެ ކަމަށް ވެސް އެމްޓީޑީސީން ބުނެއެވެ.
އަދި އެ މަސައްކަތް ކުރިއަށްދާތީ އެ ކުންފުނީގެ ބޯޑުން ނިންމާފައި ވަނީ ޕްރޮޖެކްޓް ކޮންމެވެސް ވަރަކަށް މަޑުޖައްސައިލުމަށް ކަމަށާއި، ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްކޮށް ހުއްޓައިލުމަށް ކުންފުނިން ނިންމާފައިނުވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ.
އަދި ޕްރޮޖެކްޓްގައި މުވައްޒިފުންގެ ތެރެއިން މިވަގުތު ކުރަމުންގެންދާ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ފިޔަވައި މުވައްޒިފުން މަދުކުރަމުން ގެންދާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ. އަދި މުޅި ޕްރޮޖެކްޓްގެ މަސައްކަތްތަކުގެ ތެރެއިން ޖޫނިއާ ސްޓާފް ބްލޮކާއި ސީނިއާ ސްޓާފް ބްލޮކްގެ ހުރިހާ މަސައްކަތެއް ނިމި ގެސްޓް ރޫމްތަކުގެ ކޮންކްރީޓާއި، މެޝިނަރީގެ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށާއި، ސްޓްރެޓެޖިކް ޕާޓްނަރެއް ލިބުމުން މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޓީޑީސީގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
- އުލިގަމް ސިޓީ ހޮޓަލުގެ މައްސަލާގައި އެމްޓީޑީސީ އާ ދެކޮޅަށް މުޒާހަރާކުރުން: 11 ޖެނުއަރީ 2012
ހއ. އުލިގަމުގައި އެމްޓީޑީސީ އިން ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން އުލިގަމު ޒުވާނުން މުޒާހަރާކޮށްފައެވެ.
އެ ރަށުގެ ޒުވާނުން މުޒާހަރާ ކުރީ އެމްޑީޓީޑީސީ އާއި ކުރީގެ އުލިގަމު ރަށްކުރިއަރުވާ ކޮމިޓީއާ ދެމެދު ވެފައިވާ އެއްބަސް ވުމާ ހިލާފަށް އެމްޓީޑީސީ އިން އަމަލުކޮށްފައި ވާތީ އެކަން އެމްޓީޑީސީ އާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ނެވެ.
އުލިގަމުގައި އެމްޓީޑީސީ އިން ސިޓި ހޮޓާ ގާއިމް ކުރުމަށް ބިން ދޫކުރިތާ ހަތަރު އަހަރުވެގެން ދިޔަ އިރު އެތަނުގެ މަސައްކަތް ނުކުރާ ތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އަދި ސިޓީ ހޮޓަލާއި ރަށުގެ މީހުން ދިރިއުޅޭ އަވަށާއި ދެމެދު ފާހަކޮށްފައިވާ ގްރީން ޒޯން ސަރަހައްދު ވެސް އެމްޓީޑީސީ އިން ވެރިކޮށްގެން އުޅޭ ކަމަށްބުނެއެވެ.
މުޒާހަރާގެ ބައިވެރިންގެ ކަންބޮޑުވުމަކީ އުލިގަމްގައި އެމްޓީޑީސީ އަށް ސީޓި ހޮޓާ އެޅުމަށް ދީފައިވާ ސަރަހައްދަށް ވުރެ ބޮޑު ބައެއްގައި ފެންސުޖަހައި ބޮޑު ގޭޓެއްލައި އެ ސަރަހައްދު ބަންދުކޮންގެން އުޅުމާއި ކައުންސިލުން ގަރާރެއް ފާސްކޮށް އެ ސަރަހައްދު ހަވާލުކުރުމަށް އެންގުމުން ވެސް އެކަމަށް އެއްވެސް އިޖާބައެއް ދީފައި ނުވާތީ އެވެ.
އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބުދުﷲ މިކަމާއިގުޅިގެން ނޫސްތަކަށް ދީފައިވާ އިންޓަރވިއުއެއްގައި ބުނެފައިވަނީ ގުރީން ޒޯން ސަރަހައްދު ސާފްކުރުމަށް ތިން މަސް ދުވަހުގެ މުހުލަތުދީ ގަރާރެއް ފާސްކުރުމުން ވެސް އެމްޓީޑީސީ އިން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ.
"އެ ސަރަހައްދުގައި އެމީހުން ބޮޑެތި ވަޅުގަނޑު ކޮނެ ކުނިވަޅުލާ ވަރަށް ގިނަ ގަސްތައް ކަނޑާފައި ހުރީ އަދި އެ ސަރަހައްދުން ވަނީ ބޮޑުމަގެއް ވެސް ހަދާފައި،"
އެ މައްސަލަ މިހާރު އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ވެސް ހުށައަޅާފައިވާ ކަމަށް އިމާދު ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ އެމްޓީޑިސީ އިން އެ ރަށުގައި ހަދާ ސިޓި ހޮޓާ ހެދުމުގެ މަސައްކަތް މެދުކަނޑާލި އިރު އެތަނުގައި ވަޒީފާގައި ތިބި 30 އަށް ވުރެ ގިނަ މީހުން ވަޒީފާ އިން ކަނޑާ ލާފައިވާ ކަމަށެވެ. އިމާދު ވިދާޅުވީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޯޑަށް އެދޭ އެދުމަކީ އެމްޓީޑީސީ އިން އެ ރަށުގެ ބިން ރައްޔިތުންނާއި ހަވާލްކުރުމަށް ފަހު އެ މީހުން މަސައްކަތްކުރަން ގެންގުޅޭ ސާމަނުތައް ހިފައިގެން ރަށުން ދިއުން ކަމަށެވެ.
- 100 މީޓަރުގެ ބިން ހޯދުމަށް އެމްޓީޑީސީ ގޮވައިގެން އުލިގަމް ކައުންސިލުން ކޯޓަށް: 25 ޑިސެމްބަރ 2012
ހއ. އުލިގަމުގައި ސިޓީ ހޮޓާ ހެދުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ދޫކުރި ބިމާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު އޮންނަ 100 މީޓަރުގެ ފެހި ޒޯން އެ ކޯޕަރޭޝަނުން ގަވާއިދާ ހިލާފަށް ބޭނުންކުރާތީ އެ ބިން ހޯދުމަށް އުލިގަމު ރަށު ކައުންސިލުން އެ ރަށު ކޯޓަށް ހުށައެޅިއެވެ.
- އުލިގަމު ހޮޓަލުގެ ޕްރޮޖެކްޓް ހުއްޓާލައި ބަދަލު ހޯދަން ސަރުކާރުގައި އެދުން: 2013 ޑިސެންބަރ
އެމްޓީޑީސީ ބޯޑުން ޑިސެމްބަރު މަހު މިގޮތަށް ނިންމީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ޕްރޮޖެކްޓަކީ ވިޔަފާރި އުސޫލުން ކުރިއަށް ގެންދެވިދާނެ ޕްރޮޖެކްޓެއް ކަމަށް ކުންފުންޏަށް ނުފެނުމުން ކަމަށެވެ. މިގޮތަށް އެމްޓީޑީސީން ނިންމިއިރު އުލިގަމް ސިޓީ ހޮޓާ ޕްރޮޖެކްޓްގެ 40 ޕަސަންޓް މަސައްކަތް އެކުންފުނިން ވަނީ ނިންމާފަ އެވެ. އެމްޓީޑީސީން ބުނާ ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ބިން ތަކުން ބިމު ކުލި ނަގާ އަދަދު ބޮޑު ކުރުމެވެ.
އެ މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެންމެ ފަހުން ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. އެއްބަސްވުން އުވާލިއިރު، ހޮޓަލުގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.
ފޮޓޯ: ސަން- އުލިގަމު ސިޓީ ހޮޓަލާ ގުޅޭ އޮޑިޓް ރިޕޯޓު: 26 ފެބުރުއަރީ 2015
ހއ. އުލިގަމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ އެމްޓީޑީސީއަށް މިހާތަނަށް ނިންމިފައިވަނީ އެ ޕްރޮޖެކްޓުގެ 29 ޕަސެންޓް ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވާ މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އުލިގަމު ސިޓީ ހޮޓަލާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ 2007 ވަނަ އަހަރު އެމްޓީޑީސީއާ ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓަށް ހަތް އަހަރާއި 10 މަސްދުވަސް ވެފައިވާއިރު ނިމިފައިވަނީ 39 ޕަސެންޓުގެ މަސައްކަތް ކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އުލިގަމު ސިޓީ ހޮޓާ ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު ނިޔަލަށް އިތުރު މުއްދަތު ސަރުކާރުން ދީފައިވީ ނަމަވެސް، އެ ޕްރޮޖެކްޓް ނިންމުމުގެ ތަސައްވުރެއް އެމްޓީޑީސީން ގެންގުޅެމުން ނުދާކަމަށާއި އެތަނުގައި އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން އެމްޓީޑީސީން އޮޑިޓް އޮފީހަށް ދީފައިވާ މައުލޫމާތުންނާއި އެ އޮފީހުން ބެލި ބެލުންތަކުން ފާހަގަކުރެވިފަވާ ކަމަށެވެ.
މީގެ އިތުރުން ސިޓީހޮޓާ އެޅުމަށް އެމްޓީޑީސީން ނަގާފައިވާ ބިމަށް ދައްކަން ޖެހޭ ކުއްޔަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިން ނަމަވެސް އެކުންފުނިން އެކަމަށް ވަކި ޖަވާބެއް ދީފައި ނުވާކަމަށާއި އެމަޝްރޫއު ހުއްޓާލަން އެކި ފަހަރު މަތިން އެމްޓީޑީސީން ނިންމާފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އެމްޓީޑީސީ އިން 2008 ވަނަ އަހަރު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މި ހާތަނަށް އެމަޝްރޫއަށް 63.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ބައެއް އިމާރާތްތައް ނިމިފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެ ޕްރޮޖެކްޓް ހުއްޓާލި އިރު ވަޑާންކުރާ ގެއަކާއި ޓްރޭނިންގް ބްލޮކަކާއި ސީނިއާ މުއައްޒަފުންގެ އެކޮމޮޑޭޝަން ތިން ރޫމާއި 50 ލޭންޑް ވިލާއާއި ދެ ހައުސް ކީޕިންގް ހަޓްގެ ބައެއް މަސައްކަތްތައް ނިމިފައި ވެއެވެ.
ފޮޓޯ: މިހާރު
ޓޫރިޒަމް ގާނޫނަށް އައި ބަދަލާ ގުޅުގެން ބިމު ކުލި ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާ ދިންނަމަވެސް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. މީގެއިތުރުން އުލިގަމު ސިޓީ ހޮޓަލުގެ ކުއްޔާއި އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭ 6.1 މިލިއަން ޑޮލަރު ދެއްކުން ލަސްކޮށްދިފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އުލިގަމު ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ މަޝްރޫއަށް 30 ސެޕްޓެމްބަރު 2013 ގެ ނިޔަލަށް 23.8 މިލިއަން ރުފިޔާގެ އިކުއިޕްމަންޓް ގަނެފައިވާއިރު، އެ މަޝްރޫއުގެ ބޭނުމަށް ގަނެފައިވާ ގިނަ އަދަދެއްގެ ތަކެތި ބޭނުން ނުކުރެވި ހުރިކަމާއި، ބައެއް ތަކެތި ވިއްކާލައި، ބައެއް އިމާރާތްތައް ވީރާނާވާން ދޫކޮށްލެވިފަ ހުރިކަން ފާހަގަކުރެވިފަވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އެ ޕްރޮޖެކްޓާއި ގުޅިގެން އޮޑިޓާ ޖެނެރަލް ވަނީ އުލިގަމުގައި ސިޓީ ހޮޓާ ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީޑީސީއަށް އިތުރަށް ކުރިއަށް ނުގެންދެވޭ ނަމަ ކުންފުންޏަށް އެންމެ މަންފާ ހުރި ގޮތެއްގައި ވިއްކާލުމަށް ނުވަތަ ކުއްޔަށް ދޫކޮށްލުމަށް ލާފާދެއްވާފަ އެވެ. މީގެ އިތުރުން އެ ޕްރޮޖެކްޓުގެ ބޭނުމަށް ގަނެފައިވާ ތަކެތީގެ ތެރެއިން ބާކީ ހުރި ތަކެތި ހަލާކުވެ ގެއްލުމުގެ ފުރުސަތު އޮތުމުން، އެތަކެތީގެ ފުރިހަމަ އިންވެންޓްރީއެއް ނެގުމަށްފަހު ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތެއްގައި ލަސްނުކޮށް އެތަކެއްޗާއި މެދު އަމުލު ކުރުމަށް ލަފާދެއްވައިފަ އެވެ.
އުލިގަމު ސިޓީ ހޮޓާ އެޅުމަށް އެމްޓީޑީސީއަށް ފުރަތަމަ ދޫކުރެވުނު ބިމުގެ އިތުރަށް ދެވުނު 12 ހެކްޓަރުގެ ބިން އިތުރުކޮށް ދިނުމަށް ކުރެވިފައިވާ އެއްބަސްވުމާއި އެއްގޮތަށް އެމްޓީޑީސީން އުލިގަމުގައި އަޅަންޖެހޭ މަސްމާރުކޭޓާއި ނަރުދަމާ ނިޒާމް ލަސްނުކޮށް ގާއިމުކޮށް ދިނުމަށާއި އެކަން އެގޮތަށް ކުރެވެން ނެތް ނަމަ އެއާ އެއްފަދަ ބަދަލެއް އުލިގަމު ރައްޔިތުންނަށް ދިނުން ނުވަތަ އެކަންކަމަށް ޝަރުތުކޮށް އެމްޓީޑީސީއަށް ދޫކުރެވުނު ބިން އަނބުރާ ހަވާލުކުރުމަށްވެސް އޮޑީޓާ ޖެނެރަލް ނިޔާޒު އިބްރަހީމް ވަނީ ލަފާދެއްވައިފަ އެވެ.
- އުލިގަމުގައި ސިޓީ ހޮޓާ ހަދަން ގެންދިޔަ ތަކެތި ނީލަމުގައި ވިއްކާލުން: 29 އޭޕްރީލް 2017
އެތަނުގައި ހުރި ތަކެތި ވިއްކާލަން އެމްޓީޑީސީން ނެރުނު އިއުލާނުގައި އެދިފައި ވަނީ ހޮޓާ އަޅަން ގެންދިޔަ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން މެއި 11 ވަނަ ދުވަހުގެ ކުރިން އުލިގަމު ކައުންސިލަށް ހުށަހެޅުމަށެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ތިން ދުވަސް ތެރޭގައި އުލިގަމު ކައުންސިލަށް ފައިސާ ދެއްކުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ފޮޓޯ: މިހާރު
ސިޓީ ހޮޓާ އަޅަން ގެންދިޔަ ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުންކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެތަނުގައި ގިނަ އަދަދަކަށް ބާ ހެވީ މެޝިނަރީ ވެހިކަލްތަކާއި ކޭބަލާއި ލަކުޑި އާއި ދަގަނޑު އަދި އެޅިގާ ވެސް ހުއްޓެވެ.
ފޮޓޯ: މިހާރު
- ސިޓީ ހޮޓާ އެޅުމަށް ކަނޑައެޅި 36 ހެކްޓަރުގެ ބިން އުލިގަމު ކައުންސިލާއި ހަވާލުކޮށް އެމަސައްކަތް އަލުން ކުރިޔަށް ގެންދަވާނެ ކަމުގައި މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް 5 ސެޕްޓެމްބަރ 2018 ގައި ވައުދުވުން
ރައީސް މިގޮތަށް ވައުދުވެފައިވަނީ އުލިގަމަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކަށް ވާނީ ކައުންސިލްތަކާއި ހަވާލުކޮށްގެން އެފަދަ މަޝްރޫއުތައްވެސް ކުރިޔަށް ގެންދިޔުންކަމަށާއި އެހެންކަމުން ސިޓީ ހޮޓާއެޅުމަށް ވަކިކުރި 36 ހެކްޓަރުގެ ބިން އަލުން ކައުންސިލާއި ހަވާލު ކުރައްވާނެ ކަމަށެވެ.
"އެގޮތުން ތިޔަ ބޭފުޅުން ބޭނުންވާ ގޮތަށް، އެތަން ތަރައްޤީ ކުރުމަށް ބޭނުންވާ، ވަސީލަތްތަކާއި ބޭނުންވާ އިންވެސްޓަރުން ހޯދުމާއި ފައިނޭންސް ހޯދުމުގައި އަޅުގަނޑުމެން ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދޭނަން."
5 ސެޕްޓެމްބަރ 2018 ވަނަދުވަހު މިހާރުގެ ރައީސް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް (އިބޫ) ވިދާޅުވިއެވެ.
- ހަރަދު ބެލުމަށް ފަހު އުލިގަމު ސިޓީ ހޮޓާ ހަދައި ހިންގަން އޯޕަން ބިޑަކަށް: 21 އޮގަސްޓް 2019
21 އޮގަސްޓް 2019 ވަނ ަދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އުލިގަމުގައި ހަދަން އުޅުނު 100 އެނދުގެ ހޮޓަލާ ގުޅޭ ކަންކަމަށް ކުރި ހަރަދު ދެނެގަތުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން މިހާރު ފަށާފައިވާ ކަމަށެވެ. އެކަން ނިމުމުން، އިއުލާން ކޮށްގެން ޝައުގުވެރިވާ ބަޔަކަށް އެ ތަން ހިންގަން ދޫކުރުމަށް ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"އުލިގަމުގައި އޭރު އެމްޓީޑީސީން ކޮށްފައި ހުރި އިންވެސްޓްމަންޓް އެކި ފަރާތްތަކުން ވެލިޔު ކުރަނީ އެކި ވަރަށް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިކަން ރަނގަޅަށް ކުރާ ނަމަ މިހާރު އެބަޖެހޭ ރަނގަޅު އަގު ދެނަގަންނަން. އެ މަސައްކަތް ކުރުމަށް މިހާރު ވާނީ ގެޒެޓް ކޮށްފައި، ވެލިޔު ކުރުމަށްފަހު، އެ ވެލިޔު އާއެކު ބިޑް ޕޭޕަރުތައް ތައްޔާރު ކުރާނީ"
މިނިސްޓަރު ވިދާޅުވީ އުލިގަން އޯޕަން ބިޑް އުސޫލުން ތަރައްގީ ކުރަން ހުޅުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
- ދެ މަސްދުވަހުގެ ތެރޭގައި އުލިގަމު ސިޓީ ހޮޓާ އަލުން އިއުލާންކުރަން ނިންމުން: 3 އޮކްޓޯބަރ 2019
ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ގާލާ ނައިޓްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވީ އުލިގަމުގެ އެސިސްމެންޓް ނިމުމަކާ ގާތްވެފައިވާ ކަމަށާއި އުލިގަމު ހުއްޓިފައިވާ އޮތް އޮތުން ނިމުމުކަން ގެންނާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
”އަޅުގަނޑު ޔަގީންކަން އަރުވަނީ އުލިގަމު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ އިއުލާންކުރެވޭ ވަރުވާނެއޭ. އިރާދަކުރެއްވިއްޔާ އުލިގަމު ހުއްޓިފައެއް ނޯނާނެ.“
އަލީ ވަހީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!