ފަނޑިޔާރުންނާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަޅާ ފިޔަވަޅުތައް އިސްތިއުނާފް ކުރާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒް މިއަދު އިންތިޚާބު ކޮށްފިި އެވެ.

އިއްޔެއިން ފެށިގެން އަމަލުކުރަން ފެށި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރުން ކަނޑައަޅާނީ އެ ދެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ މަޖިލީހުގައި ތިއްބަވާނީ ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

Ad
d

ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ފިޔަވަޅުތަކުގެ މައްސަލަ ކޯޓުތަކުން ނުބެލޭ ގޮތް ހަދައިފައިވަނީ ޖޭއެސްސީގެ ގާނޫނަށް މިދިޔަ މަހު ގެނައި އިސްލާހުގެ ދަށުންނެވެ. އެފަދަ މައްސަލަތައް ހަމައެކަނި ބެލޭނީ އެ އިސްލާހުގެ ދަށުން އުފެދޭ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ކަމަށް ވަނީ ހަމަޖައްސާފަ އެވެ.

ހައި ކޯޓުން ބުނިގޮތުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ މަޖިލީހަށް ފަނޑިޔާރު ނިޔާޒް އިންތިޚާބުކުރީ މިއަދެވެ.

ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުންދާ ފަނޑިޔާރު މުހައްމަދު ނިޔާޒު އަކީ ހދ. ވައިކަރަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. ފަނޑިޔާރު މުޙައްމަދު ނިޔާޒް ކުރިން ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރައްވާފައިވެއެވެ. ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒު ހައިކޯޓްގެ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

Ad
df

ފަނޑިޔާރު މުހައްމަދު ނިޔާޒު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށްވެސް ކުރިމަތިލައްވާފައިވެ އެވެ.