ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިއީ ފެހުމުގެ އެޑްވާންސް ކޯހެކެވެ. މާއުނގޫދޫގެ 30 ކަނބަލަކު ވަނީ މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

Ad
rt

މި ކޯހުގެ ބައިވެރިން ފެހި ތަކެތި އާންމުކޮށް ދައްކާލުމުގެ ހަރަކާތެއް ވެސް އެ ކޮމެޓީން ވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންގޮސްފައެވެ.

މި ކޯހުގައި ކިޔަވައި ދީފައި ވަނީ ވަރަށް ތަޖުރިބާކާރު ފެހުންތެރިއެކެވެ. މި ކޯހުގެ ފީއަކީ 3000 ރުފިޔާ އެވެ. އަދި ބައިވެރިވި ހުރިހާ ފަރާތްތަކެއްގެ ކޯހުގެ ފީން 500 ރުފިޔާ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ދައްކައިދީފައެވެ.

ކޯހުގެ ބައިވެރިން ކަތުރަކާއި ފަހާ ފޮށި ގެންދަންޖެހޭ ގޮތަށް ހިންގި މި ކޯހަށް ދެން ބޭނުންވާ ހުރިހާ ސާމާނެއް ވަނީ މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ހަދިޔާކޮށްފަ އެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް މާއުނގޫދޫ ކައުންސިލުން ދެއްވި އެއްބާރުލުން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ފާހަގަކޮށް، އެ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މީގެ ކުރިންވެސް ވަނީ ގިނަ ހަރަކާތްތަކެއް އެރަށުގައި ހިންގާފައެވެ. އެގޮތުން، އެރަށު ގޮނޑުދޮށް ސާފުކުރުމާއި ނިމިދިޔަ އަޟްހާ އީދުގައި އެރަށުގައި ދިރިއުޅޭ ކުޑަކުދިންނަށް އެ ކޮމިޓީގެ ފަރާތުން އީދު ހަދިޔާ ބެހުމުގެ އިތުރުން 8 އަހަރުން މަތީގެ ފަރާތްތަކަށް އަމާޒުކޮށްގެން އެރަށުގައި ނަމާދު ކުރަން ދަސްކޮށްދޭ ކްލާހެއް ބޭއްވުން ފާހަގަކޮށްލެވެ އެވެ.

މީގެއިތުރުން މާއުނގޫދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ އެ ކޮމެޓީއަށް އާމްދަނީ ހޯދުމުގެ ގޮތުން ފަތް ކެޔޮ ހެއްދުމުގެ މަސައްކަތް ފަށާފައެވެ.