އަންނަ 2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ކުޅުދުއްފުށީ ސިޓީގައި އަލަށް 8 މަޝްރޫޢުއެއް ހިންގަން ހިމަނައިފިއެވެ.
މިގޮތުން ފިނޭންސް މިނިސްޓްރީން އާންމު ކުރަށްވާފައިވާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތުގައިވާ ގޮތުން އަންނަ އަހަރު އެ ސިޓީގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖުމްލަ 98،056،367 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކުޅުދުއްފުށީ ސިޓިގައި އަލަށް ފަށަން ހިމަނާފައިވާ 8 މަޝްރޫޢު
- ކުޅުދުއްފުށީ ސިޓީ ޓާޝިއަރީ ހޮސްޕިޓަލްގެ އައު އިމާރާތް، 34،120،879 ރުފިޔާ
- ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފިޒިއޯތެރަޕީ އިމާރާތް ބޮޑުކުރުން، 234،000 ރުފިޔާ
- ކުޅުދުއްފުށީ އިންޑޯ ކޮމްޕްލެސް ގާއިމުކުރަން، 682،418 ރުފިޔާ
- ކުޅުދުއްފުށީ ސިންތެޓިކް ޓްރެކް ތަރައްގީކުރުން، 2،004،358 ރުފިޔާ
- ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުން، 2،175،000 ރުފިޔާ
- ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ މަލްޓިޕާޕޯސް ހޯލް އިމާރާތްކުރުން، 900،000 ރުފިޔާ
- ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގާއިމުކުރުން
- ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް
މީގެއިތުރަށް ކުޅުދުއްފުށީ ސިޓީގައި އިތުރަށް ހިމަނާފައިވައި ވަނީ މިހާރުވެސް ހިނގަމުންދާ މަޝްރޫޢުތަކުގެ ގޮތުގައި 5 މަޝްރޫޢުއަކާއި، ޕްރީޓެންޑަރިން މަރުހަލާގައި އޮތް 8 މަޝްރޫޢުއަކާއި، ޓެންޑަރިން މަރުހަލާގައި އޮތް 4 މަޝްރޫޢުއަކާއި، ރިޓެންޝަން މަރުހަލާގައި އޮތް 3 މަޝްރޫޢުއަކާއި، އަދި އެވޯޑް ކުރެވިފައިވާ 3 މަޝްރޫޢުއެކެވެ.
ކުޅުދުއްފުށީ ސިޓީގައި އެ ސިޓީގެ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 މިހާރު ކޮންޓެކްޓަރާއި ހަވާލުކުރެވިފައިވާއިރު، މިއަހަރު ޒުވާނުންގެ ދުވަހާއި ގުޅިގެން ކުޅުދުއްފުށީ ސިޓީގައި ކުރިއަށްދިޔަ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
އަންނައަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްޔެ ހުށަހަޅާފައިވާއިރު، ދެން އޮންނާނީ ބަޖެޓާއި މެދު މެންބަރުން ތަޅުމުގައި ބަހުސް ކުރެއްވުމެވެ. އަދި ބަޖެޓް ކޮމެޓީއަށް ފޮނުވައި ކޮމެޓީ މަރުހަލާގައި އެ ބަޖެޓަށް ބަދަލު ގެނައުމުގެ ފުރުސަތު މެންބަރުންނަށް އޮންނާނެއެވެ. ބަޖެޓް ފާސްކުރާނީ ކޮމެޓީން ނިންމާ ރިޕޯޓް ތަޅުމަށް ފޮނުފައި، ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!