ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑުންް އިލްތިމާސް ކޮށްފި އެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން، ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރާކަމަށެވެ.
މިގޮތުން ކަނޑު ދަތުރުކުރައްވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރާއިބެހޭ މަޢުލޫމާތު އެންގުމަށާއި އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އެދިފައިވެއެވެ.
"ޚާއްސަކޮށް ސަލާމަތީގޮތުން ރައްކާތެރިކަންކުޑަ، ކުދި އަނގަމަތި އުޅަނދަފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކުރަން"
ކޯސްޓްގާޑުގެ އިލްތިމާސްގައި ވެއެވެ.
މީގެއިތުރުން މުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރުކުރުމުގައި ޤަވާޢިދު ތަކަށް ޢަމަލްކުރުމަށާއި، ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށްވެސް ދަންނަވާފައިވެއެވެ.
އަދި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވާފައިވެއެވެ.
ސްރީލަންކާ ކައިރީ އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ވަޔާއި ކަނޑު ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!