ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން 2011 ވަނަ އަހަރު ނޮޅިވަރަންފަރަށް ބަދަލުކޮށްފައިވާ ފަރިދޫ، ކުނބުރުދޫ އަދި މާވައިދޫއިން ބަދަލުކުރައްވާފައިވާ އާއިލާތަކުގެ ތެރެއިން މިހާތަނަށް ދާއިމީ ބޯހިޔާވައިކަން ލިބިފައިނުވާ 52 ޢާއިލާއަށް ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ބަދަލުފައިސާ ދޭން ނިންމައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ބަދަލުފައިސާގެ ތެރެއިން ފުރަތަމަ ދިނުމަށް ހަމަޖެހިފައިވާ ފައިސާ މިހާރު ކައުންސިލަަށް ލިބިފައިވާ ކަމަށެވެ. އަދި މިފައިސާ ލިބެންވާ ގޭގެ ވެރިފަރާތްތަކުން 02 އޮކްޓޫބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރު 12:00 އާއި ދޭތެރޭ ފައިސާއާއި ހަވާލު ވެވޭނެ ކަމަށެވެ. މީގެ އިތުރުން ފައިސާއައި ހަވާލުވުމަށް ދުރުވާ އިރު، 2 ހެކިންނާއެކު ދުރުވުމަށްވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ގޭގެ ވެރިފަރާތް ނިޔާވެފައިވާ ގޭގޭގެ ފައިސާއާއި، އެކަކަށްވުރެ ގިނަ މީހުންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގޭގޭގެ ފައިސާ ހަވާލުކުރެވޭނީ ހައުސިން މިނިސްޓްރީގެ ލަފަޔާއި އެކު ޝަރުޢީ ކޯޓު މެދުވެރިކޮށް ކަމަށެވެ.