އެމެރިކާއާއި އިޒްރޭލުން އަލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، އެ ދެ ގައުމުގެ މެދުއިރުމަތީގެ ބައިވެރިންގެ ސަރަހައްދީ ޑޭޓާ ސެންޓަރުތަކާއި، ކަނޑުއަޑީގެ ފައިބާ އޮޕްޓިކް މުވާސަލާތީ ކޭބަލްތަކުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އިސްވެރިޔާ މުހްސިން ރިޒާއީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ގައުމުގެ އަސްކަރީ އަދި ސަލާމަތީ އިސް އޮފިޝަލުން ވަނީ އީރާނުން ހަމަލާދޭން ކަނޑައަޅާފައިވާ ދާއިރާ، އާންމު އަސްކަރީ އަދި ހަކަތައިގެ މަރުކަޒުތަކަށްވުރެ ބޮޑަށް ފުޅާކޮށްފައިވާކަން ހާމަކުރައްވާފައެވެ.

Ad
d

އީރާނުގެ އޮފިޝަލުން ފާހަގަކުރި ގޮތުގައި މި ނިންމުން ނިންމާފައިވަނީ އެއްވެސް ހައްދެއް ނުވަތަ އިމެއް ނެތް ސިޔާސަތެއްގެ ދަށުންނެވެ. އެގޮތުން، އެމެރިކާއާއި އެ ގައުމުގެ ބައިވެރި އަސްކަރިއްޔާތަކުން އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަދި އޭއައި ނިޒާމުތަކަށް ވަރަށް ބޮޑަށް ބަރޯސާވާކަން އީރާނުން ފާހަގަކުރެއެވެ. އަދި އީރާނުގެ އެތެރޭގެ އިގްތިސާދަށް ހަމަލާތައް އަމާޒުކުރަމުންދާއިރު، އެމެރިކާއާއި އިޒްރޭލުން ހަމަލާތައް ދިނުމަށް މަގުފަހިކޮށްދޭ ޓެކްނޮލޮޖީގެ ބިންގާތައް ރައްކާތެރިކަންމަތީ ނޯންނާނެ ކަމަށް ތެހެރާނުން ވަނީ ބުނެފައެވެ.

މި އިންޒާރުތައް ހާއްސަކޮށް އަމާޒުކޮށްފައިވަނީ ގަލްފު ސަރަހައްދުގައި ބިނާކޮށްފައިވާ ބޮޑެތި ކްލައުޑް، ޑޭޓާ އަދި އޭއައި ހަބްތަކަށެވެ. މީގެ ތެރޭގައި ސައޫދީ އަރަބިއްޔާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ގާއިމުކޮށްފައިވާ އޭއައިގެ ބޮޑެތި ވަސީލަތްތަކާއި، ހުޅަނގުގެ ޓެކްނޮލޮޖީ ކުންފުނިތައް ހިންގާ ބައިވެރި ގައުމުތަކުގެ މަރުކަޒުތައް ހިމެނެއެވެ. މީގެއިތުރުން، ދުނިޔޭގެ ޑިޖިޓަލް ނިޒާމަށް ބޮޑެތި ބުރޫއެރުވުމުގެ މަގުސަދުގައި، ރަތް ކަނޑާއި ޕާޝިއަން ގަލްފު ފަދަ ސްޓްރެޓެޖިކް ސަރަހައްދުތަކުން އަޅާފައިވާ ކަނޑުއަޑީގެ އިންޓަނެޓް ކޭބަލްތަކަށްވެސް އަމާޒުކުރާނެ ކަމަށް އީރާނުގެ ސަލާމަތީ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިފަދަ ހަމަލާތައް ދިނުމަށް އީރާނުން ތަފާތު ވަސީލަތްތަކާއި އުކުޅުތައް ބޭނުންކޮށްފާނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން އޭއައި ހަބްތަކުގެ ކަރަންޓު ގްރިޑްތަކަށާއި، ކޫލިން ނިޒާމުތަކަށާއި، ސާވާ ފާމްތަކަށް ސީދާ އަސްކަރީ ހަމަލާދިނުން ހިމެނެއެވެ. ހަމައެއާއެކު، ދައުލަތުގެ ވާގިވެރިކަމާއެކު ދޭ ސައިބާ ހަމަލާތަކުގެ ތެރޭގައި ޑީޑޮސް (DDoS) ހަމަލާތަކާއި، ވައިޕާ މެލްވެއާ އަދި ސަޕްލައި ޗެއިން މެދުވެރިކޮށް ދޭ ހަމަލާތަކުން ޑޭޓާ ހަލާކުކޮށްލުމާއި، ސާވާތައް ބޭނުންނުކުރެވޭ ވަރު ކޮށްލުމާއި، ނެޓްވޯކްތަކުގެ ހިދުމަތް ކަނޑާލުން ހިމެނެއެވެ. އަދި ކަނޑުއަޑީގެ އުޅަނދުތައް ނުވަތަ އަސްކަރީ މަނަވަރުތައް ބޭނުންކޮށްގެން، އޭޝިއާއާއި ޔޫރަޕް އަދި މެދުއިރުމަތި ގުޅުވައިދޭ ކަނޑުއަޑީގެ ފައިބާ އޮޕްޓިކް މަގުތައް ބުރިކޮށްލުންވެސް ހިމެނެއެވެ.

އޭއައި ވަސީލަތްތަކަކީ ސްޓްރެޓެޖިކް އަމާޒަކަށް ވެގެންދިޔަ މައިގަނޑު އެއް ސަބަބަކީ އަސްކަރީ ކަންކަމުގައި އޭގެ ދައުރު ބޮޑުވުމެވެ. އެގޮތުން ހަނގުރާމައިގެ މައިދާނުގައި ވަގުތުން ވަގުތަށް ހަމަލާދޭނެ އަމާޒުތައް ދެނެގަތުމަށާއި، ސިގްނަލް އިންޓެލިޖެންސް އެނަލިސިސް ހެދުމަށާއި، އޮޓޮމޭޓެޑް ޑެސިޝަން ސަޕޯޓް ނިޒާމުތައް ބޭނުންކޮށްގެން އަވަސް ނިންމުންތައް ނިންމުމަށް އެމެރިކާއާއި އިޒްރޭލުގެ އަސްކަރިއްޔާއިން އޭއައި ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

Ad
df

މީގެއިތުރުން، މެދުއިރުމަތީގެ ޑޭޓާ ހަބްތަކަށް ޓްރިލިއަން ޑޮލަރުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ އަދި ހައިޓެކް އިންވެސްޓްމަންޓްތައް ކޮށްފައިވާތީ، މިއީ އިގްތިސާދީ ގޮތުން ނާޒުކު ދާއިރާއެކެވެ. މި ވަސީލަތްތަކަށް ބިރުދެއްކުމަކީ، ހަނގުރާމައިގެ ސަބަބުން ލިބިދާނެ ގެއްލުންތަކާމެދު އަލުން ހިސާބުކުރުމަށް އެމެރިކާގެ ބައިވެރި ގައުމުތަކަށް މަޖުބޫރުވާނެ ކަމެކެވެ. އަދި ވަކި ސަރަހައްދެއްގެ ތެޔޮ ވަސީލަތްތަކަށް ހަމަލާދިނުމާ ހިލާފަށް، ކްލައުޑް ރޫޓިން ނުވަތަ އޭއައި ޕްރޮސެސިން މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަކީ މުޅި ދުނިޔޭގެ ސަޕްލައި ޗެއިނަށާއި ބޭންކިން ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރުވާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުވެގެންދާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.