އެމެރިކާގައި ބަހައްޓާފައިވާ އިރާގުގެ ބޭރު ފައިސާގެ ރިޒާވުން ކުރިއަށް އޮތް މުއްދަތުގައި ތިން ބިލިއަން ޑޮލަރުގެ ނަގުދު ފައިސާ އިރާގަށް ފޮނުވުމަށް އެމެރިކާއިން ނިންމާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.
މި ފައިސާ އެ ގައުމަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ވިދިވިދިގެން ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު 500 މިލިއަން ޑޮލަރެވެ.
އެމެރިކާގެ ފެޑެރަލް ރިޒާވުން އިރާގުގެ މަރުކަޒީ ބޭންކަށް ފޮނުވާ މި ފައިސާއަކީ އެމެރިކާ ސަރުކާރުން އެ ގައުމަށް ދޭ މާލީ އެހީއެއް ނުވަތަ ހިލޭ އެހީއެއް ނޫނެވެ. މިއީ އެމެރިކާގެ ފެޑެރަލް ރިޒާވް ބޭންކް އޮފް ނިއުޔޯކްގައި ޖަމާކޮށްފައިވާ އިރާގުގެ އަމިއްލަ ތެލުގެ އާމްދަނީން، ގަވާއިދުން ނަގުދު ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން އެ ގައުމުން ނަގާ ފައިސާއެވެ.
މިގޮތަށް ބަހާލައިގެން ނަގުދު ފައިސާ ފޯރުކޮށްދިނުމުގެ މައިގަނޑު ބޭނުމަކީ އިރާގުގެ އެތެރޭގެ ބާޒާރުގައި ނަގުދު ފައިސާއިން ކުރަންޖެހޭ މުއާމަލާތްތަކަށާއި، ބޭރު ގައުމުތަކަށް ދަތުރުކުރާ މީހުންނަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގެ އިތުރުން ވިޔަފާރީގެ މުއާމަލާތްތަކަށް ބޭނުންވާ ފައިސާގެ ދައުރުވުން އިތުރުކުރުމެވެ. މި ފައިސާ އާންމުކޮށް ފޮނުވަނީ ތާވަލުކުރެވިފައިވާ ބައިތަކަކަށް ބަހާލައިގެންނެވެ.
އިރާގުގެ ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ނިއުޔޯކްގެ ފެޑެރަލް ރިޒާވް ބޭންކުގައި ހުންނަ އިރާގުގެ ރިޒާވް އެކައުންޓަށް ޖަމާކުރަން ފެށީ 2003 ވަނަ އަހަރުގެ ފަހުން އެކުލަވާލި މާލީ އިންތިޒާމެއްގެ ދަށުންނެވެ. އިރާގުގެ ބޭރު ފައިސާގެ ރިޒާވްގައި ހުރި ގާތްގަނޑަކަށް 80 ބިލިއަން ޑޮލަރުގެ ބޮޑުބައި މި އެކައުންޓުގައި ހިމެނޭއިރު، އެ ފައިސާގެ ފުރިހަމަ މިލްކުވެރިކަން އޮތީ އިރާގަށް ކަމުގައި ވިޔަސް، އެކައުންޓުން ނަގުދު ފައިސާ ނެރެ ބޭރުކުރެވެނީ އެމެރިކާގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއި ބެލުމުގެ ދަށުންނެވެ.
އިރާގުގެ އެތެރޭގެ މާކެޓަށް ޔޫއެސް ޑޮލަރުގެ ނޫޓުތައް ބޭނުންވާ ހާލަތްތަކުގައި، ފެޑެރަލް ރިޒާވަށް ރަސްމީކޮށް ހުށަހަޅަނީ އިރާގުގެ މަރުކަޒީ ބޭންކުންނެވެ. އަދި އެ ހުއްދަ ލިބުމުން، ނަގުދު ފައިސާ ބަންދުކޮށް، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ކާގޯ ފްލައިޓުތަކުގައި ސީދާ ބަޣުދާދަށް ގެންގޮސް، އެ ގައުމުގެ ވިޔަފާރި ބޭންކުތަކަށާއި ހުއްދަދެވިފައިވާ މަނީ އެކްސްޗޭންޖްތަކަށް ބަހައެވެ.
ނަގުދު ފައިސާ ފޮނުވުމުގެ މި މަރުހަލާ އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓާއި ފެޑެރަލް ރިޒާވުން ހަރުކަށިކޮށް ބަލަހައްޓަނީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގަވާއިދުތަކުގެ ދަށުންނެވެ. އެއީ އެ ފައިސާ ކަޅު ބާޒާރަށް ނުވަތަ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ އަތްމައްޗަށް ދިޔަނުދިނުމަށެވެ. އަދި ބައިނަލްއަގުވާމީ މިނިވަން އޮޑިޓިން ފާމްތަކުން އިރާގުގެ އެތެރޭގައި އެ ފައިސާ ބޭނުންކުރާ ގޮތް ބަލަމުންދާއިރު، މާލީ މައުލޫމާތު ހާމަކުރުން ހަރުދަނާކުރުމަށާއި ގަވާއިދާ ހިލާފަށް ގައުމުން ބޭރުވާ ފައިސާ ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން އެމެރިކާއިން ބައެއް ފަހަރު ޑޮލަރު ދޫކުރުން މަޑުޖައްސައި ނުވަތަ ބަދަލުތައް ގެންނަކަން ވެސް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!