ދައުލަތުގެ އިދާރާތަކުން ލިބެންޖެހި ނުލިބި ހުރި ފައިސާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހުގެ ފައިސާއާ އަޅައިކެނޑޭނެ (ލޭން ދޭނުގެ ހިސާބުގައި އަރަނީން ދަރަނި ކަނޑައިލުން ނުވަތަ ގިނައަދަދަކުން މަދު އަދަދެއް ކަނޑައިލުން) އިންތިޒާމު ހަމަޖައްސައިފިއެވެ.

މާލީ ވުޒާރާއާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދައުލަތުގެ އެއްވެސް އިދާރާއަކުން ލިބެންޖެހި ނުލިބިވާ ފައިސާއެއް ވާނަމަ، މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެ ފައިސާއާ އަޅައިކެނޑުމަށް ބޭނުންވާ ފަރާތްތަކުން މީރާއަށް ހުށަހެޅުމުން، ސަރުކާރުން ދައްކަންޖެހޭ ފައިސާ އަޅައިކަނޑައިދޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

Ad
d

މި އުސޫލުގެ ދަށުން ފައިސާ އަޅައިކެނޑުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އެގޮތުން އެފަދަ ވިޔަފާރިތަކުން ސަރުކާރުގެ އިދާރާތަކަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މިހާތަނަށް ފައިސާ ދައްކާފައިނުވާ ބިލްތަކަށް މި އިންތިޒާމުގެ ތެރެއިން އިސްކަންދެވޭނެ ކަމަށް ބަޔާނުގައިވެއެވެ.

ފައިސާ އަޅައިކެނޑުމުގައި އަމަލުކުރާނެ ގޮތް ތަފުސީލުކޮށްދެމުން އެ ވުޒާރާއިން ބުނީ، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުވާ ހާލަތްތަކުގައި، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން އެ ޓެކްސް ފައިސާ އަޅައިކެނޑޭނެ ކަމަށެވެ. އަދި އެއަށްފަހު ބާކީވާ އަދަދު ޓެކުހުގެ ގޮތުގައި އެ ފަރާތުން މީރާއަށް ދައްކަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދު ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަނަމަ، ޓެކުހަށް ދައްކަންޖެހޭ އަދަދު ސަރުކާރުން ދައްކަންޖެހޭ ފައިސާއިން އަޅައިކެނޑުމަށްފަހު، ބާކީވާ ފައިސާ ސަރުކާރުން އެ ފަރާތަކަށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

Ad
df

މާލީ ވުޒާރާއާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، މި އިންތިޒާމުގެ ދަށުން މީރާއަށް ދައްކަންޖެހޭ ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، އެ ފައިސާގެ ފުރިހަމަ ތަފުސީލާއެކު، އެ އިދާރާއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ހުށަހެޅުމަށް އެދޭ ކަމަށެވެ.