ނ. މިލަދޫގައި ކުށުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން އިތުރަށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.
ފުލުހުން ވިދާޅުވީ މިލަދޫގައި ހުންނަ ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމްގެ ތެރެއިން އެރަށުގައި ހުރި މީހުން ދިރިއުޅޭ ގޭބީސީ ތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 24 ވީ އާދިއްތަދުވަހުގައެވެ.
މި ޕްރޮގްރާމުގައި އާއިލާ ތެރޭގައި ހިނގާ ކުށްތަކާއި ބެންކް އެކައުންޓާއި މުދަލާއި ފައިސާއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން މުޖުތަމައުގައި ހިނގާ ޖިނާއީ ކުށުގެ އަމަލުތަކުން ރައްކާތެރިވެތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. އަދި މަކަރާއި ހީލަތުން ފައިސާހޯދުމަށް ކުރަމުންދާ ކަންކަމާއި ގޭބިސީތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވާކަން ފުލުހުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ކުށުގެ ވެއްޓާއި މަސްތުވާތަކެތީގެ މައްސަލަތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ސަމާލުކަންދިނުމަށާއި، އެފަދަ ކުށްތަކުން ރައްކާތެރިވާނެ ގޮތް ކުދިންގެ އުމުރާ ގުޅޭގޮތަށް އެ ކުދިންނަށް ބުނެދިނުމަށް ވަނީ އިރުޝާދުދީފައެވެ.
އެ ކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމާއި ކުދިން ގެންގުޅުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކޮށްފަވާއިރު، ސަމާލުކަންދޭންވީ އެހެނިހެން ކަންކަމުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.
މި ޕްރޮގްރާމުގައި މައުލޫމާތު ދިނުމުގެ އިތުރުން އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއް އެކުލަވައިލުމަށް ބޭނުންވާ މައުލޫމާތުވެސް އެއްކޮށްފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އަތޮޅުތަކުގައި ފުލުހުން ގެންދަނީ ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!