ހދ. ކުޅުދުއްފުށީ ސިޓީގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އެ ސިޓީގައި 1400 ހައުސިން ޔުނިޓް އަޅަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ޖަލްސާގައި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ.
މޭޔަރު އާތިފް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ބަޖެޓުގައި ހިމަނައިގެން، ސީދާ ބަޖެޓުން ޚަރަދުކޮށްގެން، 1.2 ބިލިއަން ރުފިޔާގެ ބަޖެޓަކާއެކު، އެކި ސަރަޙައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ހިންގަން ނިންމަވާފައިވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުން އެކަނި ސީދާ މި ރަށަށް 400 ހައުސިންގ ޔުނިޓް މިހާރުވާނީ ރިޒަރވް ކޮށްފައި. އަދި އޭގެއިތުރުން، ބޭރުގެ ފަރާތަކުން މަޝްވަރާ ކުރެވި، މިރަށުގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ އަގުގެ މަސައްކަތުގެ މަޝްވަރާ ކުރެވި، ނިމުމަކާ ހިސާބަށް އައިސްފައި އޮތް ވާހަކަވެސް، މިވަގުތު ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދަންނަވާލަން." ރައީސް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގެ ބޯހިޔާވަހިކަމުގެ މައްސަލައަކީ އަލަށް އިންތިޚާބުވި ސިޓީ ކައުންސިލުން ވެސް އެންމެ އަހަމިއްޔަތުކަން ދޭނެ އެއް މައްސަލަކަމަށް އެ ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި އެމަގަށް މަސައްކަތް ވެސް އަންނަނީ ކުރައްވަމުންނެވެ.
މިއަހަރުގެ ޖުލައި 1 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީ ކައުންސިލުން، ރައީސް ޞާލީޙާއެކު ކުރިއަށް ގެންދިޔަ އޮންލައިން ބައްދަލުވުމުގައި ވެސް މޭޔަރު އާތިފް ވަނީ އެ ސިޓީގެ ބޯހިޔާވަހި ކަމުގެ މައްސަލަ ފާހަގަ ކުރައްވާފައެވެ. މިގޮތުން ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް އެސިޓީގައި ބޭނުންވެފައި އެބަތިބިކަމަށް އެދުވަހު އާތިފް ވަނީ ވިދާޅުވެފައެވެ.
ކުޅުދުއްފުށީ ސިޓީގައި މީގެ ކުރިން މަސައްކަތް ހުއްޓިފައި ހުރި 105 ހައުސިންގ އެއްގެ މަސައްކަތް އަލުން މިސަރުކާރުން ފަށައިގެން މިހާރު ދަނީ ކުރިޔަށްގެންދަމުންނެވެ. މީގެ އިތުރުން ކުރިން ނުނިމި ހުރި 40 ހައުސިންގެ އެއްގެ ފިނިޝިންގެ މަސައްކަތްތައް މި ސަރުކާރުން ނިންމަވާ ކުޅުދުއްފުށީގެ ބޯހިޔާވަހިކަމަށް ލުއިކަމެއް ގެނެސްދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!