ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ހދ. ކުޅުދުއްފުށީ ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިިބިފައިވާ ގޮތުގައި ރައީސް ޞާލިޙް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ، މި އަހަރު ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަ ކުޅުދުފުއްޓަށް ރައީސް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ދުބާއީގައި ކުރިއަށްދާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މާދަމާ ދުބާއީ އަށް ވަޑައިގަންނަވާކަމަށެވެ.
ރައީސްގެ މިދަތުރުފުޅުގައި މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ޓީމާއި އެސިޓީއިން ހޮވާލެވޭ ޓީމެއްގެ މެދުގައި އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މިރޭ ކުޅުދުއްފުށީގައި މިރޭ ބޭވުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ސަރަފުވެރިކޮށްދެއްވާނެ އެވެ. މިޖަލްސާ އޮންނާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި މިރޭ 8:30 ގަ އެވެ.
ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް މިހާރު ކުޅުދުއްފުށީ ސިޓީގައި ފަށާފައިވާއިރު, ކުރިއަށް އޮތް ދެ ހަފުތާއަށް ވެސް ގިނަ ހަރަކާތްތަކެއް ވަނީ އިންތިޒާމްކޮށްފަ އެވެ.
ޒުވާނުންގެ ދުވަސް ފާހަގަކުރަން ކުޅުދުއްފުށީގައި މި ހަފުތާ ބަންދުގައި އަންނަނީ ތަފާތު ހަރަކާތްތަކެއް ބާއްވަމުންނެވެ. އިއްޔެ ވަނީ ސައިކަލް ރޭސް މުބާރާތެއް ވެސް ބާއްވައިފަ އެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އއ. އަތޮޅުގެ ތޮއްޑުއާއި ރަސްދޫގެ އިތުރުން އުކުޅަހާއި މަތިވެރި އަދި ބޮޑުފޮޅުދޫއާއި ހިމަންދޫއަށް ކުރެއްވި ދަތުރު ނިންމަވާލައްވާ މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހު ރާއްޖޭގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުތަކުގައި މީގެކުރިންވަނީ ށ. އަދި ރ. އަތޮޅުގެ ރަށްރަށަށްވެސް ދަތުރުކުރައްވާފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ށ. އަތޮޅުން ވަޑައިގަންނެވީ ފުނަދޫ، ޅައިމަގު އަދި ފޯކައިދޫ އާއި މާއުނގޫދޫއަށެވެ. އަދި ރ. އަތޮޅުން ވާދޫ އާއި އަލިފުށީގެ އިތުރުން ރަސްގަތީމާއި އަނގޮޅީތީމަށް ރައީސް ވަޑައިގަންނެވިއެވެ.
ކުޅުދުއްފުށި ސިޓީ އަށް ރައީސް އެންމެ ފަހުން ވަޑައިގަންނެވީ މީގެ 3 މަސް ކުރިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!