ހުޅުމާލޭ އިންޓަނޭޝަނަލް ޕޯޓުގެ އާ އިމާރާތް ހުޅުވައިފިއެވެ.

ރޭ ހުޅުމާލޭ ޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތް ހުޅުއްވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި މި އިމާރާތުގެ ގޭޓުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

Ad
rt

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިގޮތުގައި، ހުޅުމާލޭގައި ހިންގާ ޕްރޮޖެކްޓުތަކުގެ ސަބަބުން ޕޯޓުގެ ޑިމާންޑު ވަރަށް ދަނީ އިތުރުވަމުންނެވެ. އެހެންވެ، ޕޯޓުން ހިދުމަތް ހޯދާ މީހުންނާއި ހިދުމަތް ދޭ ފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންޓެއިނާ ހޭންޑްލިން އިކުއިޕްމަންޓު ހޯދަން މިހާރުން މިހާރަށް ވެސް މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ. އަދި އޭގެ އިތުރަށް ކަސްޓަމްސް އާއި އެހެނިހެން އިދާރާތަކުގެ ރިކުއަމެންޓުތައް އެބަހުރި،"

ޝާހިދު ވިދާޅުވ އެވެ.

ހުޅުމާލެ ޕޯޓުގެ ހެޑް އިބްރާހިމް ރަޝީދު ވިދާޅުވީ، އާ އިމާރާތާއެކު ޕޯޓުގެ ބައެއް ކަންކަމަށް ހައްލު ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ބޮންޑް ކީޕަރުންނަށް، ބޮންޑު އެކްސްޓެންޑު ކުރުމާއި ކަސްޓަމްސް އަށް ހާއްސަ އިމާރާތެއް ވެސް ގާއިމު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުޅުމާލެ ޓާމިނަލަށް މި ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައި. އިންޓަނޭޝަނަލް އޭރިއާ މި ވަނީ އެއްކޮށް ޕޭވް ކުރެވިފައި. ހަމަ އެހެންމެ ރިސޯޓުތަކުގެ ހިދުމަތް ދެއްވާ ބޮންޑު ކީޕާސް އަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭތީ ބޮންޑު އެކްސްޓެންޑް ވެސް ވަނީ ކޮށްފައި،"

އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕޯޓުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ޕޯޓާ ކައިރިން އެމްޕީއެލަށް އޮފީސް އިމާރާތެއް އަޅަން ބިމެއް ދޫކުރާނެ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް ވިދާޅުވިއެވެ.