އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ގަރާރެއް ރައްޔިތުންގެ މަޖިލިސްއަށް ގަރާރެއް ހުށަހަޅައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) މިއަދު ހުށަހެޅުއްވި މިގަރާރުގެ ފުރަތަމަ ކިޔުން މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ އިއްވާފައެވެ.
މި ގަރާރުގައި ވަނީ ކޯވިޑް-19 ގެ ޢާލަމީ ވަބާގެ ތެރޭގައި ގައުމުތަކުގެ ބޯޑަރުތައް ބަންދުވެ، ދުނިޔޭގެ އިގްތިސާދު ހުއްޓުމަކަށް އައި ހިނދު، ދިވެހިރާއްޖޭގެ އިގްތިސާދު އެ ކަމަކަށް ބަރޯސާވެފައި އޮތް، ފަތުރުވެރިކަން ހުއްޓި، އަދި އެ ސިނާޢަތަށް ބަރޯސާވެފައިވާ އާމްދަނީ ލިބޭން އޮތް ދޮރުތައް ބަންދުވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގްތިސާދީ ރޭވުންތެރިކަން އައު ވިސްނުންތަކަށް ބައްޓަން ކުރުމުގެ މުހިއްމުކަން ބޮޑުވެފައިވާކަމަށް ބުނެފައެވެ.
ފަތުރުވެރިކަމަކީ ދުނިޔެއަށް އަންނަ ކިތަންމެ ކުޑަ ލޮޅުމަކުންވެސް، އޭގެ ނޭދެވޭ އަސަރު، ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ކަމެއްކަން، ކޮވިޑުގެ ޢާލަމީވަބާގެ އިތުރުން، ގަލްފު ހަނގުރާމައިގެ ތެރޭގައިވެސް، އަދި 9/11 ގެ ތެރޭގައިވެސް ދިވެހިރާއްޖެ ތަޖުރިބާކޮށްފައިވާ ކަމަށް އެ ގަރާރުގައި ބުނެފައެވެ.
"އެހެންކަމުން، ފަތުރުވެރިކަމަކީ، މިފަދަ ކޮންމެ ކަމަކުން، ވަރަށް ބޮޑު ބަދަލެއް އަތުވެދާނޭ ކަމާއި އެ ސިނާއަތަށް އެކަނި
ބަރޯސާވެގެން އޮތުމަކީ، ގައުމެއްގެ ގޮތުގައި ކުރަން ހެޔޮވެސް ނުވާނޭ ކަމެއްކަން ކޮވިޑުގެ ފިލާވަޅުން އެކަނިވެސް މިވަނީ، އެނގި ދަސްވެފައެވެ." އެ ގަރާރުގައި ބުނެފައެވެ.
ކޯވިޑުން ކުރިމަތިވި ކަންކަމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ކަންކަން އާވިސްނުމަކުން ފަށަންޖެހިފައިވާކަމަށާއި، އިގްތިސާދީ ގޮތުން ކުރެވޭނެ އެހެން ކަންކަން ދިރާސާކޮށް ހޯދައި ބަލައި، އެ ދިމަދިމާލަށް ވިސްނުން އަމާޒުކޮށް، ރޭވުންތެރިކަމާއެކު ޢަމަލީ މަސައްކަތްތަކެއް ފެށަންޖެހިފައިވާކަމަށް އެ ގަރާރުގައި ބުނެފަވެއެވެ.
މިހެން ކަންކަން ހުރުމާއެކު ހއ. އަތޮޅުގެ އިހަވަންދިއްޕޮޅުން އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދެވިއްޖެނަމަ އެކަމުގެ ނަފާ މުޅި ގައުމުގެ މާލިއްޔަތަށް ލިބި، ރާއްޖޭގެ އިގްތިޞާދަށް މުހިންމު މަސައްކަތަކަށް އެކަން ވެގެން ދާނެކަން ގަރާރުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހއ. އުލިގަމަކީ މިހާރުވެސް ބައިނަލްއަގްވާމީ އުޅަނދުތަކަށް ޚިދުމަތް ދެވޭވަރަށް ވަސީލަތްތައް ގާއިމުކުރެވިފައިވާ ރަށަށްވީއިރު، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، ރައްޔިތުންނަށް ފާގަތިކަން ހޯދައިދިނުމަށް އެ މަސައްކަތް އަވަސްކޮށް، ހަލުވިކޮށް ދިނުމަށް އެ ގަރާރުގައި އެދިފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!