ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން ހަރަކާތެއް ބާއްވައިފިއެވެ.

ބޭންކްގެ މުއާމަލާތްތަކާއި މާލީގޮތުން އުމުރުން ދުވަސްވީ މީހުން ހޭލުންތެރިކުރުމަށް ޚާއްސަކޮށްގެން ބޭއްވި މިހަރަކާތް ހިންގާފައިވަނީ ބޭންކް އޮފް މޯލްޑިވްސް އާއި އޭޖްޑް ކެއާ މޯލްޑިވްސް ގުޅިގެންނެވެ.

އުމުރުން ދުވަސްވީ މީހުނަށް ޚާއްސަކޮށްގެން އިއްޔެ ކުރިއަށް ގެންދެވުނު މިހަރަކާތުގައި ބޭންކާއިބެހޭ މައުލޫމާތު ހޯދޭނެ ގޮތްތަކާއި، ރައްކާތެރި ގޮތުގައި އޮންލައިން ބޭންކިންގ ބޭނުންކުރުމާ ގުޅޭ މައުލޫމާތު ދީފައިވެއެވެ. އަދި އޮންލައިންކޮށް ޚިދުމަތްތައް ހޯދުމުގައި ސަމާލުވާން ޖެހޭ ބައެއް މުހިންމު ކަންކަންވެސް ފާހަގަކޮށް ބައިވެރިން ހޭލުންތެރި ކުރުވުމަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މިހަރަކާތުގައިވަނީ ފަހަކަށް އައިސް ރާވައިގެން ބަޔަކު ހިންގާ، އޮޅުވާލައިގެން ފައިސާ ހޯދުމަށާއި ކާޑުގެ މައުލޫމާތު ހޯދަންކުރާ މަސައްކަތްތަކަށް ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކާ ގުޅޭ މައުލޫމާތުވެސް ވަނީ ބައިވެރިންނާ ހިއްސާކޮށްފައެވެ.

Ad
ooredoo

މިހަރަކާތުގައި ބީ.އެމް.އެލްގެ ފަރާތުން ބައިވެރިންނަށް އިތުރަށް ފޯރުކޮށްދެވުނު މައުލޫމާތު ތަކުގެ ތެރޭގައި އިންޓަނެޓް، މޮބައިލް އަދި ސެލްފް ސާވިސް ބޭންކިން ޓެކްނޮލޮޖީ އަށް ކުރެވުނު އިންވެސްޓާ އެކު ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި، ހިދުމަތް ހޯދުމަށް އެކި ވަސީލަތްތައް ހޯދައިދެވި އަދި ކަސްޓަމަރުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތް ހޯދޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިމެނެއެވެ.

ބީ.އެމް.އެލް އަކީ ދިވެހިންނަށް ޒަމާނީ މާލީ ފަސޭހަކަން އިތުބާރާއެކު ގެނެސްދީފައިވާ ކުންފުންޏެކެވެ. އަދި ބީ.އެމް.އެލް ފާހަގަ ކުރެވެމުންދަނީ ދިވެހިންގެ މުހިންމު އިޖުތިމާއީ ބައިވެރިއެއްގެ ގޮތުގައިވެސްމެއެވެ.