ކުޅުދުއްފުށީ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ ބައްދަލުވުމެއް ބާއްވަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއީ ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރުމަށް ހިންގޭ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ފުރިހަމަކުރަންޖެހޭ އީ.އައި.އޭ ރިޕޯޓު ތައްޔާރުކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

Ad
rt

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ބާއްވާ މި ބައްދަލުވުން އޮންނާނީ މި ރޭ 8:30ގައި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލްގައެވެ.

މި ބައްދަލަވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެވަޑައިގެންނެވުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ އެދިލައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ސޮއިކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރއަކީ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑެވެ.

މި މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ސިޓީގައި 6 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް މަގުބައްތި ޖެހާނެއެވެ. ޖުމްލަ 100,700.048.55 ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ މުއްދަތަކީ 510 ދުވަހެވެ.