"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ފުޓްބޯޅަ މުބާރާތުގައި ބުދަ ދުވަހުގެ ރޭ (މިރޭ) ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފިއެވެ.
ގްރޫޕް ސްޓޭޖް ފަހު މެޗަށް މިރޭ ރާއްޖެއާއި އިންޑިއާ ނުކުތްއިރު، މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެއަށް މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް މިރޭ މެޗުން ބަލިވުމުން ރާއްޖެ ވަނީ މި މުބާރާތުން ކަޓާފައެވެ.
މި މެޗުގައި އިންޑިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އިންޑިއާއިން ވަނީ މެޗުގެ ރާއްޖެއާއި ދެކޮޅަށް ޕްރެޝިން ގޭމެއް ކުޅެ މެޗުގެ ކޮންޓްރޯލް ކޮށްފައެވެ. މިގޮތުން މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލާފައި ވަނީ ވެސް އިންޑިއާއިންނެވެ. ހިލޭ ޖަހުމަކުން ރާއްޖޭގެ އޭރިއާތެރެއަށް ބޯޅަ ހުރަސްވީ ވަގުތު ޗެތްރީ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގައި އިންޑިއާއިން ލީޑު ނަގާފައި ވަނީ 32 ވަނަ މިނެޓުގައެވެ. މި ލަނޑު އިންޑިއާ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ މަމްވީރު ސިންގްއެވެ. ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ މެޗުގެ 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަލީ އަޝްފާޤް (ދަގަނޑޭ) އެވެ. މި ޕެނަލްޓީ ރާއްޖެއަށް ލިބިފައިވަނީ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް އިންޑިއާ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ ދެ ޓީމް އެއްވަރު ވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް 62 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ ލަނޑުޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޗެތްރީއެވެ. މެޗުގައި އިންޑިއާއަށް ލީޑު ފުޅާކޮށްދީފައި ވަނީ ވެސް ޗެތްރީއެވެ. މި ލަނޑު ޗެތުރީ ކާމިޔާބު ކޮށްފައި ވަނީ 71 ވަނަ މިނެޓުގައި ހިލޭޖެހުމަކުން ރާއްޖޭގެ އޭރިއާ ތެރެއަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި މެޗުގައި ގިނަ ކާޑުތަކެއް ފެނިގެން ގޮސްފައިވާއިރު، އިންޑިއާގެ ޑިފެންޑަރ ސުބަޝިޝް ބޯސް އަށް ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދައްކާފައެވެ. މީގެ އިތުރުން އިންޑިއާގެ ކޯޗަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާފައެވެ.
ފައިނަލުގައި މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އިންޑިއާ ބައްދަލު ކުރަން ޖެހޭނީ މިއަދު ހަވީރު ބަންގްލަދޭޝްއާއި އެއްވަރުކޮށް މުބާރާތުގެ ފައިނަލުން އަލަށް ޖާގަ ހޯދި ނޭޕާލާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!