ފަސް ދިވެހިންނާއެކު ދަތުރުކުރަމުންދިޔަ "ވައިވިލާ" ނަމަކަށް ކިޔާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އަޑިއަށް ދިޔައީ ކާށިދޫން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުންދިޔަ 60 ފޫޓުގެ ސަޕްލައި ދޯންޏެއް ކަމަށެވެ.
މި ދޯނި އަޑިއަށް ދިޔައީ ޅ. އަލިގާގެ ހުޅަނގުން 4 ނޯޓިކަލް މޭލު ބޭރުންނެވެ. އަޑިއަށް ދިޔަ "ވައިވިލާ" ދޯނީގައި ތިބީ 5 ދިވެހިންނެވެ.
"އަޑިއަށްދިޔަ "ވައިވިލާ" ދޯނިން ދަތުރުކުރި ފަސް ދިވެހިން ހެޔޮ ހާލުގައި މިއަދު 08:30 ހާއިރު ކޯސްޓްގާޑު އުޅަނދަށް ވަނީ ފެނިފައި. އެ މީހުން ކޯސްޓްގާޑުގެ އުޅަނދުގައި ކ.ކާށިދޫއަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުން." އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
މި ދޯނި އަޑިއަށްދިޔަ ކަމަށް ބެލެވޭ ސަރަޙައްދުގައި ކޯސްޓްގާޑުގެ ދެ އުޅަނދެއް ހަރަކާތްތެރިވަމުންދާއިރު، މީހުން ހޯދުމަށް އެހީތެރިވުމަށް އެމްއެންޑީއެފް ޑޯނިޔާ ފްލައިޓެއްވެސް އެ ސަރަޙައްދަށް ދިޔައެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ފަތިހު 05:59 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!