ކުޅުދުއްފުށިން ލިބޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކަންބޮޑުވުން

ކުޅުދުއްފުށީގައި ދެވޭ ފެނުގެ ޚިދުމަތު އަގުގައި ތަފާތު ހުރުމުންނާއި، ނަރުދަމާއިން ފީ ނަގާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

Ad
rt

ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 21 ވަނަ ޖަލްސާގައި ސްޓެލްކޯގެ ޖެނެރޭޓަރުތަކާއި ދުންހޮޅިތަކާއި ތެޔޮތާނގީތައް މީހުން ދިރިއުޅޭ ސަރަޙައްދާ މާގާތުގައި ބެހެއްޓުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކަށް ޙައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅާފައިވާ ޤަރާރު، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

އަސާސީ ޚިދުމަތްތަކުގެ އަގު ހަމަހަމަވާންޖެހޭނެ ކަމަށް ވިދާޅުވެ ޔާސިރު ވިދާޅުވީ، ކަރަންޓާއި، ފެނާއި، ނަރުދަމާއާ މިއީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ވެސް އެއް ހަމައެއްގައި، އެއް އަގެއްގައި ލިބެންޖެހޭނެ ކަންތައްތައް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ވިޔަފާރީގެ ނަޒަރުން ބަލާއިރުގައި ފަހަރެއްގައި ކުޑަ ރަށެއްގައިނަމަ އެއް އަގެއްގައި ޚިދުމަތް ދިނުމުގައި ދަތި ހުރެދާނެ ކަމަށާއި، އެހެންނަމަވެސް، ސަރުކާރުން މިފަދަ އަސާސީ ޚިދުމަތް ފޯރުކޮށްދޭއިރު ޚިދުމަތްތައް ދޭންވާނީ ތަފާތުކުރުމެއް ނެތިކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ރަށުގެ، ކުޅުދުއްފުށީގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެބަ އޮވޭ، އެއީ އަޅުގަނޑުމެންނަށް ފެނުގެ އަގުގެ ތަފާތުކަން. އަދި ހަމަ އެއާއެކީގައި ނަރުދަމާގައި އެހެން ތަންތަނުން ނުނަގާ ފީއެއް ނަގާކަމުގެ ޝަކުވާ. މިއީ އަޅުގަނޑުމެން ފެށުނީއްސުރެ ކުރަމުން އަންނަ ޝަކުވާއެއް." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، އެއީ ސަރުކާރުގެ ކޮންމެ ކުންފުންޏަކުން ފޯރުކޮށްދޭ ޚިދުމަތެއް ނަމަވެސް މި ޚިދުމަތްތައް ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އެއް އަގެއްގައި ލިބެންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ޔާސިރު ވިދާޅުވީ އެއީ އޭނާގެ އިންތިހާއަށް އޮތް ޝަކުވާއެއް ކަމަށާއި، އުއްމީދަކީ، ވީހާވެސް އަވަހަކަށް ދިވެހިރާއްޖޭގެ އަގުތައް އެއް އަގެއްގައި ކުރެވި، އެއްހަމަކުރެވިގެންދިޔުން ކަމަށެވެ.