ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ބާއްވާ ފުޓްބޯޅަ މުބާރާތް އަންނަ ނޮވެމްބަރަށް ތާވަލުކޮށްފި

ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ
ފޮޓޯ: ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ

ހދ. ހަނިމާދޫގައި ރަށުފެންވަރުގައި ބާއްވަމުން އަންނަ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމުގައިވާ އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ މި އަހަރުގެ މުބާރާތް 27 ނޮވެމްބަރ 2021 ގައި ފެށުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ތާވަލު ކޮށްފިއެވެ.

މި މުބާރާތުގައި ޓީމްތައް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައި އެ ޖަމްޢިއްޔާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި މުބާރާތަކީ ހަނިމާދޫއިން ފުޓްބޯޅައިގައި ފާހަގަކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެ ޖަމްޢިއްޔާގެ މެމްބަރ އަލްމަރްޙޫމް އާދަމް ސަލީމްގެ ހަނދާނުގައި އެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެއް ކަމަށެވެ.

އެ ޖަމްޢިއްޔާއިން އިތުރަށް ބުނެފައިވަނީ މިފަދަ ފުޓްބޯޅަ މުބާރާތެއް ރަށުގައި ރާވާ ހިންގުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރަށުގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުން ކަމަށެވެ. އަދި މީގެއިތުރުން ރަށުގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތިރުކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅް ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމަކީ ވެސް މި މުބާރާތް ހިންގުމުގެ މަޤުޞަދެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 07 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ 18:00 ގެ ކުރިން އެ ޖަމްޢިއްޔާގެ ސްޕޯޓްސް ސެކްރެޓަރީ މުޙައްމަދު ނާޞިރުއަށް (7783809) ގުޅުއްވައި ޓީމް ރަޖިސްޓަރީ ކުރުމުގެ ކަންކަން ނިންމެވުމަށް އެ ޖަމްޢިއްޔާއިން ވަނީ އެދިލައްވާފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު 2003، 2004، 2005، 2006، 2007، މި ފަސް އަހަރު ކޮންމެ އަހަރަކު ޖަމްޢިއްޔާއިން ވަނީ މި މުބާރާތް ރާވާ ހިންގާފައެވެ.

2010 ވަނަ އަހަރުން ފެށިގެން މި މުބާރާތް ބާއްވަމުން އައިސްފައި ވަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ. މިގޮތުން 2012، 2014، ގައި މި މުބާރާތް ވަނީ ރާވާ ހިންގާފައެވެ. މި މުބާރާތް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އެންމެ ފަހުން ބާއްވާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. 2021 ވަނަ އަހަރުގެ މުބާރާތަކީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މި މުބާރާތް ރާވާ ހިންގާ ބާރަވަނަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި