ގިނަ ދުވަސްތަކަކަށް ފަހު އިޓަލީ ފަތުރުވެރިންނަށް ރާއްޖެ އައުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ އިޓަލީގެ ރައްޔިތުންނަށް ރާއްޖޭގެ އިތުރުން ފަސް ގައުމަކަށް ދަތުރުކުރުމުގައި ލުއިތައް ދީފައެވެ. އެއީ ސީޝެލްސް އާއި މޮރިޝަސް އާއި އިޖިޕްޓާއި އަރޫބާ އާއި ޑޮމިނިކަން ރިޕަބްލިކަން އެވެ.
މިގެނައި ބަދަލުތަކާއެކު އިޓަލީން ރާއްޖެއަށް އާދެވޭނީ ތެރެއިން ކޯވިޑް ވެކްސިން ފުރިހަމަކޮށްފައި ތިބި، ނެގެޓިވް ޕީސީއާރް ޓެސްޓު އޮންނަ ފަތުރުވެރިންނަށެވެ. އެގޮތުން، ފުރުމުގެ 48 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓު ނަތީޖާ ބޭނުންވާނެއެވެ.
ރާއްޖޭން އެނބުރި އިޓަލީ އަށް ދާ އިރު ވެސް ނެގެޓިވް ޕީސީއާރް ޓެސްޓެއްގެ ނަތީޖާ އެއް ހޯދަން ޖެހެއެވެ. މިގޮތަށް ނެގެޓިވް ޕީސީއާރު ނަތީޖާއެއް ހިފައިގެން ދާ މީހުން އެ ގައުމުގައި ކަރަންޓީން ވާން ނުޖެހޭނެއެވެ.
އިޓަލީއަކީ ޔޫރަފްގެ ގައުމުތަކުގެ ތެރެއިން ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އެއް އަންނަ ގައުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!