މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރެއިނިނގް އެންޑް ރިސާޗް (ޔުނިޓާރ)އާއި، ގްލޯބަލް ފައުންޑޭޝަން ފޯރ ޕަރފޯމިންގ އާރޓްސް (ޖީ.އެފް.ޕީ.އޭ.)ގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާކުރައްވާފައި ވަނީ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ޔުނިޓާރގެ ނިއުޔޯކް އޮފީހުގެ ހެޑް، ހިޒް އެކްސެލަންސީ މާރކޯ ސުއާޒޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ލޫސިއާ ޖޭ. ގުއޯ އާއި، ޖީ.އެފް.ޕީ.އޭ.ގެ އާރޓިސްޓް ރޮސްޓަރގައި ހިމެނޭ ޕިއަނިސްޓެއް ކަމަށްވާ މިސްޓަރ ބައިރޮން ޒޫއޮ އާއިއެކު ބޭއްވެވި ބައްދަލުކޮށްލެއްވުމެއްގައެވެ.
އެމެރިކާގެ ނިއުޔޯކުގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޝްވަރާތައް އަމާޒުކޮށްފައިވަނީ ރާއްޖޭގައި މިއުޒިކް އާރޓް ތެރަޕީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ، ދައުލަތުގެ އެހީތެރިކަމުގެ ދަށުގައި ތިބޭ ކުޑަކުދިންނަށް އާރޓް އަދި މިއުޒިކް ތެރެޕީ ސެޝަން ހިންގައިދިނުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ އަށް ހުށަހަޅުއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މީގެއިތުރުން ޔުނިޓާރ އަދި ޖީ.އެފް.ޕީ.އޭ. ގެ ބޭފުޅުން ވަނީ ރާއްޖޭގައި ދައުލަތުގެ އެހީތެރިކަމުގައި ތިބޭ ކުޑަކުދިންނަށް ޚާއްޞަކޮށް އެފަދަ ޕްރޮގްރާމެއް ފަރުމާކޮށް ހިންގުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއެކު ވީ އެންމެ އަވަހަކަށް މަޝްވަރާތައް ފެއްޓެވުމަށް އެއްބަސްވެވަޑައިގެންފައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ ފަޒްނާ ވަނީ ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ.ގެ ފަރާތުން އެކަމަނާއަށް ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަވާފައެވެ. އަދި ޔޫ.އެން.ޖީ.އޭ ކުރިޔަށްދާއިރު އެކަމަނާ ނިއުޔޯއަށް ކުރެއްވި މިދަތުރުފުޅަކީ މިފަދަ ފައިދާހުރި އައު ޕާރޓްނަރޝިޕް ފުރުޞަތުތައް ފަހިވެގެންދިޔަ ކަމެއްކަން ފާހަގަކުރެއްވިއެވެ.
މިބައްދަލުވުމުގައި އެ ކަމަނާ ދެއްކެވި ވާހަކަފުޅުގައި ވަނީ އެކަމަނާއަކީ ވެސް ތައުލީމީ ދާއިރާއިން ވަޑައިގެންނެވި ބޭފުޅެއްކަން ފާހަގަކުރައްވަމުން، ތަޢުލީމު ދިނުމުގެ ތެރޭގައި އާރޓް އަދި މިއުޒިކް ބޭނުންކުރުމަކީ ވަރަށް ޝައުޤުވެރިވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޔުނިޓާރ އާއި ޖީ.އެފް.ޕީ.އޭ އާ ގުޅިގެން ރާއްޖޭގެ ޓީޗަރުންނަށް އާރޓް ތެރަޕީގެ ތަމްރީނުތައް ހިންގަން ފެށުމަށް އޮތް ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި މަޢުލޫމާތު ހޯއްދެވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!