އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.

މިއީ އޭސިއާ ފައުންޑޭޝަން މޯލްޑިވްސްގެ ފަރާތުން ރާއްޖޭގައި ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާތައް ބާރުވެރި ކުރުވައި އެ ޖަމްޢިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ ސަޕޯޓިން ރީޖަނަލް ސިވިލް ސޮސައިޓީ އޯގަނައިޒޭޝަން އިން ދަ މޯލްޑިވްސް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

Ad
rt

މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކުލަބް ޖަމްޢިއްޔާތަކަށް މި ޕްރޮޖެކްޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޭސިއާ ފައުންޑޭޝަން މޯލްޑިވެސްގެ ފަރާތުން ހުޅުވާލިއިރު، އެކަމަށްއެދި ރާއްޖޭގެ ގިނަ ކުލަބް ޖަމްޢިއްޔާތަކުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް ސޯޓްލިސްޓްކޮށް އެންމެ ރަނގަޅު ހުށަހެޅުން ހުށަހެޅި ހަތް ޖަމްޢިއްޔާއަކަށް އެ ފައުންޑޭޝަނުން ވަނީ މި ޕްރޮޖެކްޓް ހިންގުމުގެ ފުރުޞަތު ދީފައެވެ.

އެ ޖަމްޢިއްޔާތަކަކީ ރ. މީދޫއަށް ނިސްބަތްވާ ޖަމްޢިއްޔަތުއްޞަލާހް، ހދ. ހަނިމާދޫއަށް ނިސްބަތްވާ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާ، މ. މަޑުއްވަރީއަށް ނިސްބަތްވާ ޒުވާން ޖީލް، މ. ކޮޅުފުއްޓަށް ނިސްބަތްވާ ކޮޅުފުށީ އެކުވެރިންގެ ކުލަބް، މ. މުލަކަށް ނިސްބަތްވާ ކޮމިއުނިޓީ އެމްޕަވަމެންޓް ލިންކޭޖްގެ އިތުރުން ފުވައްމުލަށް ސިޓީއަށް ނިސްބަތްވާ އެވެއާ ސޮސައިޓީގެ އިތުރުން ޔޫތު އިނިޓިއޭޓެވެ.

މި ޕްރޮޖެކްޓް ހިންގުމަށް ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އޭސިއާ ފައުންޑޭޝަން މޯލްޑިވްސްއާއެކު ސޮއި ކޮށްފައި ވަނީ 22 ސެޕްޓެމްބަރ 2021 ގައެވެ. ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮޖެކްޓާއި ގުޅުންހުރި އިދާރީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ފެށިގެން ދަނީ ކުރިއަށެވެ. ފުރަތަމަ ފޭސް ހިންގުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި މަހުން ފެށިގެން ޑިސެމްބަރ ގެ ނިޔަލަށެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން މި ކާމިޔާބުކުރި ޕްރޮޖެކްޓާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަވަމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ޖެނެރަލް ސެކެއްޓްރީ އަދި މި ޕްރޮޖެކްޓުގައި ޖަމްޢިއްޔާގެ ފަރާތުން މަސައްކަތްކުރަމުން އަންނަ އެންމެ އިސް ފަރާތް ކަމުގައިވާ ފަރުހާދު މޫސާ ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓްގެ ދަށުން ޖަމްޢިއްޔާގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ޖަމްޢިއްޔާގެ އޮފީސް އިމާރާތް ތަރައްޤީ ކުރެވިގެން ދާނެ ކަމަށެވެ. އަދި ޖަމްޢިއްޔާގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން ލީޑަޝިޕް އުފެއްދުމުގެ މަސައްކަތްތަކެއް ވެސް ކުރެވިގެން ދާނެ ކަމަށާއި، އަދި މި ޕްރޮޖެކްޓްގެ ތެރެއިން މުޖުތަމަޢުގައި އަންހެނުން ބާރުވެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މީގެ އިތުރުން ޖަމްޢިއްޔާއަށް އާމްދަނީ ލިބޭނޭފަދަ މަގެއް ފަހިކޮށް ދުރުރާސްތާ ޕްލޭނަކާއިއެކު މަސައްކަތް ކުރަން ފެށިގެންދާނެ ކަމަށެވެ.

ފަރުހާދު އިތުރަށް ވިދާޅުވެފައި ވަނީ މިފަދަ ފުރުޞަތުތަކަށް އެޕްލައި ކުރުމުގެ ފުރުޞަތުތައް އަބަދުވެސް ޖަމްޢިއްޔާތަކަށް އެކިއެކި ދިމާތަކުން ހުޅުވިފައިވާ ކަމަށާއި ބޭނުންވަނީ އިލްމީ ޤާބިލް ޒުވާނުން މިފަދަ މަދަނީ ޖަމްޢިއްޔާތަކާއިގުޅި އެކަންކަމައިގެން ކުރިއަށް ގޮސް މުޖުތަމަޢަށް އެކަމުގެ މަންފާ ހޯދައިދިނުން ކަމަށެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ ފަރާތުން މިހާރު ވެސް އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް" ގެ ދަށުން މި ހިނގާ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާއަށް ހޮވި މަޝްރޫޢުތަކުގެ ތެރޭގައި ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ހަނިމާދޫ ސްކޫލްގެ ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހުށަހެޅި މަޝްރޫޢު ކާމިޔާބުކޮށް އެ މަސައްކަތް ނިންމުމަށް ވާންޖޭހޭ ތައްޔާރީތައް ވެސް ވަމުންނެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 27 އަހަރު ދުވަހު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ. އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.