ށ. ފުނަދޫގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލުން 2 މިިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކޮށްފިއެވެ.

މި ބަޖެޓް ފާސްކޮށްފައިވަނީ ފުނަދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.

Ad
rt

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުގައި ހުރި 4 ޖަނަރޭޓަރުގެ ތެރެއިން 1200 ވޯޓުގެ ޖަނަރޭޓަރު އަދި 800 ވޯޯޓުގެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކަކާއި ގުޅިގެން 24 ގަޑިއިރު މުޅިރަށަށް އެއްފަހާރާ ކަރަންޓު ދިނުމަށް ދަތިތަކަކާއި ކުރިމަތިލާން ޖެހުނުކަމަށެވެ.

އެގޮތުން، ބޮޑު ދެ ޖަނަރޭޓަރަށް ދިމާވި މައްސަލަތަކާއި ގުޅިގެން އެ ރަށަށް ކަރަންޓު ފޯރުކޮށްދެމުން ދިޔައީ 250 ވޯޓުގެ ޖަނަރޭޓަރަކާއި 500 ވޯޓުގެ ޖަނަރޭޓަރަކުން ކަމަށް އަޙުމަދު ފާހަގަކުރެއްވިއެވެ.

" ފަހުން ދެމުން އައީ ކުޑަ 2 ޖަނަރޭޓަރުން. އެ ދޭތިން ދުވާލު މުޅިރަށަށް ކަރަންޓު ދެވޭވަރަކަށް ލޯޑެއް ނުހިފާއްޓަ. ބައިގަޑިއިރަށް ޖެހޭ ކޮންމެވެސް އެއްސަރަހައްދަކުން ކަރަންޓު ކަނޑާލަން. ދެން ރޭގަނޑު 21:00 ހާއިރު މުޅިރަށަށް ކަރަންޓު ދެވޭވަރު ވަނީ" އަޙްމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

މި މައްސަލަތައް ހައްލު ކުރުމަށްޓަކައި އެ ކައުންސިލްގެ ބަޖެޓުން 2 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމަވާއިރު މިއަދު ވަނީ 1.5 މިލިއަން ރުފިޔާގެ އައު ޖަނަރޭޓަރެއް އެރަށަށް ގެނެވިފައި ކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ. އަދި މި ޖަނަރޭޓަރަކީ 625 ކޭވީއޭ ސައުންޑް ޕްރޫފް ޖަނަރޭޓަރެއް ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަޖެޓް އިން މައްސަލަ ދިމާވި 2 ޖަނަރޭޓަރު މަރާމާތު ކުރުމަށް ކުރަން ޖެހޭ ހަރަދުތައް ކުރަން ހަމަޖެހިފާވާކަމަށާއި އަދި ގެނެވުނު އައު ޖަނަރޭޓަރާއެކީ މިރޭގެ ވަގުތެއްގައި ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް ހައްލެއް ގެނެވޭނެކަމަށް އަޙްމަދު ވިދާޅުވިއެވެ.

އަދި ބޮޑު 2 ޖަނަރޭޓަރު މަރާމާތު ކުރުމަށްފަހު އައު ސައުންޑް ޕްރޫފް ޖަނަރޭޓަރު ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ ބެކްއަޕް ޖަނަރޭޓަރެއްގެ ގޮތުގައި ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.

ފުނަދޫގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ. އަދި ދިމާވި މައްސަލަތަކާއި އެކުވެސް ފުނަދޫ ރައްޔިތުން ދެއްވި ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު ވަނީ އެރަށު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.