އިންޑިއާ އެގްޒިމް ބޭންކާއެކު 2 ލޯން އެއްބަސްވުމެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ސޮއިކޮށްފިއެވެ.
މިއީ ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި އެފްޑީސީއާއި އެގްޒިމް ބޭންކުގެ އިތުރުން އެކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރުގެ އިތުރުން ޕްލޭނިން މިނިސްޓްރީއާއި ރައީސް އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
މީގެއިތުރުން އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުންނާއި މިމަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންކަމަށްވާ އެން.ބީ.ސީ.ސީ (އިންޑިޔާ) ލިމިޓެޑް އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިޔާ) ލިމިޓެޑްގެ އިސްވެރިންގެ އިތުރުން އެފް.ޑީ.ސީގެ ބޯޑް ޑިރެކްޓަރުން ވެސް ބައިވެރިވިއެވެ.
މިއަދު ސޮއި ކުރެވުނު 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑްއާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އާއިއެކު އެފް.ޑީ.ސީގެ ފަރާތުން ސޮއި ކުރެވިފައިވާ އީ.ޕީ.ސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސުންގ ޔުނިޓްތައް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސަވަރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނުކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.
މިއީ އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތްތަކެވެ. މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެކެވެ.
އެން.ބީ.ސީ.ސީ (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 2 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. އަދި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް އާއި އެފް.ޑީ.ސީގެ ފަރާތުން އީ.ޕީ.ސީ އެއްބަސްވުމުގައި ސޮއި ކުރެވިފައި ވަނީ 8 މާރިޗް 2021 ވަނަ ދުވަހުއެވެ.
މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނިގޮތުގައި މިމަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށްޓަކައި ދަނީ ތައްޔާރުވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!