ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެކުވެރި ދައުލަތް (އ.ދ) ގެ 76 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައި ގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިގޮތުން ރައީސް އެމެރިކާގެ ނިއުޔޯކަށް ސެޕްޓެމްބަރު 18 ވާ ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެ ކަމަށާއި، މިދަތުރުފުޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

Ad
rt

މި ދަތުރުފުޅުގައި އދ. ގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ސެޝަންތަކުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އ.ދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިންއެފެއަރޒް ޢަބްދުﷲ ޝާހިދު އިންތިޚާބްވެވަޑައިގެންނެވުމާއި ގުޅިގެން މިފަހަރުގެ އ.ދ.ގެ ޢާންމު މަޖިލީހަކީ ރާއްޖެއަށް ވަރަށް ތާރީޚީ މަޖިލީހަކަށް ވެގެންދާނެއެވެ.

ޚާއްސަކޮށް ފާއިތުވި ތިން އަހަރު ރާއްޖެއިން ވަނީ ބައިނައްލަޤްވާމީ ދުނިޔޭގައި މުހިއްމުކަންދޭ ކަންކަމުގައި ފައިތިލަ ސާބިތުކޮށް ރާއްޖެއިން ޤަބޫލްކުރާ ކަންކަމާއި ގުޅޭގޮތުން ވަކާލާތުކޮށްފައެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރައީސް ޞާލިޙް މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 28 ވާ އަންގާރަދުވަހުއެވެ.