ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ނަދީމްއާއި ޝަފީޢު

ފޮޓޯ: ޖޭއެސްސީ
ފޮޓޯ: ޖޭއެސްސީ

ކްރިމިނަލް ކޯޓަށް ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަލީ ނަދީމް އަދި އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އައްޔަން ކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވިދާޅުވިގޮތުގައި ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަނު ކުރީ، އެ ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހުގައި ކަމަށެވެ.

މިގޮތުން އދ. މާމިގިލި، ފްރީޕާކް، އަލްއުސްތާޛު ޢަލީ ނަދީމް އަދި ހ. އަސްރަފީވިލާ، އަލްއުސްތާޛު އިސްމާޢީލް ޝަފީޢު އެ އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވުމުން، އެ ދެ ބޭފުޅުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް ނިންމައި، 2021 ސެޕްޓެންބަރު 12 ވަނަ ދުވަހު އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާކުރައްވާފައިވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ކްރިމިނަލް ކޯޓް ފަނޑިޔާރުކަމަށް އައްޔަނު ކުރެއްވި ޢަލީ ނަދީމް ވަނީ މިޞްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްޤާނޫނުގެ ޑިގްރީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، ނަދީމް ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އިސްމާޢީލް ޝަފީޢު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު އިސްމާޢީލް ޝަފީޢު ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަޤާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން އަމިއްލަ ލޯ ފާމް ތަކުގައިވެސް ވަކީލެއްގެ ޙައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.

ކްރިމިނަލް ކޯޓަށް އައްޔަން ކުރެވުނު ދެ ބޭފުޅުން އިތުރުން 3 ރަށެއްގެ މެޖިސްޓްރޭޓްކަމުގެ މަޤާމަށްވެސް ވަނީ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އެގޮތުން ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، އައްޔަން ކުރަށްވާފައި ވަނީ ބ. ދަރަވަންދޫ، ކުރިކީލަގެ، މަރްޔަމް އިފްހާމް ނާޝިދެވެ. ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރައްވާފައި ވަނީ ގއ. ގެމަނަފުށި، މިސްކިތްދޮށުގެ، ޢަބްދުއްސަލާމް އެވެ. އަދި ގއ. ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، އައްޔަން ކުރައްވާފައި ވަނީ ގއ. މާމެންދޫ، މައިސަން، ވިޝާޙް ވަޖީދްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި