އިޓާލިއަން ސީރިއާ އޭގެ އެންމެ ކާމިޔާބު އެއް ޓީމް ކަމުގައިވާ ޔުވެންޓަސްއިން ލީގުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ތިން މެޗުން ވެސް މޮޅެއް ނުލިބި ޕްރެޝަރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރަށުން ބޭރުގައި ޔުވެންޓަސް ނުކުމެފައި ވަނީ ނަޕޯލީއާއި ދެކޮޅަށެވެ. އެ މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ދުނިޔެދުއް އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަން ފެށުނުއިރު ހުރީ ޔުވެންޓަސްގައެވެ. ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ވަނީ ކުޅެފައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ އެއްވަރު ވެގެންނެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ޓްރާންސްފާގެ ފަހު ދުވަހު އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފައެވެ. ރޮނާލްޑޯ ނުލައި ޔުވެންޓަސް މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު އެ ދެ މެޗުން ވެސް އެ ޓީމް ވަނީ ބަލިވެފައެވެ.

މި މެޗުގެ ބޮޑުބައި ކޮންޓްރޯލް ކޮށްގެން މޮޅަށް ކުޅެ ގިނަ ހަމަލާ އުފައްދާފައި ވަނީ ވެސް ނަޕޯލީންނެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުވެންޓަސްއިންނެވެ. މި ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓާއެވެ.

ނަމަވެސް މެޗުގެ ފަހު ހާފުގައި ދެ ލަނޑުޖަހައި ނަޕޯލީން ވަނީ ނަތީޖާ އެ ޓީމް ކޮޅަށް އަނބުރާލާފައެވެ. ނަޕޯލީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 57 ވަނަ މިނެޓުގައި ޕޮލިޓާނޯއެވެ. އެއަށްފަހު އެ ޓީމް މެޗުން މޮޅުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ކުލިބަލީއެވެ.

އިޓާލިއަން ލީގިގައި މިވަގުތު އެއްވަނާގައި އޮތީވެސް ނަޕޯލީއެވެ. އެ ޓީމަށް ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. މެޗުން ބަލިވި ޔުވެންޓަސްއަށް ތިން މެޗުން ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ. އެ ޓީމް މިވަގުތު އޮތީ 14 ވަނާގައެވެ.