ހދ. ނޮޅިވަރަންގައި ކޯވިޑް-19 ގެ ހާލަތު ގޯސްވެ އެ ރަށު ސިއްހީ މަރުކަޒުގައި ވޮލެންޓިއަރކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމުގެ މަސައްކަތް އެ މަރުކަޒުން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އެ މަރުކަޒުން އާންމު ކޮށްފައުވާ ނޯޓްގައި ވިދާޅުވެފައި ވަނީ ނޮޅިވަރަން ސިއްހީ މަރުކަޒުގައި ވޮލެންޓިއަރ ކޮށް މަސައްކަތް ކޮށްދޭނެ ފަރާތްތަކެއް ބޭނުންވެފައިވާ ކަމަށެވެ. ވުމާއެކު މިކަމަށް ޝައުގު ވެރިވާ ފަރާތްތަކުން 7575566 ނަންބަރަށް ނަމާއި އެޑްރެސް އަދި ގުޅޭނެ ނަމްބަރު ފޮނުވައި ދެއްވުމަށެވެ.
ނޮޅިވަރަންގައި ތިންހާހާއި ގާތްކުރާ އާބާދީއެއް އޮންނައިރު އެ ރަށުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަނީ ދެ ޑޮކްޓަރުންނެވެ. ޖުމްލަ ތިރީހަކަށް މުވައްޒަފުން އެތަނުގައި މަސައްކަތް ކުރަމުން އަންނަ އިރު އެތަނުގެ ބައެއް މުވައްޒަފުން ކޯވިޑް ކޭސްތަކާއި ގުޅިގެން މިވަގުތު ކަރަންޓީނުގައި ވެސް އެބަތިއްބެވެ.
ނޮޅިވަރަންގެ ކޯވިޑް ހާލަތާއި ގުޅޭގޮތުން "ތިލަދުން" އާއި ވާހަކަ ދައްކަމުން ނޮޅިވަރަން ކައުންސިލް މެމްބަރ މުޙައްމަދު މުސްތަފާ ވިދާޅުވެފައި ވަނީ އެރަށުގެ ކޯވިޑްގެ ހާލަތު ގޯސްކަމަށާއި، އަދި އެ ރަށުގެ އާބާދީއާއި އެކަށޭނަ މިންވަރަށް އެ ރަށުގައި އިންސާނީ ވަސީލަތް ވެސް ނެތް ކަމަށެވެ. މީގެ އިތުރުން މުސްތަފާ ވިދާޅުވެފައި ވަނީ ރަށުގެ ސިއްހީ މަރުކަޒުގައި އޮންނަ އެމްބިއުލާންސް ވެސް ހަލާކުވެފައިވާ ކަމަށާއި ވުމާއިއެކު ބަލި މީހުން އުފުލަމުން ދަނީ ވެސް ރަށު މީހާގެ ޕިކަޕާއި ސައިކަލު ތަކުގައި ކަމަށެވެ.
ނޮޅިވަރަން ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރ މަރިޔަމް ހަބީބް "ތިލަދުން" އާއި ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ އެ ރަށުގައި ކޯވިޑްގެ ހާލަތު މިވަގުތު ވަރަށް ގޯސް ކަމަށެވެ. ވުމާއިއެކު އެ ރަށު ސިއްހީ މަރުކަޒާއި ކައުންސިލާއި ޕޮލިސް ގުޅިގެން ކޯވިޑް ބަލިން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން މަރިޔަމް ރަށުގެ ހާލަތު ރަނގަޅު ކުރުމަށް އެންމެން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަމާއިއެކު ދެއްވަމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.
ކޯވިޑް ކޭސްތަކެއް ފެނިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންއަށް ލާފައި ވަނީ ހުސްވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު ޕޮޒިޓިވް ވެފައި ވަނީ 7 ފަރާތެކެވެ. ނަމަވެސް މިހާ ހިސާބަށް އެރަށުން ކޯވިޑަށް 141 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!