ހާބުބޭ ޓީޗަރަކީ ނ. އަތޮޅު މަދަރުސާގެ ސްކައުޓް އުފެއްދެވި "ބާނީ"އެވެ. ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން 12 ވަނައަށް ނ. އަތޮޅު މަދަރުސާގައި ސްކައުޓް އުފައްދަވައި ރާއްޖޭގައި ފުރަތަމަ ބޭއްވި ސްކައުޓް ޖަމްބޮރީގައި ނ. އަތޮޅު މަދަރުސާ ތަމްސީލު ކުރެއްވިއެވެ. އެއީ 1986 ވަނަ އަހަރެވެ.
ހާބުބެއަށް ފަހު އަދިއަދަށް ދާން ދެން ވެސް އެ ހަރަކާތް އެ ސްކޫލުގައި ހިންގިފައެއް ނުވެއެވެ. އެތައްއެތައް ސަބަބެއް ވާނެއެވެ. އެ ހުރިހާ ސަބަބެއް، މީހުންނާއި ވަސީލަތްތައް މާ މަދު ދުވަސްވަރެއްގައި ހާބުބޭ ކަޑަތުކުރެއްވީ ގަދަފަދަ ހިތްވަރާއި ޢަޒުމުންނެވެ. މުރާލިކަމާއި ހިންމަތާއި މިންނަތުންނެވެ.
ހާބުބޭ ޓީޗަރުގެ ފުރިހަމަ ނަމަކީ ޢަބްދުލް ވައްހާބު ޢަބްދުލްޤާދިރެވެ. ހާބުބޭބެ ބައްޕައަކީ ޢަބްދުލްޤާދިރު ޢަބްދުއްރަޙުމާން (ޤާދިރުބެ) އެވެ. މަންމައަކީ ޒުލޭޚާ މޫސާ (ކަނބުލޮ ދައިތަ) އެވެ. ޢާއިލީ ގެއަކީ މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ އިރަމާގެއެވެ. އާދައިގެ ޓީޗަރެއްގެ ވަޒީފާގައި އުޅުއްވަމުން އަމިއްލަ ގެދޮރު ބިނާކުރިއެވެ. އެ ގެއަކީ މަނަދޫ ފިނޮޅެވެ. ހާބުބޭ ކުރެއްވި ފަސް ކައިވެނީގެ ތެރެއިން ދެ ކައިވެންޏަކަށް ނުވަ ދަރިން ވަނީ ލިބިވަޑައިގެންފައެވެ.
ޝަމީމާ ޙަސަން (ސިއްތިކޮއިދައްތަ)އާ ކުރެއްވި ކައިވެނިން ލިބުނު ހަ ކުދިންނަކީ ޝާޢިރާ، އިރުޝާދު، ޝިފާނާ، ނިޝާން، ޢިޝާން އަދި ޢަސަދެވެ. ނ. މަގޫދޫ ލަޠީފާ ދައްތައާ ކުރެއްވި ކައިވެނިން ލިބުނީ ފާރިޝްއާއި ޞަލާޙާއި އިންމަތެވެ.
ހާބުބޭ ޓީޗަރަށް އަޅުގަނޑުމެން ގިނައިން މުޚާޠަބު ކުރަނީ ހާބުބޭގެ ނަމުންނެވެ. ހާބުބޭއަކީ މުދައްރިސުން ތަމްރީނުކުރާ ކޯސް ހައްދަވައިގެން އެންމެ ފުރަތަމަ އަމިއްލަ ރަށުގައި ޚިދުމަތް ކުރައްވަން ފެއްޓެވި ތިން މުދައްރިސުންގެ ތެރެއިން ބޭފުޅެވެ. މުދައްރިސުން ތަމްރީނު ކުރުމުގެ ކޯސް ފުރިހަމަ ކުރެއްވުމުގެ ކުރިން ވެސް ނ. އަތޮޅު މަދަރުސާގައި ކިޔަވައި ދެއްވުމުގައި ވަގުތީ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ކުރެއްވިއެވެ. ކިޔަވައި ދެއްވުމުގައި އަޅުގަނޑުމެންގެ ތަޢުލީމީ ހަޔާތުގައި ހާބުބޭއަކީ ހަމައެކަނި ފޮތުގައި އޮންނަ ދެލިގަނޑުގެ ބަދަލުގައި ޢަމަލީ ތަޖުރިބާއާއެކު ކިޔަވައިދެއްވި މުދައްރިސެކެވެ.
ކުދިކުދި ވާހަކަތައް ކިޔައި ދެއްވުމާއި ޢަމަލީ މަސައްކަތްތަކާއި އެކިތަންތަނަށް ޒިޔާރަތްކުރުމާއި ދަތުރު ދިއުންފަދަ ހަރަކާތްތަކާއެކުގައެވެ. ހާބުބޭ ކިޔައި ދެއްވަމުން ގެންދެވި ވާހަކަތަކާއި އަމިއްލަ ހަޔާތުގެ ތަޖުރިބާތައް އަޅުގަނޑުމެންގެ އުމުރާ އެއްގޮތަށް އައީ ބައްޓަން ކުރައްވަމުންނެވެ. އަޅުގަނޑުމެން މަތީ ކުލާސްތަކަށް ބަދަލުވަމުން ދިޔަ ވަރަކަށް ހާދިސާތައް ގެންދެވީ ބޮޑަށް ނިއުޅުއްވަމުންނެވެ.

ހާބުބޭއަކީ އަޅުގަނޑުމެން ކުލާހުގެ ތިމާވެށީގެ މުދައްރިސެވެ. މަސްވެރިކަމާބެހޭ ފިލާވަޅެއް ނަންގަވައި ދެއްވި ފަހަރެކެވެ. އަޅުގަނޑުމެންގެ ކާބަފައިން ފަތިހު ހޭލައިގެން މަހަށް ގޮސް، ދާހިފައިގެން ފަރުތަކާއި ފުން ފަޅުތަކަށް ފީނައި އެންދަމައިގެން ދޮށީގެ މަސްވެރިކަން ކުރިގޮތް ހާބުބޭ ބޭނުންފުޅުވީ ތަޖުރިބާކޮށްދޭށެވެ.
ޢަމަލީ ގޮތުން އަޅުގަނޑުމެން ލައްވައި ޢަމަލީ ގޮތުން ކުރައްވާށެވެ. މަހަށްދާން ޝައުޤުވެރިވި ކުދިން ގޮވައިގެން ހާބުބޭގެ ބައްޕަގެ ދޯނީގައި މަހަށް ފުރުނީ ހެނދުނުއެވެ. އެން ދަމަށް ކުޅަ ބުރަ މަސައްކަތުން ވަރަށް ކުޑަ ރެހިކޮޅެއް ދެމުނެވެ. އެއަށްފަހު މަސްކަނޑަށް ނިކުމެ އައިނެއް ފެނޭތޯ ދުއްވީއެވެ. އައިން ހޯދަން ބަލާނެގޮތް ވިދާޅުވެ ދެއްވިއެވެ. ފަހަރަކު ކުއްޖަކަށް ހުންގާނު ދެއްވައިގެން ދޯނި ހުންގާނު ހިފާނެގޮތާއި ދޯނި ދުއްވާނެގޮތް އުގަންނަވައި ދެއްވިއެވެ. ބޮޑު މަސް އައިނެއް ނުފެނުނަސް އެކި ދިމަދިމާއިން ކުޑަކޮށް މަސް ތިލަވާތަން ފެނުނެވެ. އެ ސޮރުމެން އެން ކައިތޯ އެން އުކިއެވެ. އެން އުކުމާއި ދޮށި އެޅުމުގެ ހުނަރުތައް ވިދާޅުވެ ދެއްވިއެވެ. އެއީ ރޯމާ އަވީގައި ދުވާލު ހަތަރުދަމު މަސްވެރިން އުޅޭ ގޮތް ތަޖުރިބާ ކޮށްލެވުނު ދަތުރެކެވެ. ވަރަށް މަޖާ ދަތުރެކެވެ.
އަޅުގަނޑު ހަނދާން ހުންނަ އަނެއް ހާދިސާއަކީ ސްކޫލުގައި ބަޖިޔާ ހެދި ދުވަހެކެވެ. ބަޖިޔާގެ މަސްގަނޑަށް ކުޑަ ހަކުރުކޮޅެއް އަޅަން ރެސިޕީގައި އޮތެވެ. އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެއީ އޮޅިގެން ކިޔެވިފައިވާ އެއްޗެއް ކަމަށެވެ. ކުޅި ހެދިކާއެއް ހަދާއިރު ހަކުރުކޮޅެއް ލައިފާނެހެން އޭރު ހީނުވަނީއެވެ.
ހާބުބޭގެ ހަޔާތުގެ ތަޖުރިބާ ތަކުގެ ތެރެއިން ވިދާޅުވެ ދެއްވާ އެއް ހާދިސާއަކީ އާ އަހަރު ފެށުނު ރެއެއްގައި ޓޫރިސްޓް ރިސޯޓެއްގައި ކުރެއްވި ތަޖުރިބާއެވެ. ފެނިވަޑައިގެން ކަންތައްތަކުން ބިރު ގޮސް އެރޭ މިސްކިތުގައި އިން ވާހަކައެވެ. މިގޮތަށް ކިޔައިދެއްވާ ގިނަ ވާހަކަ ތަކަކީ ވަރަށް މަޖާ ކަންތައްތަކެވެ.

އަޅުގަނޑުމެން ހަޔާތުގައި ނ. އަތޮޅު މަދަރުސާގައި ފުރަތަމަ ބޮޑުބެރު ޖަހަން ފަށައިގަތް ދުވަސްވަރު އެކަމުގައި އިސްކޮށް އުޅުއްވި އެއް މުދައްރިސަކީއެއީއެވެ. އެ ދުވަސްވަރު ނ. މާފަރުން "ނަށާބެ" ކިޔާ ފަންނީ ހުނަރުވެރިއަކު ސްކޫލަށް ގެންނެވިއެވެ. އަޅުގަނޑުމެންނަށް އޭނާ ތަޢާރަފު ކޮށްދެއްވައި އޭނާގެ މިޖާޒާއި ސުލޫކު ވިދާޅުވެ ދެއްެެވިގޮތް އަދިވެސް ހަނދާނުގައި އެބަހުއްޓެވެ. "ގެންނަށް މި އުޅެނީ މާފަރު ނަށާބެއޭ" ވިދާޅުވިއެވެ. އެހެން ވިދާޅުވުމާއެކު ބައެއް ކުދިން ކައިރިއަށް ހިނިއައެވެ. އެއީ ވަރަށް ގިނައިން އަޅުގަނޑުމެން ރަށަށް އައިސް އުޅޭ ވަރަށް މަޖާ މީހެކެވެ.
އޭރު ގިނަ ކުދިންނަކަށް ނަށާބެގެ ބެރުޖެހުމުގެ ހުނަރެއް ނޭނގެއެވެ. "ތިޔަ ކުދިން ކުރަންވީ ކަމަކީ އޭނާ ކައިރިން ބެރުޖެހުމުގެ ހުނަރުތައް ދަސްކުރުން. ކިތަންމެ އާދައިގެ މީހަކަސް ކަމެއް އުނގަންނައިދޭން އައިސްފި ނަމަ އެ މީހަކަށް އަދަބު އިހުތިރާމު އަދާކުރަންވާނެ" ހާބުބޭ ވިދާޅުވިއެވެ.
ހާބުބޭ ޓީޗަރުގެ ލީޑަރޝިޕް އެންމެ ބޮޑަށް ފެނިގެން ދިޔައީ ނ. އަތޮޅު މަދަރުސާގައި ސްކައުޓް ހަރަކާތް ތަޢާރަފުކޮށް ހިންގި ދުވަސްވަރު އެވެ. ރަށުގައި އޭރު ހާބުބޭ ނޫނީ އެ ހަރަކާތާބެހޭ އެއްވެސް އެއްޗެއް އެނގޭ މީހަކު ނެތެވެ. ސްކޫލުގެ އިސްވެރިންނާއި ބެލެނިވެރިންގެ އިތުބާރު ހޯއްދަވައިގެން އެ ހަރަކާތް ފެއްޓެވީ ހާބުބެއެވެ. ސްކައުޓްގެ ބައެއް ލަވަތަކަށް އަޅުގަނޑުމެން ލައްވައި ބޮޑުބެެރު ވެސް ޖެއްސުވިމެވެ. އަދި ފުރަތަމަ ޖަމްބޮރީގައި ބައިވެރިކުރުވިއެވެ. ހެވިކަން ދަސްކޮށްދެއްވާ ރަށުގައި ޝަރަފުގެ ހިނގާލުންތައް ކުރިއަށް ގެންދިޔައެވެ. ޅޮހީ ސްކޫލުގެ ދައުވަތަކަށް އެ ރަށުގައި ޝަރަފުގެ ހިނގާލުމެއް ބާއްވައިދިނެވެ.
ހާބުބޭއަކީ ފުޓްބޯޅައާއި ކުޅިވަރަށް ވަރަށް ފޯރިހުންނަ މުދައްރިސެކެވެ އަޅުގަނޑުގެ ހަނދާނުގައި މަނަދޫ ފުޓްބޯޅަ ޓީމަށް ހާބުބޭ ކުޅުއްވިއެވެ. ފަހުން ސްކޫލުގެ ހައުސްތަކުގެ މެދުގައި އަދި ސްކޫލު ކުދިންނާ އެހެން ރަށްރަށުގެ ސްކޫލްތަކާ ކުޅުނު ފޯރިގަދަ ގިނަ މެޗްތަކުގައި ކޯޗުކަމާއި މެނޭޖަރުކަން ވެސް ކުރެއްވިއެވެ.
ސްކޫލުގެ އެންމެ ސީނިއަރ ދަރިވަރުންނަށް އަޅުގަނޑުމެންވީއިރު ހާބުބޭ ޓީޗަރު ކިޔަވައިދެއްވަނީ ތަންކޮޅެއް ދަށު ގުރޭޑުތަކަށެވެ. އޭރު އަޅުގަނޑުމެންނާއެކު ބޭއްވެވީ ވަރަށް ތަފާތު ގާތް ގުޅުމެކެވެ. ހާބުބޭއަކީ ކޮންމެ ތަނަކުން ދިމާވިޔަސް ވާހަކަދައްކައި ހެދޭ އަޅުގަނޑުމެންނާ ވަރަށް ގުޅޭ މުދައްރިސެކެވެ. ހަމަ އެފަދައިން އަޅުގަނޑުމެންގެ ކިބައިގައި ހުންނަ ނުރަނގަޅު ގޮތްތައް ފާހަގަކުރައްވައި ރަނގަޅުކުރަން ވިދާޅުވާނެއެވެ.
ނ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހާބުބޭގެ ޚިދުމަތް ނ. މަގޫދޫ މަކުތަބަށް ވެސް ލިބުނެވެ. އާބާދީ މަދުވުމުގެ ސަބަބުން ކުލާހެއްގައި ދެތިން ކުދިން ތިއްބަސް ހާބުބޭ އެ މަސައްކަތް ކުރެއްވީ ވަރަށް ގަޔާވެގެންނެވެ.
ތަޢުލީމު ދެއްވުމުގައި ހާބުބޭ ކުރެއްވި ދިގު ދަތުރު ނިންމަވާ ލެއްވީ މަގޫދޫ މަކުތަބުންނެވެ. އެއަށް ފަހު އަމިއްލަ ގޭގައި ވިޔަފާރ ކުރައްވާ އުޅުއްވިއެވެ. ވިޔަފާރިކަމު ބެންކޮކަށް ވަޑައިގެން ހިތްވަރާއެކު ވިޔަފާރި ފުޅާ ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތުގައި އުޅުއްވަމުން ދަނިކޮށް ކުއްލި އާލާސްކަންފުޅެއްގައި މި ދުނިޔެއާ އަލްވަދާޢު ވިދާޅުވާން ޖެހިވަޑައިގަތީއެވެ. އަގުހުރި ޚިދުމަތްތެރިއަކު ކުއްލި ގޮތަކަށް ވަކިވެވަޑައިގަތީއެވެ. ހާބުބޭގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާ ރަޙުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!