އެއްމަހާއި 5 ދުވަސްފަހުން ށ. ފީވައް އާންމު ހާލަތަށް ގެނެސްފިއެވެ.
މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.
ކޯވިޑްގެ ސަބަބުން އެރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އެޗްޕީއޭއިން ވަނީ މިއަދު 13:18 ގައި އެރަށް މޮނިޓަރިންގައި އޮތް އޮތުން އުވާލާފައެވެ.
މޮނިޓަރިން އުވާލިކަން އެންގުމަށް އެޗްޕީއޭ އިން ފީވަކު ކައުންސިލަށް ފޮނުވާފައި ވާ ލިއުމެއްގައި ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ބަލަންޖެހޭ ކަންކަން ބެލުމުން، މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.
އަދި މޮނިޓަރިން އުވާލެވޭ ތާރީޚުން ފެށިގެން، މޮނިޓަރިންގގެ ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް އައީ ކަމުގައިވެސް އެޗްޕީއޭގެ ލިއުމުގައި ފާހަގަކުރެއްވިއެވެ.
މޮނިޓަރިން އުވާލުމާ ގުޅިގެން ފީވަކު ކޮވިޑް ޓާސްކް ފޯރސް އިން ވަނީ މޮނިޓަރިން އުވާލިކަމުގައިވިއަސް، ފަރުދީ ޒިންމާ އަދާކުރުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، ފަރުވައި ކުޑަނުކޮށް މާސްކު ރަނގަޅައް އަޅުއްވައި ގިނަގިނައިން އަތް ދޮވެ ގައިދުރުކަން ބެހެއްޓުމަށް ވަނީ އެދިލައްވާފައެވެ.
ފީވަކު ސިއްހީ މަރުކަޒުން އެންމެ ފަހުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު އާންމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އެރަށުގައި ތިބީ 20 އެކްޓިވް ކޭސް އެވެ. އަދި ޖުމްލަ 136 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފާވާއިރު، އޭގެތެރެއިން 116 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!