ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތުގެ އިތުރުން އއ.އުކުޅަސް ސްކޫލު 8 ކްލާސްރޫމް އަދި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހިމަނާފައެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01 ގެ ގްރޭޑް 01، GC01 ގެ ގްރޭޑް 02، GC01 ގެ ގްރޭޑް 03، GC01 ގެ ގްރޭޑް 04 އަދި GC01 ގެ ގްރޭޑް 05 އަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމުގައި ވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
މި ކޮންމެ ބީލަމެއްގައި ބައިވެރިވެވޭނީ ކޮންމެ ބީލަމަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކައިގެން ކަމަށާއި، އެ ފައިސާ ބަލައިގަންނާނީ 31 އޮގަސްޓް 2021 އިން 22 ސެޕްޓެންބަރު 2021 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރިކޮށް ކަމުގައި އެ އިޢިލާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ahmed.ikram@finance.gov.mv އީމެއިލް އެޑްރެހަށް ފޮނުއްވަން ވާނެ ކަމަށާއި، މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 2 ސެޕްޓެންބަރު 2021ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި މި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމުގައި އެ އިޢުލާނުގައި ބުނެފައިވެއެވެ.
މި ޕްރޮޖެކްޓުތަކާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ކަނޑައެޅިފައިވާ އީމެއިލްއަށް މެއިލް ކުރައްވަމުން ދެންދިޔުމަށާއި، އަދި މި ޕްރޮޖެކްޓުތަކުގެ ބިޑްސެކިޔުރިޓީ ގޮތުގައި ދައްކަވަންޖެހޭ ފައިސާ ބިޑް ހުށަހަޅުއްވާތާ 148 ދުވަސް ތެރޭގައި ދައްކަވަން ޖެހޭނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
މި ބިޑްތަކުގެ ބިޑް ސެކުރިޓީ ގޮތުގައި ހިމަނާފައި ވަނީ ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތަށް 45000 ދިވެހި ރުފިޔާ، ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތްށް 85000 ދިވެހި ރުފިޔާ، ސ. އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތްށް 30000 ދިވެހި ރުފިޔާގެ އިތުރުން އއ. އުކުޅަސް ސްކޫލު 8 ކްލާސްރޫމް އަދި މަލްޓިޕާރޕަސް ހޯލް އިމާރާތްކުރުމުގެ މަސައްކަތަށް 90000 ދިވެހި ރުފިޔާއެވެ.
މި މަސައްކަތްތަކަށް ބިޑު ހުޅުވުން އޮންނާނީ 23 ސެޕްޓެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ. އަދި މީގެއިތުރުން ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަން ވާނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!