ހދ. އަތޮޅުގައި އޮތް ހަމައެކަނި ރިސޯޓްކަމުގައިވާ ހޮނޑާފުށީގައި މަސައްކަތް ކުރަމުން އަންނަ އެއްވެސް މުވައްޒަފަކަށް ސާވިސްޗާޖް ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ ރިސޯޓުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވެއްޖެއެވެ.
މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމުގެ ގޮތުން "ތިލަދުން" އިން ވަނީ ރަސްމީ ސިފައެއްގައި އެ ރިސޯޓްގެ މެނޭޖްމެންޓަށް ގުޅައިގެން މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރެވިފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހު އެރިސޯޓުގެ ޖެނެރަލް މެނޭޖަރަށް ގުޅައި މިކަމުގެ ސުވާލު ކުރުމުން އެދިފައިވަނީ ޖަވާބު ހޯދަން ބޭންވާ ސުވާލުތަކާއި ނޫހުގެ ރެޖިސްޓްރޭޝަން ކޮޕީއާއި އެކު މެއިލްކުރުމަށެވެ. އެގޮތުން ސުވާލުތައް ފޮނުވި ފަހުން ޖަވާބެއް ނުލިބި 3 ދުވަސް ފާއިތުވުމުން ޖީއެމްއާއި ގުޅުމުން ވިދާޅުވީ މިވަގުތު ހުންނެވީ މާލޭގައިކަމުން އަދި 10 ދުވަސްވަރު ނަގާނެކަމަށެވެ.
މިއަދާއި ހަމައަށް އައިއިރުވެސް މިނޫހުން ކުރި އެއްވެސް ސުވާލެއް ދޮގުކޮށްފައިނުވާއިރު ސުވާލުތަކުގެ ޖަވާބެއް ނުދެއެވެ.
ރިސޯޓުގެ މެނޭޖްމަންޓްއިން ދޭނެ ޖަވާބެއް ނެތް!
މިދިޔަ މަހު މިނޫހުން ކުރި ބައެއް ސުވާލުތަކުގެ ތެރޭގައި ހިމެނެނީ އެ ރިސޯޓްގެ މުވައްޒަފުންނަށް ސާވިސްޗާޖް ނުދޭތާ ފަސްމަސްދުވަސް ވެފައިވޭތޯއާއި، އަދި އެންމެ ފަހުން ސާވިސްޗާޖް ދިންއިރު ދީފައިވާ އަދަދަކީ ކިހާވަރެއްތޯ އެވެ. އެ ރިސޯޓުން އެންމެ ފަހުން ސާވިސްޗާޖް ދިން އިރު ދީފައިވަނީ 30 ޑޮލަރުތޯ އާއި، މިވަގުތު 78 މުވައްޒަފުން އެރިސޯޓުގައި މަސައްކަތް ކުރަމުން އަންނައިރު ދިވެހި މުވައްޒަފުންގެ އަދަދަކީ 14 މުވައްޒަފުންތޯ އެހިފައިވާނެއެވެ.
އަދި މީގެ އިތުރުން މުސާރަ ދިނުމުގައި ބިދޭސީންނާއި ދިވެހިންނާއި އެއްވެސް ތަފާތު ކުރުމެއް ގެންގުޅޭތޯ ބެލުމަށް ވެސް "ތިލަދުން" އިން ވަނީ އެތަނުގެ މެނޭޖްމަންޓަށް ހުށަހަޅައިގެން އެ މަޢުލޫމާތު ލިބޭތޯ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މެނޭޖްމެންޓްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް މިހާތަނަށް ލިބިފައެއްނުވެއެވެ.
ވުމާއެކު ތަނުގައި މަސައްކަތްކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުންނާއި ގުޅިގެން ތަނުގެ ހާލަތު ދެނެގަތުމަށް "ތިލަދުން" އިން ކުރި މަސައްކަތުން ވަނީ ބައެއް ކަންކަން ކަށަވަރު ކުރެވިފައެވެ.
ރިސޯޓް ހިންގަމުން ދަނީ އެކަށީގެންވާ ވަރަށްވުރެ މާ މަދު މުވައްޒަފުންނާއި އެކު!
ނަން ހާމަނުކުރުމަށް އެދި އެ ރިސޯޓުން "ތިލަދުން" އާއި ވާހަކަ ދެއްކި މުވައްޒަފަކު ބުނެފައި ވަނީ އެ ރިސޯޓް ހިންގަމުން ދަނީ އެކަށީގެންވާ ވަރަށްވުރެ މާ މަދު މުވައްޒަފުންނާއި އެކުކަމަށެވެ. ނަމަވެސް އިތުރުގަޑީގައި މަސައްކަތް ކުރަންޖޭހޭއިރު އިތުރުގަޑީގެ އެލަވަންސްވެސް ނުލިބޭކަމަށެވެ.
“ބަލިވެއްޖެ ނަމަ ދައްކާނެ ޑޮކްޓަރެއް އަދި ނަރުހެއް ވެސް ނުހުރޭ، ބަލިވެއްޖެ ނަމަ ދަނީ ކައިރި ރަށަކަށް ޑޮކްޓަރަށް ދައްކަން، މިސްކިތް ހުރި ނަމަވެސް އިމާމަކު ވެސް ނުހުރޭ،”
މުއްވައްޒަފަކު މަޢުލޫމާތުދެމުން ބުނެފައުވެއެވެ.
މީގެ ދުވަސްކޮޅެއް ކުރިން އެރިސޯޓުގައި މަސައްކަތް ކުރި ހއ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާނަކު މިނޫހާއި ވާހަކަ ދައްކަމުން ބުނީ، އޭނާ ވަޒީފާއިން ވަކިކުރީ ކޮންސަބަބަކާއި ހުރެކަމެއްވެސް ނާންގާކަމަށެވެ. ވަރަށް ބަލިވެގެން ޑޮކްޓަރ އަށް ދެއްކުމަށް ކުޅުދުއްފުއްޓަށް ގޮސް އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ދިއުމަށް ރިސޯޓްގައި އެދުމުން، 4 ވަރަކަށް ދުވަސް ފަހުން ރިސޯޓުން ގުޅާފައި “ވަރަށް އެހެންކަހަލަަ ހަބަރެއް” އޮތް ކަމަށް ބުނެފައިވާކަމަށެވެ. އެގޮތުން އެޗްއާރުން ގުޅި ކުއްޖާ ބުނެފައިވަނީ "ޖީއެމް ބުންޏޯ މަޑުކޮށްލާށޭ" ވަޒީފާއިން ވަކިކުރީ ކޮން ސަބަބަކާއި ހުރެކަމެއްވެސް އެޗްއާރުން ބުނެފައިނުވާކަމަށް އޭނާ ބުންޏެވެ.
"ހެނދުނު 6 ޖަހާއިރު ރޭނގަޑު 1، 2 ޖަހާއިރު ކޮންމެ ރެއަކު، 24 ގަޑިއިރު ކަހަލަ ގޮތެއްގައި އެތާ ވަޒީގާގައު އުޅުނީ، ރޫމްބޯއީކަމާއި ވޭޓަރ ކަމާއި، ބަގީދުއްވުމާއި އެއަރ ޕޯޓްއަށް ގެސްޓުން ބަލާދިއުމާއި، އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދެމުން އުޅުނީ، ކަނޑާލިއިރު ދޭން ޖެހޭ 5 މަހުގެ ސާވިސް ޗާޖުވެސް ނުދޭ، މުސާރަވެސް ދީފައިވަނީ ބުނި އަދަދަށްވުރެއް މަދުން،"
ވަރަށް އަސަރާއި އެކު އެ ރިސޯޓުގެ ވާހަކަތައް ހިއްސާކުރަމުން އޭނާ ބުނެފައިވެއެވެ.
ވަޒީފާއިން ކަނޑާލުމާއި ގުޅިގެން އެޗްއާރު އަދި ރިސޯޓް ޖީއެމް އާއި ފަހުން ގުޅަން ކުރި މަސައްކަތް ފޯނު ނުނަގާތީ ކާމިޔާބު ވެފައިނުވާކަމަށް އޭނާ ބުންޏެވެ.
"ކަނޑާލި ކަމުގެ ލެޓަރއެއްވެސް އެއްނުދިން، އެތަނުގައި ވަޒީފާ އަދާ ކުރިކަމުގެ ލިއުމެއްވެސް ނުދިން، އެހެންތަނަކަށް ވަޒީފާއަށް އެދި ހުށައެޅޭނީ އެއިރުންތާ، އެތަނުގައި މުވައްޒަފުން ވަޒީފާ އަދާ ކުރަމުން ދަނީ ވަރަށް ހާލުގައި"
އޭނާ އިތުރަށް ބުނެފައިވެއެވެ.
ބިދޭސީންނާއި ދިވެހިން ތަފާތު ކުރުން އިންތިހާއަށް!
އެރިސޯޓުގައި ބިދޭސީންނާއި ދިވެހިން ތަފާތު ކުރުމަކީ ވެސް ބޮޑު މައްސަލަ އެކެވެ. އެގޮތުން ބިދޭސީންނަށް ޑޮލަރުން މުސާރަ ދޭއިރު ދިވެހިންނަށް މުސާރަ ދެނީ ދިވެހި ރުފިޔާއިންނެވެ. އެތަނުގައި ވަޒީފާގައި އުޅެމުންދާ ގިނަ ބިދޭސީންގެ ވޯކްޕާރމިޓް ނެތް ކަމަށާއި ވިސާ ހަމަވެފައިވާ މުވައްޒަފުން ތިބިކަމަށް މިނޫހުން ގުޅި ބަޔެއް ބިދޭސީ މުވައްޒަފުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ބަންގުލަދޭސް، ލަންކާ އަދި އިންޑިޔާ މީހުން ހިމެނެއެވެ. މި އެންމެންގެ ވާހަކައިންވެސް އެރިސޯޓުގައި މަސައްކަތް ކުރަނީ ހިތްހަމަ ނުޖެހިތިބެކަން ފާހަގަ ވިޔެވެ.
"ފެމެލީ ހުންނަނީ ރަށުގަ، ފެމެލީ ކައިރިއަށް ނުދެވެނީނުން ބޭބޭ، އިމިގްރޭޝަންގެ މައްސަލަ ހުންނަނީ، އެޗްއާރުން ބުނަނީ ހަމަޖެހޭ ރަނގަޅު ކުރަނީ، އެދުވަސް ނާންނަނީ ބޭބޭ، އަހަރެން މިހާރު އަމިއްލަ އަށް ދާން ބޭނުން ވަނީ، މިމީހުން ނުފޮނުވަނީމަ ނުދެވެނީ ނުން، މައްސަލަ ހުންނަނީ، ބަރާބަރު ބިޒީ ކޮށް މަސައްކަތް ކުރަނީ"
ބިދޭސީއެއްގެ އިޙްސާސްތައް ހިއްސާކުރަމުން ބުންޏެވެ.
ސާވިސްޗާޖު "އަންނަ މަހު ދެނީ،"!!!
ސާވިސްޗާޖު ނުދޭތާ 6 މަހަށްވުރެ ގިނަދުވަސް ފާއިތުވެގެން ގޮސްފައިވާއިރު، ސާވިސްޗާޖްގެ ކަންކަމާއި ރިސޯޓްގެ މެނޭޖްމެންޓާއި ވާހަކަ ދެއްކުމުން އަބަދުވެސް ބުނަމުން އަންނަނީ "އަންނަ މަހު ދެނީ، ދެނީ ދެނީ" އަދި އެކަން ހަމަޖެހޭނެ ކަމަށް އެތަނުގައި މަސައްކަތް ކުރާ ބިދޭސީއެއް މިނޫހާއި ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
މީގެއިތުރުން ގިނަފަހަރު މުސާރަ ވެސް ލިބެނީ މަސް ނިމޭތާ ދިހަ ދުވަސް ނުވަތަ ބާރަ ދުވަސް ފަހުން ކަމަށާއި ތަނުގެ ހާލަތު ވަރަށް ގޯސް ކަމަށް އޭނާ ކިޔައިދިނެވެ. އެ ރިސޯޓަކީ ރިސޯޓެއްގެ ޝަރުތު ހަމަ ނުވާ ތަނެއް ގޮތުގައި އެ ތަނުގައި މިހާރު މަސައްކަތް ކުރަމުން އަންނަ މުވައްޒަފު ވަނީ ސިފަ ކޮށްފައެވެ.
މިކަންކަން ސާފުކުރުމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ފަރާތުން ސާފުކުރުމަށް ގުޅަމުން ގެންދިޔައިރު ބަޔެއް މުވައްޒަފުންނަށް ނޫހާއި މަޢުލޫމާތު ހިއްސާ ކުރަން ބޭނުން ނުވާކަމަށް ބުނެފައިވެއެވެ. އެއީ މީގެ ކުރިންވެސް މިނޫހަށް މަޢުލޫމާތު ދިން ކަމަށް ތުޙުމަތުކޮށް ވަޒީފާއިން ޒުވާނަކު ވަކިކޮށްފައިވާތީ އާއި އެފަދަ ހާލަތެއް އެމީހުންނަށް މެދުވެރިވެދާނެކަމުގެ ބިރަށްކަމަށް ބުންޏެވެ.
"ތިލަދުން"އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހު އެރިސޯޓުގެ އެވެރެޖް އޮކިއުޕެންސީ އަކީ 80 % އެވެ. މީގެ ކުރިން އެރިސޯޓް ހިންގަމުންއައީ ޖަރުމަނު ކުންފުންޏަކުންނެވެ. މިހާރު އެރިސޯޓް ހިންގަމުން އަންނަނީ ހދ. ކުޑަމުރައިދޫގައިވެސް ރިސޯޓެއް ތަރައްޤީކުރުމަށް 16 އަހަރަށްވުރެއް ގިނަދުވަހު މަސައްކަތް ކުރަމުން އަންނަ ތްރީއޭ ކުންފުނިން ނެވެ.
އެރިސޯޓަކީ މީގެ ކުރިންވެސް މިދަފަ މައްސަލަ ތަކެއް ދިމާވެފައިވާ ރިސޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!