މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގައިވާ ޖޫރިމަނާގެ ފައިސާ ނުދައްކަވާޓީ އެ ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ ތެރެއިން މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައެވެ.

Ad
mooomoo 1

އަދި އެ ފައިސާ ހަ މަސް ދުވަސް ތެރޭގައި ދެއްކުމަށް ހުކުމްގައިވެއެވެ. 2019 ނޮވެމްބަރުގައި އިއްވި ހުކުމްގެ ފައިސާ އެމަނިކުފާނު އަދިވެސް ނުދައްކަވާ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ފައިސާ ދައްކާފައި ނުވާތީ ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ 50 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގެ ދަށުން30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުވި ނޯޓިސްއާ ޙަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

އެހެންވެ ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް 24 އޮގަސްޓް 2021ގައި އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އެ މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

Ad
df

މި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5,000,000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.