ށ. ފުނަދޫ ތުނޑި ސާފުކޮށްފިއެވެ.

ފުނަދޫ ތުނޑި ސާފުކުރުމުގެ ހަރަކާތަކީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެރަށުގައި ހިންގާ ޖަމިއަޔާތައް ގުޅިގެން ބޭއްވުނު ހަރަކާތެކެވެ.

Ad
rt

ސާފުކުރުމުގެ މިހަރަކާތުގެ އިތުރުން އެރަށުގައި އިއްޔެވަނީ ތަފާތު އެކިކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވިފައެވެ. އޭގެތެރޭގައި، ވާދެމުމާއި ވޮލީ ބޯޅަ އަދި ބައިތު ބާޒީ ފަދަ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ.

މި ހަރަކާތްތަކުގައި އެރަށުގައި ދިރިއުޅޭ ގިނައަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާހިމްފުޅު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހަރަކާތުގައި ގާތްގަނޑަކަށް 100 އާއި ގާތްކުރާ އަދަދަކަށް ރައްޔިތުން ބައިވެރިވެފާވާކަމަށެވެ.

އަދި ތުނޑީގެ އިތުރުން އެދިމާލުން މޫދަށް އެރޭ ބޮޑު ސަރަހައްދެއްވެސް ވަނީ ސާފުކުރެވިފާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

އިއްޔެ މެންދުރު 1:30 ގައި ފެށި މިހަރަކާތް ނިންމާލައިފައިވަނީ ހަވީރު 5:30 ގަ އެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ފުނަދޫގައި އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން، ފޮޓޯ: ފުނަދޫ ކައުންސިލް

މީގެ އިތުރުން، ރަށުތެރެ ސާފުކޮށް ބެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

"ތުނޑީގައި ހުންނާނެ ސާފުކޮށްނިންމާފަ އިރުޝާދުތަކަކާއެކު ބޯޑުތަކެއް ބެހެއްޓިފަ، އުންމީދުކުރަން ހުރިހާ ރައްޔުތުންވެސް އެ ބޯޑުތަކުގައި ވާ ގޮތަށް ކަންކަން ކުރާނެ ކަމަށް" ފުނަދޫ ރައީސް ވިދާޅުވިއެވެ.

އަދި ތުނޑިއަށް މޫދަށް އެރެން ނުވަތަ އެނޫންވެސް ބޭނުންތަކަށް ދާ ފަރާތްތަކުން އެ ސަރަހައްދަށް ގެންދާ ކުނި ނުވަތަ އެ ފަރާތްތަކުން އުފައްދާ ކުނި، އެންބުރި ގެއަށް ދާއިރު ހިފައިގެން ދިއުމަށް ކައުންސިލްގެ ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މަގޭ ސާފު ފުނަދޫ" ޕްރޮގްރާމްގެ ދަށުން އެރަށުގައި ރައްކާތެރި ކަމާއެކު ކުނިނައްތާލުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދާކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ އެރަށު ކޮންމެ ގެއަކުން ކުނިވާޒާތުގެ ތަކެތި ކޮންމެ ދުވަހަކު ނަގާކަމަށާއި، އެފަދައިން ތުނޑީގައި އުފައްދާ ނުވަތަ ގެންދާ ކުނި އަނބުރާ ގެއަށް ގެނެސް ބެހެއްޓުމުން މި ޕްރޮގްރާމްގެ ދަށުން އެ ކުނިތައް ނަގައިދޭނެ ކަމަށެވެ.

"މިގޮތަށް ހެދިފާވާ ގަވައިދުތަކާ ޚިލާފުވާނަމަ ތިމާވެށީގެ ޤާނޫނުގެ ދަށުން އަދި އަޅުގަނޑުމެން ކައުންސިލްގެ ކުނިނައްތާލުމުގެ ގަވައިދުގެ ތެރެއިން ފިޔަވަޅުވެސް އަޅާނަން." ރައީސް އަޙްމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާނުންގެ ދުވަހާ ގުޅުވައިގެން ހިންގުނު މިހަރަކާތަށް އެ ރަށު މުއައްސަސާތަކުގެ މުވައްޒަފުންނާއި ވިޔަފާރިވެރިން ދިން އެހީތެރިކަމާއި އެއްބާރުލުމަށް އެ ފަރާތްތަކަށް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.