ބްރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ޖަރުމަނު ސްޕަ ކަޕްގެ ޗެމްޕިއަންކަން ބަޔާން މިޔުނިކުން ހޯދައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ޖަރުމަނު ސްޕަކަޕް މެޗަކީ އެންމެ ފަހުގެ ޖަރުމަނު ލީގުގެ ޗެމްޕިއަންއާއި ޖަރުމަނު ކަޕްގެ ޗެމްޕިއަންގެ މެދުގައި ކުޅެވޭ މެޗެކެވެ. މި މެޗުގައި ބަޔާން ވާދަކޮށްފައި ވަނީ ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ. ޑޯޓްމަންޑް މި މެޗުގައި ވާދަކޮށްފައި ވަނީ މިދިޔަ ސީޒަންގެ ޖަރުމަނު ކަޕްގެ ޗެމްޕިއަން ޓީމުގެ ހައިސިއްޔަތުންނެވެ.

Ad
rt

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ގްނާބްރީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ.

ބަޔާނުން ވަނީ މެޗުގެ 49 ވަނަ މިނެޓުގައި ލަނޑުޖަހައި ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު ލެވަންޑޯސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް މުލާއެވެ. ނަމަވެސް ޑޯޓްމަންޑުން ވަނީ މެޗުގެ 64 ވަނަ މިނޓުގައި ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ބެލިންހަމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާކޯ ރެއުސްއެވެ.

މި ލަނޑާއިއެކު ޑޯޓްމަންޑުން ކުޅުން ރަނގަޅުކުރި ނަމަވެސް އެ ޓީމުގެ ޑިފެންސް ތެރެއިން ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ 74 ވަނަ މިނެޓުގައި ލަނޑުޖަހައި ބަޔާނުން ވަނީ އަނެއްކާ ވެސް ފަރަގު ބޮޑު ކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ލެވަންޑޯސްކީއެވެ.

މިއީ ބަޔާންގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވި ހޫލިއަން ނާގަލްސްމަން އަށް ލިބުނު ފުރަތަމަ ތައްޓެވެ. ޖަރުމަނު ސްޕަކަޕް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ޓީމަކީ ވެސް ބަޔާންއެވެ. އެ ޓީމުން ވަނީ ޖަރުމަން ސުޕަ ކަޕް ނުވަފަހަރު ކާމިޔާބު ކޮށްފައެވެ.