އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ލަފާ ހޯދުމަށް، ފަަސް ބޭފުޅެއްގެ ނަން އަދި އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރަން ހަތަރު ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފެށިފައިވާއިރު، މިގޮތުން ބާއްވާ ފުރަތަމަ ޖަލްސާ އަށް އެ މައްސަލަތައް ހުށަހަޅުއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވި ސިޓީފުޅުތައް މަޖިލީހުގެ އަމީންއާންމު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

Ad
rt

އީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި، އަހްމަދު ޝަރީފް އިސްތިއުފާ ދެއްވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އީސީގެ މެންބަރު ކަމަށް ފޮނުއްވި ނަންތައް:

  • މުހައްމަދު އާސިފް، ހ. އިރުވައި
  • ޝަހުލާ އިސްމާއިލް، ފިނިއުނިމާގެ / ޅ. ހިންނަވަރު
  • އަޒްލީމާ އަހުމަދު، ދަފްތަރު، ނަމްބަރު ރސ 94-341
  • އަހުމަދު މަންސޫރު، ވ. ރިވެތި
  • އަލްއުސްތާޛާ މަރިޔަމް ހަނީފާ ޚާލިދު، އަނބުގަސްދޮށުގެ / ހއ.ކެލާ

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްޙޫރިއްޔާ އިސްކަންދޭ ތަރުތީބުން 4 ނަންފުޅެއް ފޮނުއްވާފައިވާއިރު، އެ ބޭފުޅުންނަކީ، ރައީސް ވަހީދުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ޝިހާމް މުހައްމަދު ވަހީދުގެ އިތުރުން އަހްމަދު އާހިދު ރަޝީދު، އަޒްލީމާ އަހްމަދު އަދި މަރިޔަމް އަލީމް އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހުސައިން ފިޔާޒް މޫސާއެވެ. ހުސައިން ފިޔާޒް މޫސާ އެމަގާމުން އިސްތިއުފާ ދެއްވާފައިވަނީ މާޗް 21 ވަނަ ދުވަހުއެވެ.