އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ “ގަރލްސް ޓު ކޯޑް” ގެ މިފަހަރުގެ ޕްރޮގްރާމް ކުޅުދުއްފުށި ސިޓީގެ އަންހެން ކުދިންނަށް އަމާޒުކޮށްގެން ބޭއްވުމަށް ނިންމައިފި އެވެ.
ދިރާގާއި ވުމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ޚާއްސަކޮށްގެން ބޭއްވޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި އެޗް.ޓީ.އެމް.އެލް. އާއި ސީ.އެސް.އެސް. އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރުން ފަދަ ކަންކަން ދަސްކޮށްދެވޭނެ ކަމަށް ޕްރޮގްރާމް އިންތިޒާމް ކުރި ފަރާތުން ހާމަކުރިއެވެ.
މި ޕްރޮގްރާމަކީ މުޅިން ހިލޭ ކުރިއަށް ގެންދެވޭ ޕްރޮގްރާމަކަށް ވުމުން ކޯޑު ދަސްކުރުމަށް ނެގުމަށް ހަމަޖެހިފައިވަނީ 20 ބައިވެރިންނެވެ. މުޅިން އަލަށް ކޯޑިން އަށް ނިކުންނަން ބޭނުންވެފައި ތިބި އަންހެން ކުދިންނަށް އިސްކަން ދެވޭނެ ކަމަށް ބުނެފާވެއެވެ. އަދި ވިމެން އިން ޓެކް އިން މިކަމަށް ކުދިން ހޮވާއިރު އެތަނުން ފުރަން ހަވާލުކުރާ ފޯމް ތަކަށް ބެލުމަށް ފަހު ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިކަމަށް ދޭ ސަމާލުކަމާ ޝައުގުވެރިކަމަށް ބެލޭނެއެވެ.
“ގަރލްސް ޓު ކޯޑް” ގެ 3 ވަނަ ޕްރޮގްރާމް ކުޅުދުއްފުށީގައި ބޭއްވުމަށް ނިންމުމަށްފަހު މިހާރު ވަނީ ރެޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައެވެ.
އެގޮތުން، ރެޖިސްޓަރ ވާން ބޭނުންވާ ކުދިން "ގަރލްސް ޓު ކޯޑް" ޓްވިޓަރ ގައި އާންމު ކޮށްފައިވާ ލިންކް https://t.co/tyjuY4ccMd?amp=1 ގައި އިން ފޯމް ފުރާލުމަށް ފަހު ރެޖިސްޓަރ ވެވޭނެ އެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ރެޖިސްޓަރ ވާން ޖެހޭކަންވެސް އެ ފަރާތުން ހާމަކުރިއެވެ.
ކޯޑިން ދަސްކޮށްދޭ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޫގްލް ކްލާސް ރޫމް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި ކްލާސްތަށް އޮންނާނީ ހަވީރު 4:00 އިން 6:00 އަށެވެ.
2 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިމަހު 29 ވަނަ ދުވަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!