އީރާނުގެ ގިޝްމް އައިލެންޑަށް އަމާޒުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ޙަމަލާތަކެއް ދީފައިވާ ކަމަށް، އެ ޤައުމުގެ އޮފިޝަލަކާ ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މި ޙަމަލާއާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލު ވިދާޅުވެފައިވަނީ، މިއީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކާ ދެކޮޅަށް އީރާނުން ބިމުން ވައަށް ފޮނުވާ މިސައިލް ބޭނުންކުރުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ދިފާޢީ ފިޔަވަޅެއް ކަމަށެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލްއިން އެންމެ ފުރަތަމަ ރިޕޯޓްކުރި މި ޙަމަލާތަކަށްފަހު، އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުގެ ދެކުނުގެ ސަރަޙައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް އީރާނުގެ ނޫސް އިދާރާތަކުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ގިޝްމް އައިލެންޑުގެ އިތުރުން އައްސޭރިފަށުގެ ރަށެއް ކަމަށްވާ ބަންދަރު ލެންގޭވެސް ހިމެނެއެވެ.
މި ޙަމަލާ ދީފައި މިވަނީ، އަންގާރަ ދުވަހު ބާއްވާ މިޑްޓާމް އިންތިޚާބަށްފަހު އީރާނާއެކު އަލުން ބޮޑު އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ފުރުޞަތު ކުޑަކުރެއްވުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، "އަހަރެމެން އީރާނާއެކު ހަނގުރާމައެއް ކުރިން. އަދި އަހަރެމެން މޮޅުވި. އެއީ ހަނގުރާމައެކޭ ބުނެވިދާނެ ކަމެއްވެސް އަހަންނަކަށް ނޭނގެ، ސަބަބަކީ އެތައް މަހެއް ވަންދެން އަހަރެމެން އެއްވެސް ހަނގުރާމައެއް ނުކުރާތީ،" އެވެ.
އެހެންނަމަވެސް، ވޯލް ސްޓްރީޓް ޖާނަލްއަށް އެމެރިކާގެ އޮފިޝަލުން މަޢުލޫމާތު ދެއްވި ގޮތުގައި، ވޭތުވެދިޔަ ހަފުތާތަކުގައިވެސް އެމެރިކާގެ އަސްކަރިއްޔާއިން ދިޔައީ އީރާނުގެ އެކި އަމާޒުތަކަށް ކުދި ފަންތީގެ ޙަމަލާތައް ދެމުންނެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެމެރިކާގެ ބައެއް އޮފިޝަލުން މި އޮޕަރޭޝަންތައް ސިފަކުރައްވާފައިވަނީ ދިފާޢީ ފިޔަވަޅުތަކެއްގެ ގޮތުގައެވެ. އަދި މީގެ މައިގަނޑު ބޭނުމަކީ ސްޓްރެޓީޖިކަލީ ނުހަނު މުހިންމު ސަރަޙައްދެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ބިރުދެއްކުމަށް ނުވަތަ ޙަމަލާދިނުމަށް އީރާނަށް ލިބިދާނެ ޤާބިލުކަން ނައްތާލުން ކަމަށްވެސް އެ އޮފިޝަލުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!