ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަށްވައިފި އެވެ.

މި މަޤާމަށް އައްޔަނު ކުރަށްވާފައިވަނީ މ. ބަޑިކުޅިމާގެ، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އެވެ.

Ad
rt

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ވަނީ އުސްތާޛު އަނަސް އަށް ސްޓޭޓް މިނިސްޓަރކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.

އުސްތާޛު އަނަސް އަކީ ޕާކިސްތާނުގެ އިންޓްނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިން ބެޗަލަރ އޮފް ލޯސް އެލް.އެލް.ބީ (އޮނާރސް) ޝަރީއަރ އެންޑް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މީގެ ކުރިން އޭނާ ވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަޤާމު އަދާކުރަށްވާފައެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓެރީ-ޖެނެރަލްގެ މަޤާމު ވެސް ފުރުއްވާފައެވެ.

މީގެ އިތުރުން، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ މާލެ ސިޓީ ކައުންސިލް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ފަދަ ސަރުކާރުގެ އެތައް ކުންފުންޏެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެޤްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމު ވެސް ފުރުއްވާފައިވެއެވެ.