ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ސްކޫލުތައް ހުޅުވާފައިވާއިރު ހދ.ހިރިމަރަދޫ ސްކޫލުގެ ގިނަ ކަންތައްތަކެއް ފުރިހަމަނުވެ ހުރުމުން އެ ސްކޫލުގެ އެއްވެސް ކުއްޖަކު މިއަދު ސްކޫލަށް ގޮސްފައި ނުވާކަމުގައި "ތިލަދުން"އަށް މަޢުލޫމާތު ލިބިއްޖެވެ.
ހިރިމަރަދޫ ސްކޫލަކީ ގްރޭޑް 10 އާއި ހިސާބަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ފަސްދޮޅަހާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނައިރު މިއަދު އެ ސްކޫލަށް އެއްވެސް ދަރިވަރަކު ހާޟިރުވެފައި ނުވެއެވެ.
އެ ސްކޫލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ތިލަދުންއާއި ވާހަކަދެއްކި އެ ސްކޫލުގެ ބެލެނިވެރިއެއް ބުނެފައިވަނީ މިއަދު ދަރިވަރުން ސްކޫލަށް ގޮސްފައި ނުވަނީ ސްކޫލުގައި ތަޢުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނާއި ސީދާ ގުޅުންހުރި ގިނަ މައްސަލަތައް ހައްލުވެފައި ނުވާތީ ކަމަށްވެ.
މިގޮތުން އޭނާ ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން އެ ސްކޫލުގައި ތިބެ ނަތީޖާ ނެރެވިފައިނުވާ ބޭރު ޓީޗަރުންތަކެއް ބަދަލު ކޮށްދެއްވުމަށް އެދިފައި މިނިސްޓްރީގައި ދަންނަވަމުން އަންނަތާ އަހަރުތަކެއް ވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ހައްލެއް ލިބިފައި ނުވާކަމަށެވެ.
މިއަދު ސްކޫލު ހުޅުވިގެންދިޔަ އިރު ގިނަ ގްރޭޑް ތަކެއްގެ ޓެކްސްޓް ފޮތްތައް ވެސް ހަމަނުވާ ކަމަށާއި، އަދި ސްކޫލު އައު އަހަރަށް ތައްޔާރު ކުރުމުގެ ގޮތުން އެ ސްކޫލުގައި އާބާތުރަ ފިލުވުމުގެ އެއްވެސް ކަހަލަ މަސައްކަތެއް ކޮށްފައިނުވާ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން އޭނާ ބުނެފައިވަނީ މިވަގުތު އެ ސްކޫލުގެ ޕްރިންސިޕަލްއަކަށް ވެސް ހުރީ އިންޑިއާ މީހެއް ކަމަށާއި، އެ ޕްރިންސިޕަލް އެ ރަށަށް އައިތާ ދެމަސްދުވަހެއްހާ ދުވަސް ވަނީ ފާއިތުވެގެން ގޮސްފައި ކަމަށެވެ. ނަމަވެސް ފާއިތުވެގެން މިދިޔަ މުއްދަތުގައި ސްކޫލުގެ އެއްވެސް ކަމަކާއި ޕްރިންސިޕަލް އުޅުއްވާތަން ނުފެންނަ ކަމަށެވެ. ވުމާއެކު އެ ޕްރިންސިޕަލާއިއެކު ސްކޫލުގައި ހުރި މައްސަލަތަކަށް ހައްލިކުރެވިދާނެ ކަމަށް މިހާރު ޤަބޫލުނުކުރެވޭތީ ޕްރިންސިޕަލް ބަދަލުވެގެން ދިޔުމަކީ ވެސް އެ ރަށުގެ ބެލެނިވެރިންގެ އެދުމެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އެ ރަށުން ވާހަކަ ދެއްކި މީހާ އިތުރަށް ބުނެފައިވަނީ ރަށުން ގިނަބަޔަކު އެހެން ރަށްރަށަށް ހިޖުރަކުރަމުން ދަނީ އެ ގޮތް ބޭބުންވެގެން ނުވަތަ އެ ގޮތް ފަސޭހަ ވެގެން ނޫންކަމަށެ. ދަރިންނަށް ރަނގަޅު ތަޢުލީމެއް ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް ގޮންޖެހުން ތަކާއިއެކު ރަށް ދޫކޮށް ރަނގަޅު ތަޢުލީމެއް ހޯދުމަށް އެހެން ރަށްރަށަށް ހިޖުރަކުރުމަކީ ކޮންމެކޮންމެ މީހަކަށް ވާނެ ކަމެއް ނޫންކަމަށާއި، ވުމާއިއެކު ސްކޫލުގައި ހުރި މައްސަލަތައް ހައްލުކޮށް ދަރިންނަށް ރަނގަޅު ތަޢުލީމެއް ލިބުމަކީ އެ ރަށުގެ ބެލެނިވެރިންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެ ރަށުގެ ބެލެނިވެރިންގެ ފަރާތުން މި ދެކެވޭ ވާހަކަތަކަކީ ތެދު ހަޤީޤަތް ކަމަށާއި، އެ ކަން ކައުންސިލްގެ ސަމާލުކަމަށް ވެސް އައިސްފައިވާ ކަމަށެވެ. ވުމާއެކު މިނިސްޓްރީއާއި ހިސާބަށް އެ ޝަކުވާތައް ގެންދެވިފައިވާ ކަމަށެވެ.
ވަހީދު އިތުރަށް ބުނެފައި ވަނީ މި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަޝްވަރާ ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު އެ ރަށަށް ދެ ބޭފުޅަކު ވަޑައިގަންނަވާނެ ކަމުގެ މަޢުލޫމާތު މިހާރު ލިބިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!