ޚަލީލްގެ ކޮލަމް: ރިއްމަސް ހިފުން

ހަނިމާދޫގައި ރައްޔިތުންގެ ބަޔަކު ރިއްމަސް ހިފުމުގެ ތެރެއިން
ހަނިމާދޫގައި ރައްޔިތުންގެ ބަޔަކު ރިއްމަސް ހިފުމުގެ ތެރެއިން

ރާއްޖޭގެ ބައެއް ހިސާބުތަކުގައި މި މަހަށް ރިތްމަސް ކިޔާއުޅެއެވެ. ރިއްމަސް ވެސް ލިޔެފައި ހުންނާތީ ފެނެއެވެ. ހަނިމާދޫގައި މި މަހަށް ކިޔާއުޅެނީ "ރިންމަސް" އެވެ. ވުމާއެކު މި ލިޔުމުގައި އަޅުގަނޑު މި މަހަށް މުޚާތަބު ކުރާނީ "ރިންމަސް" ގެ ނަމުންނެވެ.

ދިވެހިރާއްޖޭގެ ބަސްފޮތުގައި ލިޔެފައިވަނީ "ރިއްމަސް"އެވެ. އަދި "ދިވެހިރާއްޖޭގައި އުޅޭ މަސްތައް" މި ފޮތުގައި މި މަހަށް މުޚާތަބު ކުރެވިފައި ވަނީ "ރިތްމަސް" ގެ ނަމުންނެވެ. އެ ފޮތުގައި މި މަހާއި ގުޅޭގޮތުން ހިމަނާފައިވާ އިތުރު މަޢުލޫމާތުގައި ބުނެފައިވަނީ މި މަހަކީ ރާއްޖޭގެ އެތެރެވަރީގެ ކަނޑުތަކުގައްޔާއި، ފުން ވިލުވިލުގައި ވަރަށް ގިނައިން އުޅޭ މަހެއްކަމަށެވެ. އަދި ރިތްމަސް އާއްމުކޮށް އުޅެނީ ބޮޑެތި އައިން ހަދައިގެން ކަމަށާއި، ރަށްރަށުގެ ފަޅުފަޅަށް ވަދެއުޅޭ ރިތްމަސް ގަނޑު ދާއަޅައިގެން ވެސް ރާއްޖޭގެ ބައެއް ހިސާބުތަކުން ހިފާއުޅޭކަމަށެވެ. މިމަސް އެންމެ ބޮޑުވާކަމަށް ވަނީ 32 ސެންޓިމީޓަރަށެވެ.

ހަނިމާދޫއަކީ ރީތި ބޮޑު ފަޅެއް ލިބިގެންވާ ބޮޑު ރަށެކެވެ. ފަޅުގައި ތިލަ ހިސާބުތަކާއި، އެކިއެކި ފުންމިނުގެ ވިލުތައް ހިމެނެއެވެ. އިރުވާ މޫސުމުގައި ހަނިމާދޫގެ ފަޅުތެރެއަށް އައިން ހަދާފައި ގިނަ އަދަދެއްގެ ރިންމަސް ވަދެއެވެ. އެ މަސްއައިން ހިފަން ހުންނަ ޝަޢުޤާއިއެކު މަސްއައިން ހިފަން އަޅުގަނޑުމެން ކުޑައިރު އުޅޭއުޅުމަކީ ވެސް ފިލައި ނުދާނެ ހަނދާނެކެވެ. މި ލިޔުމުގެ އެންމެބޮޑު ބޭނުމަކީ ނުވަދިހައިގެ އަހަރުތަކުގައި ހަނިމާދޫ ފަޅަށް ވަންނަ ރިންމަސް އައިން ހިފުމަށް އެ ދުވަސްވަރު މަސައްކަތް ކުރެވެމުން އައިގޮތުގެ ހަނދާން އައުކޮށްލުމެވެ. އެ މަޢުލޫމާތު ހިއްސާ ކޮށްލުމެވެ.

ރިންމަސް މިގޮތަށް އައިން ހަދާފައި ވަދެއުޅެނީ ތިލަފަޅާއި ވިލު އޮންނަ ރަށްރަށަށް ކަމަށްވާތީ ރާއްޖޭގައި ގައުމަތީ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް މިއީ އައު ތަޖުރިބާއަކަށް ވުން އެކަށީގެން ވެއެވެ. އަދި މި ކަމަކީ ރާއްޖޭގެ އެކި ހިސާބުގައި ވަރަށް ފޯރީގައި ކޮށްވެސް އުޅޭކަމެކެވެ. ފަހަރުގައި އެކި ހިސާބުގައި މިކަންކޮށްއުޅޭގޮތާއި ބޭނުންކުރާ އާލާތްތައް ތަފާތުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ނުވަދިހައިގެ އަހަރުތަކުގައި މިކަމަކީ ރަށުގެ ކުދިބޮޑު އެންމެން ވެސް ވަރަށް ބޮޑު ޝަޢުގެއް އޮންނަ ކަމެކެވެ. ހުވަން ދިނަށަ ލައިގަނެ އުތުރަށް ވައިބަދަލުވެ އިރުވާވެ މޫދު މަޑުވާ ދުވަސްވަރަކީ މިކަމުގައި އެންމެ ފޯރިގަދަ ދުވަސްވަރެވެ.

ހެނދުނު ހެނދުނާ ރަށުގެ ގޮނޑުދަށުގައި އުމުރުން ދުވަސްވީ ބައެއް މީހުން ރިންމަސް އައިން ހޯދުމަށް ދެކޮޅަށްދެކޮޅަށް ހިނގާ ވެސް އުޅޭނެއެވެ. ރިންމަސް އައިނެއް ފެނިއްޖެނަމަ ރިންމަހޯ......ރިންމަހޯ........ރިންމަހޯ.........މިހެން ވަރަށް ބާރަށް ގޮވަން ފަށާނެއެވެ. ދެން މި އެއަޑު އިވޭ ހަމަ ކޮންމެ މީހަކު ރިންމަހޯ......މިހެން އަޑުގެ ނެތްތަނަށް ގޮވައި ތަކުރާރު ކުރަމުން ގެންދާނެއެވެ. މިހެންގޮސް އިސާހިތަކު ރަށުގެ އެންމެންނަށް މިއަޑު ފޯރާނެއެވެ. މި އަޑު އިވޭހަމަ ކޮންމެ މީހަކު ވެސް އެ ވަގުތު ކުރަންހުރި ކަމެއް އެ ހުރިގޮތަށް ބަހައްޓާފައި ގޮނޑުދޮށާއި ދިމާއަށް ދުވަން ފަށާނެއެވެ. މިކަމުގައި ބޮޑު މީހެއް ކުޑަކުއްޖެއް އަދި އަންހެނެއް ފިރިހެނެއް ތަފާތެއްނެތެވެ. އިސާހިތަކު ރިންމަސް އައިން ފެނިގެން އުޅޭ ދިމާއަށް ރަށުގެ ކުދިބޮޑު އެންމެން ޖަމާވާނެއެވެ.

ހަނިމާދޫގައި ރިއްމަސް ހިފަން މަސްއައިން ބައްދާލަން މީހުން މޫދަށް އެރި މަސްއައިން ބައްދާލުމަށް މަސްކަތް ކުރަނީ

މަސް އައިން ދަތުރުކުރާ ދިމާއަށް ގޮނޑުދޮށުގައި ތިބޭ މީހުން ވެސް ހިނގަމުން ގެންދާނެއެވެ. އައިން ވަށާ ބައްދާލެވޭވަރަށް މީހުން ޖަމާވުމާއިއެކު މަސްއައިން މެދުވާގޮތް ބަލައި ދެފަރާތުން މީހުން މޫދަށްއެރި ފަތަން ފަށާނެއެވެ. އެކަކު ފަހަތުން އަނެއްކަކު މޫދަށް އެރޭނީ ލައިނަކަށް ވާ ގޮތަށެވެ. ދެ ލައިންގަ ވެސް އެންމެ ކުރީގައި ތިބޭނީ އެންމެ ބާރަށް ފަތާ މީހުންނެވެ. މިގޮތަށް ދެފަރާތު ދެ ލައިން ގޮސް ގުޅޭ ގުޅުމަށް ފޫ ބެއްދުން ކިޔައި އުޅެއެވެ. ފޫބެއްދުމަކީ މަސްބަހާއިރު އެކަމަށް ހާއްސަ މަސްބައެއް ލިބޭ ކަމަކަށް ވުމާއިއެކު، އެކަމަށް ޝަޢުޤު އޮންނަ މީހުން ވެސް ނިކަން ގިނަވާނެއެވެ. އަދި ފޫބެއްދުމަކީ ޝަރަފެއް ކަމުގައި ވެސް ބައެއް މީހުން ދެކޭނެއެވެ.

މިގޮތަށް މަސައްކަތް ކުރާއިރު ބައެއްފަހަރު ފޫ ނުބެއްދި މަސްއައިން ކޮށިތެރެއަށް ނުވަދެ ނުކުމެގެން ދާ ފަހަރު ވެސް އާދެއެވެ. އަދި ދެތިން ފަހަރު މިގޮތަށް މަސައްކަތް ކޮށްގެން ވެސް މަސްއައިން ބައްދާލެވޭތަން އާދެއެވެ. އަދި މަސްއައިން ބައްދައި ނުލެވި އައިން ކަނޑަށް ފައިބައިގެން ދާފަހަރު ވެސް މަދެއް ނޫނެވެ.

ހަނިމާދޫ: ރިއްމަސް އައިން ބައްދާލުމުގެ މަސައްކަތް ކުރަނީ

މަސްއައިން ތެރޭގައި ބައެއްފަހަރު މުޑަހަނދި އުޅޭނެއެވެ. މުޑަހަނދި އެ މަސްއައިން ފަހާނަމަ މަސްއައިނުގެ ދުވެލި އިތުރަށް ބާރުވާނެއެވެ. މިއީވެސް ބައެއްފަހަރު އައިން ބައްދާލަން އުނދަގޫވެގެންދާ ސަބަބެކެވެ. ކިތަންމެ ގިނަ ފަހަރު މޫދަށް އެރެގެން މިގޮތަށް މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެއްވެސް މީހެއްގެ ހިތްވަރަކަށް ބަދަލެއް ނާންނާނެއެވެ. ވަރުބަލިކަން އިހުސާސެއް ނުކުރެވެއެވެ. ހަމަ ހުންނަ ޝަޢުޤެއެއްގެ ބޮޑުކަމުން ކަމަށް ވެދާނެއެވެ.

މަސްއައިން ބައްދާލެވުމާއިއެކު މީހުން މަދުވާ ދޭތެރެތަކަށް މީހުން ލައި ހަމަކޮށް ކޮށި ރީތިކޮށްލާނެއެވެ. މަސްއައިން ބައްދާލެވޭފަހުން ވެސް މީހުން ހަމަ އަންނަ ވަރަކުން މޫދަށް އެރި އައިން ބައްދާލުމަށް ހަދާފައިވާ ކޮށްޓާއި ގުޅެމުން ދާނެއެވެ. ބައެއްފަހަރު ވަރަށް ބޭރުން ވެސް އައިން ބައްދާލެވޭތަން އާދެއެވެ. މިހެންވެއްޖެނަމަ އައިން ވަށާ ހެދިފައިވާ ކޮށި އިންގޮތައް ބައިންދައިގެން އެންމެން މަޑުމަޑުން އެއްގަމަށް ފަތަމުން ގެންދާނެއެވެ.

ހަނިމާދޫ: ރިއްމަސް އައިން ބައްދާލާފައި

ރިންމަސް ހިފުމުގައި ދެ ދައު ބޭނުން ކުރާނެއެވެ. އެއްދަލަކީ ފަށްރޯނުން ގަތާފައި އޮންނަ ބޮޑު ދިގު ދަލެކެވެ. އެ ދަލުގެ ދިގު މިނުގައި ސަތޭކަވަރަކަށް ފޫޓު ހުންނަ އިރު ފުޅާ މިނުގައި ފަސްފޫޓު ނުވަތަ ހަފޫޓޫ ވަރު ހުންނާނެއެވެ. ދަލުގެ ކޮންމެ ހަ ފޫޓަކުން ނުވަތަ ފަސްފޫޓަކުން ދަނޑި ލައްވާފައި ހުންނާނެއެވެ. ކޮންމެ ދަނޑިއެއް ވެސް ދަލުގެ ކުރެއްވަށް ވުރެ ބޭރަށް ދެ ތިން އިންޗިވަރު ދެ ފަޅިން ނެރެފައި ހުންނާނެއެވެ. ބޭނުމަކީ ދައު ކޮޅަށް ބަހައްޓާއިރު ބިންމައްޗަށް އެ ދަނޑީގެ ކޮޅު ކޮއްޕާލައި ދައު ރަނގަޅަށް ހިފަހައްޓަން ފަސޭހަ ކުރުމެވެ. ދަލަށް ލައްވާފައި ހުންނަނީ އާންމުކޮށް ދުނބުރި ދަނޑިއެވެ. ނަމަވެސް މަދުމަދުން އުނި ދަނޑި ވެސް ހުންނަކަން ފާހަގަ ކުރެވެއެވެ. ރަށުގައި މީގެ ދެ ދައު އޮންނާނެއެވެ. އުތުރު އަވަށު ދައު އޮންނާނީ އޮޅާލުމަށް ފަހު އުތުރު އަވަށުގެ އެންމެގިނަ މީހުން ޖަމާވާ ހޮޅުއަށީގައި އެލުވާފައެވެ. ދެކުނު އަވަށު ދައު އޮންނާނީ  އޮޅާލުމަށް ފަހު ދެކުނު އަވަށުގެ އެންމެ ގިނަ މީހުން ޖަމާވާ ހޮޅުއަށީގައި އެލުވާފައެވެ. އެ ދުވަސްވަރަކީ އަވަށު ވާދަވެރިކަން ކޮންމެވެސް ވަރަކަށް އޮންނަ ދުވަސްވަރަކަށް ވާތީވެ ކޮންމެ އަވަށެއްގައި ވެސް ދަލެއް އޮންނަނީ ކަމަށް ޤަބޫލް ކުރެވެއެވެ. މި ދައުތަކަކީ ރަށުގެ އިސްރަށްވެހުންގެ އަމިއްލަ މަސައްކަތުން ތައްޔާރު ކޮށްފައިވާ ދައު ތަކެކެވެ. ދެވަނަ ދައުގެ ވާހަކަ އެ ދައު ބޭނުންކުރާ ހިސާބަށް ދިޔުމުން ބަޔާން ކުރާނަމެވެ.

މަސްއައިން ރަނގަޅަށް ބައްދާލެވި ހަމަޖެހިލެވުމުން ގައިގައި ވަރުހުރި ޒުވާންފުރާގެ ހަތަރު ވަރަކަށް މީހުން ދައު ބަލައި، ދައު އޮންނަ ހޮޅުއައްޓާއި ދިމާއަށް ދުވެފައި ދާނެއެވެ. ދައު ހިފައިގެން އެނބުރި އަންނާނީ ވެސް ހަމަ ކޮނޑަށް ލައިގެން ދުވެފައެވެ. ރިންމަސް ހިފުމުގައި ހަރަކާތްތެރިވާ ހުރިހާ އެންމެން ވެސް އެ ވަގުތު މަސައްކަތް ކުރަމުންދާނީ ވަރަށް ވަރުގަދަ ޖޯޝެއްގައެވެ. ބުނެވިފިޔަ ދަލަކީ ރޯނުދަލަކަށްވެފައި އަދި ދަލުގެ ހުރަހަށް ގިނަ ދަނޑިތަކެއް ލައްވާފައިވުމާއިއެކު އޮޅާލާފައު އޮތަސް އެ ދައު ފުދޭވަރަކަށް ބޮޑުވާނެއެވެ. ހެޔޮވަރުގެ ބަރުދަނެއް ވެސް ހުންނާނެއެވެ.

ހަނިމާދޫ: ރިއްމަސްބައި ބައްދާލައިގެން ގޮނޑު ދޮށަށް ގެނެސްފައި

މަސްއައިނުގެ ވަށައިގެން ހެދިފައިވާ މީހުންގެ ކޮށި އައްދޮށަށް އައުމާއިއެކު، ރޯނުދައު ކޮށީގެ ވަށައިގެން ނިގުޅާލާނެއެވެ. އެއަށްފަހު ކޮށި ވަރަށް ބޮޑަށް ކުޑަ ކޮށްލާނެއެވެ. ކޮށި ކުޑަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮށީގެ ތެރެއިން މަސްތަށް އަތުލަން ފަސޭހަކުރުމެވެ. ކޮށި ކުޑަކުކޮށް އެ ކޮށިން މަސް ހިފުމަށް އިތުރު ކަންވާރު ނަނުން ގަތާފައި އިންނަ ދައު ބުރިއެއް އޮންނާނެއެވެ. އެ ދައުބުރީގެ ސީދާ ދިގުމިނެއް ބުނަން ނޭނގުން ނަމަވެސް ލަފާކުރެވޭ ގޮތުގައި އެ ދައު ބުރީގެ ކޮންމެ ފަރާތެއްގެ ދިގުމިނުގައި ވިއްސަކަށް ފޫޓު ހުންނާނެއެވެ.

ހަނިމާދޫ: ރިއްމަސްބައި ރަނގަޅަށް ބައްދާލާފައި އަދި މަސްތައް އެއްގަމަށް އަރުވަން ފަށާފައި

އެ ދައުބުރި ހިފައިގެން ކޮށީގައިވާ މަސްތައް ހިފަން އާންމުގޮތެއްގައި ވަންނާނީ އެ ދުވަސްވަރު ރަށުގެ ނަގާކިޔާ ހަރު އުމުރުގެ ފަރާތްތަކެވެ. ދެން ބާކީތިބި އެންމެން ކޮށީގެ ވަށައިގެން، ރޯނުދައު ހިފަހައްޓައިގެން ތިބޭނެއެވެ. ކޮށީގައި މުޑަހަންޖެއް އުޅޭނަމަ އެ އަތުލަން ހަރުފުރާގެ ބައެއް މީހުންނާއި ޒުވާން ކުދިން ވަރަށް ފޯރި ހުންނާނެއެވެ. އެ މަސް އަތުލަން ބައެއް މީހުން ޝަޢުޤުވާ ދެ ސަބަބެއް އޮވެއެވެ. ފުރަތަމަ ސަބަބަކީ އެ މަހަކީ ކޮށީތެރޭން އެ މަސް އަތުލާ މީހާގެ ހައްގަކަށް ވުމެވެ. އަނެއް ސަބަބަކީ އެ މަސް އަތުލުމަކީ މާ މޮޅުކަމެއް ކަމުގައި ބައެއް މީހުންނަށް ދެކެވުމެވެ.

ހަނިމާދޫ: ރިއްމަސްބައި އެއްގަން ކުރަނީ

މަސްތައް އެއްގަމަށް ލުމަށްފަހު އޮނާނީ މަސް ގުނުމެވެ. މަސްތައް ފުންޏަކަށް ޖެހުމަށް ފަހު މަސް ގުނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނީ އަވަށް ތަކުގެ ނަގާކިޔާ ހަރު އުމުރުގެ މީހުންނެވެ. ދެމަހުން ދެމަހުން ގުނަމުން ގޮސް ކޮންމެ ސަތޭކަ މަހަކަށް ވަކިން މަހެއް ބާއްވަމުން ދާނެއެވެ. އެއީ މަސް ގުނަމުނދާއިރު ވާވަރު ބަލަންތިބޭ މީހުނަށް ވެސް ދެނެގަތުމަށް ފަސޭހަ ކުރުމަށާއި، ގުނުން އޮޅުމުގެ ފުރުޞަތު ކުޑަ ކުރުމަށް ބާއްވާ މަހެކެވެ. މިހެންގޮސް ގުނާ ނިމި ޖުމްލަ އަދަދު ބެލުމަށް ފަހު މަސް ބަހަން ފަށާނެއެވެ.

ހަނިމާދޫ: ބެހުމުން ލިބުނު ރިއްމަސް ގެއަށް ގެންދަން ތައްޔާރުކޮށްފައި

މަސް ބެހުމުގައި މަސް ހިފަން މޫދަށް އެރުނު ކޮންމެ މީހަކަށް "ވަކަގަނޑު މަސް" ކިޔާ މަސްބައެއް ލިބޭނެއެވެ. މަސްއައިން ބައްދާލި މީހާއަށް "ފޫބެއްދި މަސް" ލިބޭނެއެވެ. މަސްއައިން ހޯދި މީހާއަށް ވެސް ހާއްސަ މަސްބައެއް ދޭނެއެވެ. ގިނައަދަދަކަށް މަސް ހިފިއްޖެނަމަ ރަށުގެ ކޮންމެ ގޭބިސީއަކަށް ކަނޑައެޅޭ އަދަދަކަށް މަސް ދޭނެއެވެ.

މަސް ހިފާނިމުމާއި އެކު މަސް ހިފަން ބޭނުންކުރި ދެ ދައު އަވަށު ބޮޑުވަޅުން ފެންލައި އަތިރިމަތީގައި ފަތުރާފައި އޮންނާނެއެވެ. ދައު ހިކުމުން އަނެއްކާވެސް އޮޅާލުމަށް ފަހު ހޮޅުއަށީގައި އެލުވާފައި ބާއްވާނެއެވެ.

ރިންމަސް ކަމަށް ހީކޮށް ބައެއް ފަހަރު މާތޮޅިޔާއި މާނިޔާމަސް ވެސް ހިފާފައި އެބަހުއްޓެވެ. ބައެއް ރަށްރަށަށުގައި ލައްޓި އައިން ވެސް މިގޮތަށް ހިފާ އުޅެއެވެ.

ބަޔާންކޮށްލެވިފައި އެ ވަނީ އަޅުގަނޑު މެންނާއި ހިސާބަށް މިކަން އައި އިރު ކުރެވެމުން ދާ ގޮތެވެ. ނަމަވެސް އައްޑިހައިގެ އަހަރު ތަކުގައި މިކަން ކުރުމުގައި ތަފާތުތަކެއް ހުންނާނެ ކަން ޤަބޫލުކުރެވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.