ށ. ފޯކައިދޫން 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވެވް، އެރަށަށް އިތުރު ހާސްކަން ވެރިވެއްޖެއެވެ.
މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުން ނެގުނު ޖުމްލަ 45 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލް ޕޮޒިޓިވް ވެފައިވާކަން ފޯކައިދޫ ސިއްޙީ މަރުކަޒުން މިއަދު ވިދާޅުވިއެވެ.
އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުން ދަނިކޮށް، ރޯގާގެ އަލާމާތް ފެނި، ނޭވާކުރުވާން ފެށުމުން ސާމްޕަލް ނަގައި ޓެސްޓް ކުރުމުންނެެވެ.
މި ބަބްލްގައި އެމީހާއާއި އެކު ދިޔަ އާއިލާގެ 4 މީހަކު ކަރަންޓީން ކުރެވުނުއިރު އޭގެތެރެއިން އެކަކު ވަނީ ޕޮޒިޓީވް ވެފައެވެ.
ފޯކައިދޫ ސިއްޙީ މަރުކަޒުގެ މެނޭޖަރ އަޙްމަދު އަންވަރު "ތިލަދުން" އަށް ވިދާޅުވީ 12 ވަނަ ދުވަހުގެ ކޭސް އާއި ގުޅިގެން ނެގުނު ސާމްޕަލް ތަކުގެ ތެރޭގައި ހިމެނެނީ 23 ޑައިރެކްޓް ކޮންޓުންނެވެ. ދެން ނެގުނު ސާމްޕަލްތަކަކީ އެ ކޭސް ޕޮޒިޓިވް ވުމުގެ 7 ދުވަސްތެރޭ އެ ރަށު ފުލޫ ކުލިނިކަށް ދެއްކި މީހުންގެ އިތުރުން އަމިއްލައަށް ފާމަސީ އިން ފުލޫއަށް ބޭސް ގަތް ފަރާތްތަކުންނެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާއިރު ކައުންސިލުން ދޭ ޚާއްސަ ހުއްދަ ނެތް ފަރާތްތަކުން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ނުދިއުމަށް އަންވަރު އިލްތިމާސް ކުރެއްވިއެވެ.
އެގޮތުން، އެރަށު ކައުންސިލާއި ޓާސްކް ފޯސް އަދި މަރުކަޒުގެ ޓީމުން ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ކަމަށް އަންވަރު ފާހަގަކުރެއްވިއެވެ.
"ޑައިރެކްޓް ކޮންޓެކްޓުން ނޫން މީހުންވެސް ތިބި ޕޮޒިޓިވް ވެފަ. އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ރަށުގަ މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް، ނަމަވެސް އެކަން ކަނޑައަޅާނީ އެޗްޕީއޭއިން " މެނޭޖަރ އަންވަރު ވިދާޅުވިއެވެ.
މީގެ އިތުރުން އަންވަރު ވިދާޅުވީ މިހާރު އެރަށުގައި 38 ގެއެއް ކަރަންޓީނު ކުރެވިފާވާކަމަށާއި މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކް ޓްރޭސިން ނިމޭއިރު މި އަދުދު 3 ގުނަ އިތުރުވުން އެކަށީގެންވާ ކަމަށެވެ.
އަދި ނެގުނު ސާމްޕަލްތަކުގެ ތެރެއިން 2 ސާމްޕަލެއްގެ ނަތީޖާ އަލުން ނަގަން ޖެހި، އަލުން ފޮނުވާފާ ކަމަށާއި އެ 2 ސާމްޕަލް ވެސް ބޮޑަށް ލަފާ ކުރެވެނީ ޕޮޒިޓިވް ވާނެ ކަމަށް ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.
" އަޅުގަނޑުމެން އުންމީދު ކުރަމުން އައި ދުވަހެއް ނޫން މިއައީކީ، ހަމަ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އައިސް މިހެން މި ދިމާވީ އެހެންނަމަވެސް، މިކަން މިއޮތީ ކުރިމަތިވެފަ އެހެންވީމަ ރައްޔިތުންގެ އެއްބާރުލުން މިކަމަށް ބޭނުންވާނެ. އެންމެ މުހިންމުކަމަކަށް، ކޮންމެހެން ތަނަކަށް ދާން ޖެހިގެން ނޫނީ ނުދިއުމަށް އަޅުގަނޑު އިލްތިމާސް ކުރަން. މިކަމަކީ އެންމެންގެ ކަމެއް ކަމަށް ދެކިގެން، ފަރުދީ ޒިންމާ ނަގާ ކައުންސިލާއި އަދި ގުޅުން ހުރި މުއައްސަސާތަކުން އަންގާ އެންގުންތަކަށް ބޯލަނބައި އެކުގައި މަސައްކަތް ކުރުމަށް އެދެން. " އަންވަރު ވިދާޅުވިއެވެ.
12 ވަނަ ދުވަހެގެ ކޭސް އާއި ގުޅިގެން ޖުމްލަ 32 މީހަކު ޕޮޒިޓިވް ވެފާވާއިރު މީގެ ކުރިންވެސް އެރަށުން ވަނީ ހޯމް ކަރަންޓީނުގައި ހުރި ބައެއް ފަރާތްތަކުން ޕޮޒިޓިވް ވެފައެވެ. އެހެންނަމަވެސް، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ މިފަދަ ނުރައްކާތެެރި ހާލަތަކަށް ފޯކައިދޫ ހުށަހެޅުން މިއީ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!