ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.

އެ ކޯޓުން މައްސަލަ ބޭރުކޮށްލާފައި ވަނީ މައްސަލަ ހުށަހެޅިފައިވާ ގޮތަށް އިސްތިއުނާފީ ދަޢުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް މިހިނދުގައި ނެތްކަމަށް ކަނޑައަޅާފައެވެ.

Ad
rt

އެ މައްސަލާގެ އަޑުއެހުމުގައި ޕީޖީ އޮފީހުން ވަނީ އަލީ ވަހީދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް ހައިކޯޓުގައި އެދިފައެވެ.

އަލީ ވަހީދު މިވަގުތު ހުރީ ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައެވެ. އޭނާ ބޭސްފަރުވާއަށް ދިޔައީ އެ މައްސަލަ ފެންމަތިވުމުން އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން ހަތަރު މަހަށް ޕާސްޕޯޓު ދޫކުރުމުންނެވެ.

އެކަމަކު ހަތަރު މަސްފަހުން ވެސް އެނބުރި ވަޑައި ނުގެން އެންމެ ފަހުން ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ބޭސްފަރުވާ ނުނިމޭ ކަމުގެ ލިޔެކިޔުން ހުށަހަޅާ އެކަމަށް އެދުމުންނެވެ.

އެހެންނަމަވެސް ޕީޖީ އޮފީހުން އެ ނިންމުމަށް ދެކޮޅު ހަދަމުން އަންނަނީ އޭނާ ހުންނެވީ އިނގިރޭސިވިލާތުގައި ކަމުން އެތަނަކީ ރާއްޖޭގެ އިހްތިސާސް ހިނގާ ތަނަކަށް ނުވާތީއެވެ. އެހެންވެ އެނާގެ ޕާސްޕޯޓު އަނެއްކާ ވެސް ހިފެހެއްޓުމަށް ކޯޓު އަމުރަކަށް ވެސް އެދިފައިވެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމާފައެވެ.