ދިވެހީން އާފަލު ގަސް ހެއްދުމުގައި

616D767F-DBDE-40FA-8C04-DB184AE34BD2-p9sqapjq2cqaxksvur9rzmie3tinaxgll7ao6e7no4

  •  
  •  
  •  
  •  
  •  
  •  
  •  

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާފަލު ގަސްތަކުގެ ފޮޓޯ ފޮނުވުމަށް ހުބާ ޕްލާންޓްސް އިން ވާނީ ދާދިފަހުން އެދިފައެވެ.

މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުން އެކި ރަށްރަށުގައި ހުރި އާފަލު ގަސްތަކުގެ ފޮޓޯ ވަނީ ލިބިފައެވެ. އަދި އެ ގަސްތަކުގެ ވެރީން އެއް ޕްލެޓްފޯމަކަށް ގެނެވި ޕޯލްތަކެއް ކުރިއަށް ގެންދެވުނެވެ.

މި ފަހަރު މިގެނެސްދެނީ މިގޮތުން ލިބުނު ފޮޓޯތަކާއި ޕޯލްތަކުގެ ނަތީޖާ އަދި ފާހަގަކުރެވުނު ކަންކަމާއި އެންމެ ރަނގަޅުގޮތުގައި އާފަލު ގަސް އިންދައި ހެއްދުމުގައި ސަމާލުވާންވީ ކަންކަމެވެ.

ޕޯލްތަކުގެ ނަތީޖާ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އާފަލު ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް ހަމަގައިމުވެސް ފެނިއްޖެއެވެ.
ލިބުނު ފޮޓޯތަކާއި ކުރެވުނު ޚިޔާލުބަދަލުވުން ތަކުން ފާހަގަކުރެވޭ އަދި ރަނގަޅުކޮށްލަން ފެންނަ ކަންތައްތަކެއް އެބަހުއްޓެވެ.

އޮށުން ގަސް ފަޅުވައިގެން ހެއްދުން

ބައިނަލްއަޤްވާމީ ބާޒާރަށް ނެރުމަށް ގިނަ އަދަދަކަށް އުފައްދައިގެން ބާޒާރުތަކަށް ނެރެ ވިއްކާ ހުރިހާ މޭވާ ތަރުކާރީގެ ބާވަތްތަކަކީވެސް މިހާރު ހައިބްރިޑް ބާވަތްތަކެވެ. ހައިބްރިޑް އާފަލަކުން ނަގާ އޮށަކުން ފަޅައިގެން ހެދޭ ގަހެއްގައި އާފަލު އެޅުމުގެ ފުރުޞަތު ވަރަށް ކުޑައެވެ. ނަމަވެސް ދިވެހީންގެ ތެރޭގައި ގިނައިން އާފަލު ހައްދައި އުޅެނީ އޮށުން ގަސް ފަޅުވައިގެން ކަމަށް ބެލިދާނެއެވެ. މީގެ ބަދަލުގައި ނާސަރީއެއް ނުވަތަ ގަސް ވިއްކާ ފިހާރައަކުން ގަނެގެން ނުވަތަ ފޯދިފައި ހުންނަ މަންމަ ގަހަކުން ގޮފީގައި ވެލި ބަނދެގެން އާފަލު ހެއްދުން ބުއްދިވެރިއެވެ. އާފަލު ގަސް ގެންގުޅޭ މީހުން ހޯދުމަށް މިކުރި ‘ދަތުރުގައި’ ދިމާވި ޒުވާނެއް ކަމަށްވާ މުޙައްމަދު ޝިޔާމް އޭނާގެ ގަހުން ގޮފި ހަދިޔާކުރެއެވެ.

ފެން ނުދެވުން
ފުރަތަމަ ފާހަގަކުރެވުނުކަމަކީ ގޭގޭގައި ހުރި އާފަލްގަސްތަކަށް ބޭނުންވާ މިންވަރަށް ފެން ނުދެވޭ ކަމެވެ. އެހެން ކަމުން މަދުވެގެން ހަފުތާއަކު 1 ދުވަހު ގިނަވެގެން ދެ ދުވަހުން އެއްދުވަހު ވިއްސާރަ ނޫންނަމަ  އާފަލު ގަސްތަކަށް  ފެންދިނުމަށް ލަފާދެމެވެ. ފެންދޭއިރު ދޭންވާނީ ކުޑަގަހެއް ނަމަ ގަހަށާއި ފަތްތަކަށް ވެލި ނުބުރާނޭ ގޮތަށެވެ.

ބައުންޑަރީއެއް ނެތުން
ގަހުގެ ބުޑަށް ފެނާއި ކާނާ ދޭއިރު ފެނާއި ކާނާ މޫތަކާއި ވަށަމިނުގައި ހިފެއްޓުމަށް ބާރުއެޅުމަށް ބައުންޑަރީއެއް ނެތްކަން ފާގަހަކުރެވުނެވެ. އެހެންކަމުން ގަހުން ފެށިގެން ބޭރަށް ފަރާތަކުން 2 ފޫޓް ހުންނަ ވަރުގެ ހަތަރެސްކަން ނުވަތަ ރޭޑިއަސްގައި 2 ފޫޓް ހުންނަ ތިރި ބެޑެއް ހެދި ދާނެއެވެ. ގަހުގެ ފަތްތަކުގެ ވަށައިގެން ވާ ސަރަހައްދަކީ ގަހުގެ މޫތައް ހުންނާނެ ހިސާބުކަމުގައި ބަލާށެވެ. ފެނާއި ކާނާ ގަހަށް ނަގާނީ މޫތަކުންނެވެ.

ގަހަށް ކާން ނުދެވުން

ރަށްރަށުގައި ގޭގޭގައި ހުރި ގިނަ އާފަލު ގަސްތަކަށް ކާނާ ނުދެވޭ ކަން ފާހަގަކުރެވުނެވެ. ކޮންމެ 3 މަހަކުން ބުޑުދަށުގެ ވެލިގަނޑު ހާވައިލުމަށްފަހު ގެރިގުއި ނުވަތަ ޔުނިގުރޯ ނުވަތަ އެހެންވެސް ބާވަތެއްގެ ކާދެއް ބުޑުދަށަށް އަޅައި ފަސްގަނޑާ އެއްކޮށްލުން މުހިއްމެވެ.  އަދި ފަތަށް އަންނަ ބަދަލަށް ބަލައި އިތުރު ކާނާ ދެމުން ގެންދިޔުން މުހިއްމެވެ. މިސާލަކަށް ގަހުގެ  ތިރިން ފެށިގެން ދުވަސްވީ  ފަތްތަކުގެ ކައިރިފަށް ވަށައިގެން މުށިކުލައަކަށް ބަދަލުވެ އަނދާނަމަ 8.24.24  އޮށްކާނާ ފަދަ ސިންތެޓިކް ކާނާއެއް ގަހާ އެކަށޭނަ މިންވަރަށް ދޭށެވެ. ކުރިތައް އަނދާނަމަ ނުވަތަ ފަތުގައި އަނދާފައި ހުންނަ ބޮޑެތި ވަށް ލައް ޖަހާނަމަ ބިސްތޮށި ނުވަތަ މެގްސިކަލް ފަދަ ކެލްސިއަމް އެކުލެވޭ ޚާއްޞަ ކާނާއެއް ދޭށެވެ. މައު ޅާނަމަ ޕޮޓޭސިއަމް މަތި ކާނާއެއް ދެވިދާނެއެވެ. މައު އާފަލަށް ނުވާނަމަ ޑޯޒު މަތި ޕޮޓޭސިއަމް އެކުލެވޭ ކާނާއެއް ދޭށެވެ. މޭވައާއި ތަރުކާރީ ތޮށި ގަސްބުޑަށް އަޅާނަމަ މިފަދަ މައްސަލަތައް ކުރިމަތިވުން މަދުކޮށްދޭނެއެވެ.

އެންމެ އާފަލުގަހެއް ހެއްދުން

އެ ގައުމެއްގައި އާއްމުކޮށް ނުހެދޭ އަދި ބޭރުން ގެންނަ ގަހަކީ އެގްޒޯޓިކް ގަސްތަކެވެ. މިފަދަ އެގްޒޯޓިކް ހުރިހާ ގަހެއްގައިވެސް މައު އަޅައި މޭވާ އެޅުމަށް އެއްގަހަށް ވުރެ ގިނަ ގަސް ބޭނުންވެއެވެ. އެހެންކަމުން އެއް އާފަލު ގަހާ އަނެއްގަހުގެ ދުރުމިން ގާތްގަނޑަކަށް 5 ފޫޓާއި 15 ފޫޓާއި ދުރުމިނުގައި ބަހައްޓައިގެން އެންމެ މަދުވެގެން ދެ ގަސް ހެއްދުން މުހިއްމެވެ. ދެ ގަސްވެސް ވާންވާނީ އެއް ވައްތަރެއްގެ 2 ގަހަށެވެ.

ހެދޭނެ ގޮތަކަށް ހެދެން ދޫކޮށްލުން
ލިބުނު ފޮޓޮތަކުންނާއި ދެކެވުނު ވާހަކައިން އެނގިގެން ދިޔަ އަނެއްކަމަކީ ގިނަމީހުން އާފަލު ގަސް މާދިގުކޮށް އަދި ހެދޭނެ ގޮތަކަށް ހެދެން ދޫކޮށްލާފައި ވާކަމެވެ. މި އާދަ ބަދަލުކޮށް4 ފޫޓަށް ގަސް ހެދުމުން ގަހުގެ މައިކުރި ކަތިކޮށް ބުރިކޮށްލާފައި ބުރިކޮށްލިތަނުގައި ވައިޓްގްލޫ ނުވަތަ ފޮނިތޮށި ކުނޑި ފަދަ އެއްޗެއް އަޅައި ހީލްކޮށްގެން، އެހިސާބުން ގިނަ ގޮފި ޖައްސުވައިގެން 6 ފޫޓަށް ވުރެ ދިގު ނުވާނޭހެން ޕްރޫންކޮށްގެން (ކުރިތައް ކޮށައިގެން) ގަސް ބެލެހެއްޓުން މުހިއްމެވެ.

ހަވާސާ ނޫންތަނެއްގައި ގަސް ހުރުން
ފާހަގަވާ ކަމަކީ ގިނަ އާފަލު ގަސްތައް ހުރީ މާބޮޑަށް ބެދިފައި އަދި ހާވާސާ ނޫން ތަންތަނުގައި ކަމެވެ. ބައެއް ގަސް ހުރީ ފާރެއް ފަދަ ތަނެއްގެ ކައިރީގައެވެ.ގަސް ހުންނަންވީ ޖާގަ އޮތް މަތި ނުބެދި ހުންނަ ތަނެއްގައެވެ. އަދި ގަހުން ފެށިގެން ވަށައިގެން މަދުވެގެން 5 ފޫޓުގެ ޖާގަ އޮންނަ ތަނެއްގައެވެ. މިހާރު ޖާގަ ކުޑަ ތަނެއްގައި ގަސްހުރި ނަމަ ވިއްސާރަ ދުވަސްވަރެއް ބަލާފައި ފަސްގަނޑާ އެކު މޫތައް ނުކަނޑައި ގަސް ހުރިތަނުން ނަގައިގެން ހަވާސާ ބޮޑު ތަނަކަށް ބަދަލުކުރާށެވެ.

ބޭސް ޖެހުމުގައި ސަމާލުވުން

ބައެއް ފަރާތްތަކުން އާފަލު ހެއްދުމުގައި ވެސް ބޭހާއި ކާނާގެ ތަފާތު އޮޅުވާލައި، ގަހުން ކާނާ އުނިވުމުން ރިހާކުރުބޭސް ފަދަ ބޭސް ބޭނުންކޮށްގެން ޙައްލު ލިބޭކަން ފާހަގަކުރިއެވެ. ގަހަށް ދިމާވެފައިވާ މައްސަލައިގެ ގޮތުން ޙައްލު ލިބިދާނެއެވެ. ނަމަވެސް ރިހާކުރު ބޭސްފަދަ ގިނަ ބޭސްތަކަކީ ގޭތެރޭގައި އެއްގޮތަކަށްވެސް ބޭނުންކޮށްގެން ނުވާނެ ބޭސްތަކެވެ. އެހެންކަމުން ބޭހާއި ކާނާގެ ތަފާތު އަދި ބައްޔަކީ ކޮބައިކަން ދަސްކޮށް ބޭސް ޖެހުމުގައި ރަނގަޅު މަޢުލޫމާތު ހޯދައިގެން ބައްޔާއި ގުޅޭ ބޭސް ބޭނުންކުރަން ޖެހެއެވެ.

ކޮންމެއަކަސް ދިވެހިރާއްޖޭގައިވެސް އާފަލު ގަސް އެބަހުއްޓެވެ. އަދި މިކަންކަމަށާއި ކަމާބެހޭ މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން އާފަލު ގަސް އިންދާ ހަދަން އުޅެފި ނަމަ ދިވެހި ބިމުގައިވެސް ރަނގަޅަށް އާފަލުގެ ބައެއް މަދު ވެރައިޓީތައް ހެއްދިދާނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.